މީގެ ކުރިން ވެސް ރާއްޖޭން ބޭރުގެ މުބާރާތެއްގައި ވާދަކޮށްފައިވާ ހިތަދޫ އައިޝަތު ހިމްނާ ހަސަން ޖަޕާންގައި އޮންނަ މުބާރާތެއްގައި ވެސް ވާދަ ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އޭނާ މި ފަހަރު ވާދަ ކުރަނީ ޖަޕާންގައި ބާއްވާ 18 ވަނަ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގަ އެވެ. މި މުބާރާތުގައި ހިމްނާ ވާދަ ކުރާނީ 200 އާއި 400 މީޓަރު ދުވުމުގަ އެވެ.
އޭނާ ބަނީ މި އަހަރު ކޮލޮމްބޯގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ނެޝަނަލް ޔޫތު ރެކޯޑް ހަދައިފަ އެވެ. އެއީ 400 މީޓަރުންނެވެ.
ޖަޕާންގައި ބާއްވާ އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ހިމްނާއާ އެކު ބައިވެރިވާ އެތުލީޓުންގެ ތެރޭގައި މުހައްމަދު ނާއިލް ވެސް ހިމެނެ އެވެ. ކޯޗަކީ ހަސަން ހަލީމެވެ.
މުބާރާތް ކުރިއަށް ދާނީ މި މަހުގެ 7-10 އަށެވެ.