(އެޕްރީލް 25، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)
ދެބެއިންނަށް ވެސް އިތުރު އެއްޗެކޭ ނުބުނެވުނެވެ. ދެ މީހުން ބަޢަލްގީރުކޮށް ސަލާމް ކުރި އެވެ. ހުސްނާ އާއކަރީމް ޑޮކްޓަރު އަނޫޕަމް އަށް ޝުކުރު އަދާ ކުރި އެވެ. އަނޫޕަމް އެއް ފަރާތެއްގައި ހަށަމް ބަދެލައިގެން ހެވިފައި ހުއްޓެވެ.އަ ދި އޭނާ ސާރާ އަށް ކަޅުކުލައިގެ އަވި އައިނެއް ހަދިޔާ ކުރި އެވެ.
"ސާރާ…މި އައިނު އެންމެ މަދުވެގެން ދެ މަސް ދުވަހު ބޭނުން ކުރަން ޖެހޭނެ. އަދި ކޮންމެ ރެއަކު ނިދާ ގަޑީގައި ލޮލަށް އަޅަން ބުނެފަ އިން ބޭސް ވެސް ފަރުވާ ކުޑަނުކޮށް އަޅަން ޖެހޭނެ." ނަރުސް ކުއްޖާ ޑޮކްޓަރުގެ ވާހަކަ ސާރާ ކައިރީ ބުނެދިނެވެ. ސާރާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލި އެވެ.
ސާރާ ގެއަށް ބަދަލު ވެއްޖެ އެވެ. ގެއަށް ދެވުމާ އެކެ ސާރާ ލޯ މަރާލި އެވެ. ހުރިހާ އެންމެން މިކަމާ ހައިރާން ވި އެވެ.
"ދަރިފުޅާ…ކިހިނެއްވީ؟ ލޯ މަރާލީ ކީއްވެ؟"
"މަންމާ..މިތަން ތަން އަޅުގަނޑަށް ލޯ ހުޅުވައިގެން ވަރަށް ނުފަރިތަ. ލޯ މެރީމާ ހުރިހާ ތަނެއްވެ ސް ހިތުގެ ލޮލަށް ފެނޭ." ސާރާގެ މި ވާހަކައިން އެންމެން ހޭން ފެށި އެވެ. ސާރާ ކޮޓަރިއަށް ދިޔަ އެވެ. ކަބަޑުގެ ތެރެއިން މަރިޔަންފުޅުގެ ފޮޓޯ ނެގި އެވެ. އަދި އެ ފޮޓޯ އާ މުހާތަބުކޮށް ވާހަކަ ދައްކަން ފެށި އެވެ.
"ބޮޑުދައިތ…މިއަދު ބޮޑުދައިތަ ހުރި ނަމަ ކިހާ ރަނގަޅު ވީސް." ސާރާ ފޮޓޯގައި ބޮސް ދީފައި މަރިޔަންފުޅަށް ހެޔޮ ދުއާ ކުރި އެވެ.
އެ ވަގުތު ސާރާ އަށް ހިވީ މަރިޔަންފުޅު ކުރިމަތީ ހެވިފައި ހުރެ ސާރާގެ ބޮލުގައި ފިރުމާލިހެންނެވެ. ސާރާ ލޯ ހުޅުވާލި އެވެ. ކުރިމަތީ ހުރި އޭނާގެ މަންމަ އޭނާގެ ބޮލުގައި ފިރުމަނީ އެވެ. ލޯތްބާއި އޯގާތެރިކަމާ އެކުގަ އެވެ. ސާރާ ވެސް ހުސްނާ އަށް ބަލާލާފައި ހީލަމުން ހުސްނާގެ މޭގައި ލައްވެލި އެވެ.
މިހާރު މުޅި ނަސީބު ގޭގައި އެއްވެސް ކަހަލަ އުނިކަމެއް ނެތް ކަހަލަ އެވެ. ހުސްނާ ވެސް ހީވަނީ ޅަ ދުވަސް އައިސް ގެން އުޅޭހެންނެވެ.
ސާރާ ދެކިލަން ގެއަށް އަންނަ ކޮންމެ މީހަކާ އެހާ ވެސް އުފާވެރި މޫނަކާ އެކު ބައްދަލުކޮށް ސަލާން ކުރެ އެވެ. ސާރާއަށް ގޭގެ އެކި ތަންތަން ދައްކައި ތަފާތު މީހުންނާ ބައްދަލު ކުރުވަ އެވެ. ކަރީމު ވެސް ހަމަ އެފަދަ އެވެ.
