އައްޑޫ ސިޓީގައި މިރޭ ދެ ގްރޫޕެއްގެ މެދުގައި ބޮޑު މާރާމާރީއެއް ހިންގައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ ގްރޫޕް މާރާމާރީ ހިންގާފައިވަނީ މަރަދޫގައި މިރޭ ކުރިއަށް ދިޔަ ފުޓްސަލް މެޗެއް ބަލަން ގޮސްތިބި ގްރޫޕްތަކެއްގެ މެދުގައެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ހިތަދު އަށް ނިސްބަތްވާ ގްރޫޕްގެ މީހުންނަށް އިސްވެ ހަމަލާދީފައި ވަނީ ފޭދޫގެ ބައެކެވެ.
މާރާމާރީ ހިންގިއިރު އެ ސަރަހައްދުގައި ފުލުހުން ތިބި ނަމަވެސް މާރާމާރީ ހުއްޓުވަން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާ ކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފައެވެ.
މަރަދޫ ވެންބޮޅިފިށި ސްޓޭޑިއަމްގައި ދް ގްރޫޕަކުން މާރާމާރީ ހިންގި އިރު ދަނޑިބުރިތަކެއް ގެންގުޅުނު ނަމަވެސް ތޫނު ހަތިޔާރެއް ބޭނުންކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް 'އައްޑޫލައިވް' އާ ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ދަނޑުގައި ހިނގި މާރާމާރީ އަށް ފަހު މަރަދޫ ރެސްޓޯރަންޓެއްގައި ތިބި ބަޔަކަށް އެތަނަށް ދިޔަ ގްރޫޕަކުން ހަމަލާދީފައި ވަނީ ތޫނު އެއްޗަކުން ކަމަށެވެ.
ރެސްޓޯރަންޓުން ހަމަލާދީފައި ވަނީ މަރަދު އަށް ނިސްބަތްވާ ބަޔަކަށެވެ. އެމީހުންނަށް މާރާމާރީގައި އަނިޔާވި ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.
އަދި މިރޭގެ މާރާމާރީ އާއި ގުޅިގެން އެއްވެސް މީހަކު ހިތަދޫ ހޮސްޕިޓަލަށް އަދި އެއްވެސް އަވަށެއްގެ ސިއްޙީ މަރުކަޒަކަށް ގެންގޮސް ފަރުވާދިން ކަމެއް ވެސް އަދި ވަނީ ސާފު ނުވެފައެވެ.
މީގެ ކުރިން އަހަރުތަކުގައި މަރަދޫގައި ރޯދަމަހު ބާއްވާ ފުޓްސަލް މުބާރާތާއި ދިމާކޮށް ފުލުހުން ވަރަށް ރަނގަޅަށް ސެކިއުރިޓީ ބަލަހައްޓައެވެ.
ނަމަވެސް މިފަހަރު ފުލުހުންގެ ސެކިއުރިޓީ ނުބަލަހައްޓާ ކަމަށް ބުނެ އާއްމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އައްޑޫގައި މިފަހަކަށް އައިސް ގްރޫޕް މާރާމާރީތައް އިތުރުވެފައިވާއިރު ދާދި ފަހުން ގްރޫޕަކުން ވަނީ ގެއަކަށް ވަދެ މީހަކަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ވެސް ހަމަލާދީފައެވެ.
މިރޭގެ ގްރޫޕް މާރާމާރީ އާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް 'އައްޑޫލައިވް' އިން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.