އޮސްޓްރޭލިއާގެ ސިޑްނީގައި 16 ފެބްރުއަރީ 1982 ގައި އުފަންވި އަލީ ބަނާތު އަކީ މިހާރު މުޅި ދުނިޔެ އެމީހަކަށްޓަކައި ފަޚުރުވެރިވާ އެތައް ބައެއްގެ ހެޔޮ ދުޢާ ލިބިގެންވާ މީހެކެވެ.
މުސްލިމް މި މަހުޖަނަކީ ދުނިޔޭގައި ހޭދަކުރި 36 އަހަރު ތަފާތު ދިރިއުޅުމެއް އުޅެފައިވާ ޒުވާނެކެވެ. އޭނާގެ މިލްކިއްޔާތުގައި ފައިސާ ނުހަނު ގިނައިން ހުއްޓެވެ. މަޝްހޫރު ބްރޭންޑްތަކުގެ ކާރުތަކުގައި އޭނާގެ ހަޔާތުގެ ކުރީކޮޅު ހޭދަކުރިއެވެ. އަގުބޮޑު ބްރޭންޑެޑް ގަޑި އާއި އަންނައުނު ބޭނުން ވަރަކަށް ހުއްޓެވެ. ޒުވާން އުމުރުގައި ވިޔަފާރި ކުރިއަރުވާ މިލިއަނަރެއްގެ ލަޤަބު ޙާސިލްކޮށްފައިވާ މި ޒުވާނާގެ ހަޔާތުގައި އުޅެމުން ދިޔައީ ނުހަނު ތިޔާގި ކަމާ، އުފަލުގައެވެ. އެއްވެސް ހާސް ކަމެއް ނެތިއެވެ.
ޢަލީ ބަނާތުގެ ހަޔާތަށް ހީނުކުރާ ފަދަ ބަދަލެއް އައީ 2015 ވަނަ އަަހަރުގައެވެ. އޭނާގެ ދިރިއުޅުމަށް ތޫފާނެއް އައި ކަހަލައެވެ. ކެންސަރު ޖެހިފައިވާކަމާއި ހުރީ ކެންސަރުގެ 4 ވަނަ ސްޓޭޖްގައިކަން އެނގުމުން އޭނާއަށް ޝޮކެއް ލިބުނެވެ. އެންމެ 7 މަސް ދުވަސް އޭނާގެ ޙަޔާތުގައި އޮތްކަމަށް ޑޮކްޓަރުން ބުނުމަކީ އޭނާއަށް ޤަބޫލުކުރަން ދަތި ކަމަކަށް ވިއެވެ. އެހެން ނަމަވެސް އޭނާއަށް ލިބުނު މި ޚަބަރަކީ ހިތާމަވެރި ޚަބަރެއް ކަމަށް އޭނާ ބަލައިގަތުމުގެ ބަދަލުގައި މިއީ ހިތްހަމަޖެހުމެއް ކަމަށް އޭނާ ބެލިއެވެ. "ކެންސަރު" މިއީ އޭނާއަށް ލިބުނު ހަދިޔާއެއް ކަމަށް އޭނާ ދެކުނެވެ.
ޙަޔާތަށް ލިބުނު ކުއްލި ސިހުމާއިއެކު އުޅުމުގެ ބަދަލުގައި އޭނާ ދުނިޔެއަށް އައި އަސްލު މަޤްޞަދު ޙާސިލް ކުރުމަށް އޭނާ އަވަސްވެގަތެވެ. ދެވަނަ ވިސްނުމަކާއި ނުލާ އޭނާގެ މުއްސަނދިކަން ހާލުގައި ޖެހިފައި ތިބި ނިކަމެތިންނަށް ހަދިޔާ ކުރުމަކީ އުފަލެއް ކަމުގައި އޭނާ ދެކުނެވެ. 2015 ވަނަ އަހަރު "މުސްލިމްސް އެރައުންޑް ދަ ވޯލްޑް" ނަމަކަށް ކިޔާ ޕްރޮޖެކްޓެއް އޭނާ ފެއްޓިއެވެ. އެފްރިކާގެ ޓޯގޯގެ އޭރިއާތަކުގައި އުޅޭ ނިކަމެތިންނަށް އަމާޒުކޮށްގެން އޭނާ ފެއްޓި މި ޕްރޮޖެކްޓް ވެގެން ދިޔައީ ވަރަށް ކާމިޔާބު ޕްރޮޖެކްޓަކަށެވެ.