ނާހިދާ ވެސް އަމިއްލަ ގެ ފަދައިން އެ ގެއަށް އައިސް މުރާދު އާ އެކު އުޅެ އެވެ. މިހާރު އެ ދެ މީހުންގެ ގުޅުން ހުސްނާމެންނަށް ވެސް އެނގިއްޖެ އެވެ. ނާހިދާ ވީ ހުސްނާމެން ވަރަށް ގަބޫލް ކުއްޖަކަށެވެ.
ސާރާގެ ލޯވެސް ރަނގަޅުވިތާ ހައެއްކަ މަސްވީ އެވެ. ސާރާ ޓިއުޝަން ކުލާހަކަށް ދާން ފަށައިފި އެވެ. އޭނާއަކީ ތޫނުފިލި ކުއެޖެއްކަމުން ވަރަށް އަވަހަށް ފިލާވަޅު ތައް ދަސްކޮށް ހަދާލަ އެވެ. ހައިރާންވާހާ އަވަހަށް އެކި ގްރޭޑްތަކުގެ ފޮތްތަކުގެ ފިލާވަޅު ސާރާ ހަދައި ނިންމާލަ އެވެ. ސާރާ މިހާރު ކިޔަވަމުން ދަނީ ގްރޭޑް 7 ގެ ފޮތް ބައިން ނެވެ.
ނަސީބު ގެއަށް މިއަދު ފަހީމު އަ އެވެ. ކަރީމު ކައިރިއަށެވެ. ކާސިންބެ ގެ ދަރިފުޅު ފަޒުނާ ގެ ކައިވެންޏަށް އެދިގެންނެވެ. ފަހީމު އަކީ ޑޮކްޓަރެކެވެ. މާތް ހާންދާނެއްގެ ފިރިހެން ކުއްޖެކެވެ.
އެހެނަސް އޭނާއަކީ މާލޭގެ ރައްވެއްސެއް ނޫނެވެ. ވީމާ ކައިވެނީގެ ފަހުން އެ މީހުން ބަދަލުވީ ފަޒުނާމެންގެ ގެއަށެވެ. ފަޒުނާ އާ އެކު އެގޭ އެހެން ކުދިން ވެސް އެ ގެއަށް ބަދަލު ވި އެވެ.
ފަޒުނާ ގެ ކައިވެނި ޕާޓި ވެސް ހުސްނާމެން ވަރަށް ފުރިހަމަ އަށް ނަސީބު ގޭގައި ބާއްވާލަ ދިނެވެ. މިކަމަށްޓަކައި ފަޒުނާމެން ހުސްނާ އަށް ޝުކުރު އަދާ ކުރި އެވެ.
"ދަރިފުޅާ…ދަރިފުޅުމެން މި ގެއިން ދިއުމަކީ ދައްތަމެން އެދޭ ކަމެއް ނޫން. އެހެނަސް ދަރިފުޅުގެ ނިންމުމަކާ ދައްތަ ދެކޮޅަށް ނަހަދާނަން." ހުސްނާ ފަޒުނާގެ އަތުގައި ހިފަހައްޓައިގެން ހުރެ ބުނެލި އެވެ.
"މި ގެއިން ދާހިތެއް އަޅުގަނޑުމެން ވެސް ނުވޭ. ދައްތާ…އެކޮޅުގެ މިހާރު އެހެރީ ބަޔަކު ނެތި ފަޅުވެފައި ކަހަލަ ގޮތަކަށް. އެ ގެ އާބާދު ކުރަން އަޅުގަނޑު ބޭނުން. އެހެންވެ މިހާރު ވަޒީފާ އިން ވަކިވެ ކޮއްކޮމެންނާ އެކު ގޭތެރެ ބަލަހައްޓައިގެން ގޭގައި އުޅެން އަޅުނގަޑު ނިންމީ. ބޮޑަށް މަންމަ އާއި ބައްޕަގެ ހަނދާންތައް ވެސް އެގޭގައި ވާނެ." ފަޒުނާ ވަރަށް ތަފުސީލުކޮށް އެ މީހުން ގެއަށް ބަދަލުވާން އުޅޭ ސަބަބު ހުސްނާ އަށް ކިޔާލަ ދިނެވެ.
"އެކަމަކު މި ގެއަށް ވެސް ވަދެލަން ޖެހޭނެ އިނގޭ." ސާރާ ވެސް އެތާ ހުރެފައި ފަޒުނާ އާ ކައިރިވެލަމުން ބުނެލި އެވެ.
