އެމްޑީޕީ އާ ގުޅިވަޑައިގަތުމަށް ފަހު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އާ އެކު އައްޑު އަށް ވަޑައިގަތުމުން ކީ މަރުހަބާއަށްޓަކައި އެމްޑީޕީ އައްޑޫ މެމްބަރުންނަށް ޝުކުރު އަަދާ ކުރައްވާ ކަމަށާއި އެ މަނިކުފާނުގެ ހިތް އޮތީ އައްޑޫގައި ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރޭ ހިތަދޫގައި ބޭއްވި "އެއްބުރުން" ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އޭނާގެ އޮތީ އެންމެ ހިތެއް ކަމަށާއި އެ ހިތް އޮތީ އައްޑޫގައި ކަމަށެވެ. އަދި ކެމްޕޭން ދަތުރު ނިންމާލުމަށް ފަހު އައްޑޫން ފުރާނީ ހިތް އައްޑޫގައި ބާއްވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް އެ ހިތް އަނބުރާ ނަގަން އަންނާނެ ކަމަށާއި އެކަން ކުރާނީ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބްގެ ވޯޓް ގުނައި ނިމުމުން ކަމަށް މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން އައްޑު އަށް ކުރެއްވި ދަތުރުގައި ފެނިވަޑައިގަތީ އަލަތު ކައިވެންޏަކަށް ތައްޔާރުވަމުން ދިޔަ އުފަލުން ފޮޅެމުން ދިޔަ އަންހެން ކުއްޖެއް ފަދައިން ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިނގަމުން ދިޔަ އައްޑުއެއް ކަމަށެވެ. އަދި އެއީ ސާކް ސަމިޓް ދުވަސްވަރު ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
އެކަމަކު މިހާރު އައްޑޫ ފެންނަނީ އަލަތު ކައިވެންޏަށް ފަހު، މޮޅިވެރިވެފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ އައްޑުއެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. އެހެން ނަމަވެސް އައްޑޫން އުންމީދުގެ ހުޅުކޮޅެއް ފެންނަ ކަމަށާއި އެއީ ރީނދޫ ލަޝްކަރުގެ ފަހުލަވާނުންގެ ހިތްވަރާއި ސާބިތުކަން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ މި ފަހަރު ބާއްވާ އިންތިހާބް އެމްޑީޕީން އެއްބުރުން ކާމިޔާބްކޮށް، އައްޑު ތަރައްގީ ކުރާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.