ފުއްޕާމޭގެ ކެންސަރާއި ހަނގުރާމަ ކުރަމުން އޭނާގެ ދިރިއުޅުމާއި ބެހޭގޮތުން އަލީ ބަނާތު ބުނެފައިވަނީ އޭނާގެ ޙަޔާތުގެ އެ ހިސާބުން ކެންސަރު ހަދިޔާއެއް ގޮތުގައި އޭނާއަށް ލިބިފައިވާ ކަމަށެވެ. އެކަމަށް އޭނާ ﷲ އަށް ޙަމްދު ކުރާ ކަމަށްވެސް ބުނެފައިވެއެވެ. އޭނާގެ ދިރިއުޅުމުގެ ބާކީ ދުވަސްތައް ނިކަމެތިންނަށް އެހީވުމުގައި ހޭދަކުރުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
މީހުންނަށް އެހީތެރިވެ ދިނުމަށް ފަންޑު ހޯދުމަށް އޭނާ ވަނީ އޭނާގެ އަމިއްލަ ފަންޑެއް ކަމަށްވާ "ގޯ ފަންޑް މީ" ހުޅުވާފައެވެ. އެއަށް ލިބޭ ފަންޑުން މީހުންނަށް އެހީތެރިވުމުގައި އޭނާ ކުރިޔަށް ދިޔައެވެ. މިގޮތަށް ހޭދަކުރުމުގެ ސަބަބުން ކޮމަންވެލްތް ބޭންކް އޮފް އޮސްޓްރޭލިއާގައި އޭނާ ހުޅުވާފައި ހުރި ޗެރިޓީ ބޭންކް އެކައުންޓް 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހުގައި އޭނާއަށް އެންގުމަކާ ނުލައި ވަނީ ބަންދުކޮށްފައެވެ. އަލީ ބަނާތު ބުނެފައިވަނީ އެހެން ކަންތައް ކުރީ އޭނާ މުސްލިމުންނަށް އެހީވާތީ ކަމަށް ބެލެވޭ ކަމަށެވެ.
އަލީ ބަނާތުގެ "މުސްލިމްސް އެރައުންޑް ދަ ވޯލްޑް" ޕްރޮޖެކްޓްގެ ދަށުން ގިނަ ފަރާތްތަކުގެ ދީލަތި އެހީއާއިއެކު ޓޯގޯގެ އަވަށްތަކުގައި ވަނީ ގެތަކާއި، ސްކޫލްތައް އަި މިސްކިތްތައް ބިނާކޮށްފައެވެ. ދަތުރުފަތުރު ކުރުމަށް ފަސޭހަ ކުރުމަށް މީހުންނަށް ބަސް އަދި ސައިކަލްފަދަ ތަކެތި ވަނީ ހަދިޔާ ކޮށްފައެވެ.
7 މަހުގެ މުއްދަތު އަލީ ބަނާތުގެ ޙަޔާތުގައި ބާކީ އޮތްކަމަށް ޑޮކްޓަރުން ބުނި ކަމުގައިވިޔަސް މާތްކަން ބޮޑު ނިކަމެތިންނަށް އެހީތެރިވުން ފަދަ ޚިދުމަތުގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ މަގުގައި ހޭދަ ކުރުންމަތީ އިތުރު 3 އަހަރު އޭނާވަނީ މިދުނިޔޭގައި ހޭދަކޮށްފައެވެ. 29 މެއި 2018 ވަނަ ދުވަހު އޮސްޓްރޭލިއާގެ ސިޑްނީގައި އަލީ ބަނާތު މި ފަނާވަނިވި ދުނިޔެ ދޫކޮށް އާޚިރަތަށް ދަތުރުކުރި އިރު އޭނާއަށް ވަނީ އެތައްބައެއްގެ ހެޔޮއެދުން ލިބިފައެވެ.
އެތައް ސަތޭކަ މީހުން ޖަނާޒާގައި ބައިވެގެން ދިޔައިރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެތައް ހާސް މީހުން އޭނާއަށް ހެޔޮދުޢާ ކުރިއެވެ. އޮސްޓްރޭލިއާގެ މުސްލިމް ސްކޮލާއެއް ކަމަށްވާ ޝެއިޚް އަބޫބަކުރު ޒައުދު ވަނީ އަލީ ބަނާތުގެ ޖަނާޒާގައި ބައިވެރިވެފައެވެ.
ޢަލީ ބަނާތުގެ އެންމެ ފަހުގެ މެސެޖަކީ "ދިރިއުޅުމަކީ، މަރަކީ އަދި އާޚިރަތަކީ ޖޯކެއް ނޫން" މިއެވެ.
ޢަލީ ބަނާތު ދުނިޔެ ދޫކޮށްފަ ދިޔައީ އެތައް ބަޔަކަށް ފިލާވަޅެއް ދީފައެވެ. ހަޔާތް ހޭދަކުރަން ޖެހޭނެ ފުރިހަމަ ގޮތުގެ ނަމޫނާ ދައްކާފައެވެ. ހިތްވަރުގަދަ، ހިތްތިރި މި ޒުވާނާގެ ހަނދާންތައް ފަނޑުނުވާނެކަން ގައިމެވެ.