"ގައިމުތާ…މި ގެއަށް ނުވަންނާށޭ ބުންޏަސް އަންނާނަން. އަދި މި ގެއިން ކައިބޮއި ވެސް ހަދާނަން." ފަޒުނާ ކަރުނަ އިން ފުރިފައިވާ ލޮލަކާ އެކު ވާހަކަ ދެއްކި އެވެ. އަދި އެންމެންނާ ވަދާއުގެ ސަލާންކޮށްލި އެވެ.
ދުވަސްތައް މަސްތަކަށް މަސްތައް އަހަރުތަކަށް ބަދަލުވެގެން ދިޔަ އެވެ. ހިމޭންކަމާ އޮމާންކަމާ އެކުގަ އެވެ.
އެއް ދުވަހެއްގެ މެންދުރެވެ. ސާރާ އިނީ މެދުގޭތެރޭ ފޮތެއް ހިފައިގެން ފޮތުގެ ތެރެއަށް ގެއްލިފައެވެ. ކުއްލިއަކަށް އޭނާ ސިހިގެން ދިޔައީ މީހަކު ރޮމުން ރޮމުން އޭނާ އަށް އޭނާ ގެ ޓިއުޝަން ކުލާހުގައި ބޭނުން ކުރާ ނަމުން ގޮވާލި އަޑަށެވެ.
ސާރާ ގެ އަސްލު ނަމަކީ ފާތުމަތު މަލްހާ އަބްދުލް ކަރީމު އެވެ. ވީމާ މަލްހާ މި ނަން ކުލާސް ކުދިން ފިޔަވާ އިތުރު ބަޔަކަށް ވަރަށް އާ ނަމަކަށް ވާނެ އެވެ. ސާރާ މި ނަމަކީ ގޭގައި އާއި އާއިލާގެ ތެރޭ ބޭނުން ކުރާ ނަމެކެވެ.
"އޭއި ވިއާމާ ކިހިނެއްވީ ތި ރޮނީ؟" ސާރާ އެ ކުއްޖާ އޭނާގެ ކައިރީ ސޯފާގައި ބޭން ދި އެވެ. އެ ކުއްޖާއަކީ ސާރާ އާ އެއް ގްރޭޑެއްގައި ކިޔަވަމުންދާ އަންހެން ކުއްޖެކެވެ.
"މަލް…އަހަރެން އުޅޭ ގޭގެ މީހުން އަހަރެން އެ ގެއިން ނެރެލައިފި. އަހަރެން ވަންނާނެ ތަނެއް މިއަދު ނެތް އެންމެ ދެރަވަނީ ކުލާސް ދޫކޮށް ރަށަށް ދާން ޖެހޭތީ." ވިއާމާ ރޮމުން އޭނާގެ ހާލަތު މަލްހާ އަށް ކިޔައި ދިނެވެ.
"ހުއްޓާލާބަލަ…ކޮންމެވެސް ފިނި އެއްޗެއް ބޯން އެ ފަރާތައް ހިނގާ." ސާރާ ވިއާމާ ގޮވައިގެން މަންމަ ކައިރިއަށް ކާ ގެއަށް ދިޔަ އެވެ.
"އަނހަ ދަރިފުޅާ ޖޫސް ބޯންވީތަ؟ މިއީ ކޮން ކުއްޖެއް؟" ކައިރީގަ ހުރި ކުއްޖާ އާ ދިމާއަށް ބަލާލަމުން ހުސްނާ ސާރާ އާ ސުވާލު ކުރި އެވެ.
"މަންމާ…މިއީ އަޅުގަނޑު ކްލާސް ކުއްޖެއް. ނަމަކީ ވިއާމާ…މީނާ އުޅޭ ގެއިން މީނާ ނެރެލައިފި. އެކަމާ ދެރަވެގެން އޭނާ އަޅުގަނޑާ ވާހަކަ ދައްކަން މިގެއަށް އައީ."
"އެހެންތަ…އޭނާ އަށް ވެސް ޖޫސް ދީ." ހުސްނާ އިތުރަށް ވިއާމާ ކައިރިން ވީގޮތް އޮޅުން ފިލުވި އެވެ. އަދި ހުސްނާމެންގެ ގޭގައި ވިއާމާ އުޅުމުގެ ހުއްދަ ދިނެވެ.
(ނުނިމޭ)