ޝެއިޚް އިލްޔާސް ހުސައިން މިދިޔަ މަހުގެ ތެރޭގައި ދެއްވި ދަރުސެއްގައި ގާނޫނުލް އުގޫބާތާ ބެހޭ ގޮތުން ދެއްކެވި ވާހަކަ އާ ގުޅިގެން އޭނާ މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި އެވެ.
އެ މުގައްރިރު، ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދުހަމްޒާ ވިދާޅުވީ އަންނަ ހޯމަދުވަހު ބާއްވާ ގާނޫނުލް އުގޫބާތު ދިރާސާ ކުރާ ކޮމިޓީ އަށް އިލްޔާސް ހާޒިރުކުރަން ނިންމީ، ގާނޫނު އުގޫބާތާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން އޭނާ އާ "މަޝްވަރާކޮށް ލެއްވުމަށް" ކަމަށެވެ.
މާލޭގެ ފުރުގާން މިސްކިތުގައި ދެއްވި ދަރުސްގައި އައްޑު އަށް ނިސްބަތްވާ ޝެއިހް އިލްޔާސް ވިދާޅުވެފައި ވަނީ ގާނޫނުލް އުގޫބާތަކީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ހުރިހާ ހުކުމްތަކާއި އިސްލާމީ ޝަރީއަތުގެ މަފުހޫމުތައް ފުހެލުމަށްޓަކައި ހަދާފައިވާ ބިލެއް ކަމަށެވެ.
ގާނޫނުލް އުގޫބާތުގެ ޑްރާފްޓް މިހާރު އޮތް ގޮތުން މަސްތުވެގެން ހުރެ ކުށެއް ކޮށްފި ނަމަ އަދި 18 އަހަރު ނުފުރޭ ކުއްޖަކު ކުށެއް ކޮށްފި ނަމަ، ކުށުގެ އަދަބު ލިބުމުން އިސްތިސްނާވާ ކަމަށް އިލްޔާސް އެ ދަރުސްގައި ވިދާޅުވި އެވެ. އަދި ރުހިގެން ޒިނޭކޮށްފި ނަމަ އެއީ ވެސް ކުށެއް ނޫން ކަމަށް ބިލުގައި ލިޔެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުލް އުގޫބާތަކީ ހުޅަނގުގެ ދަންތުރައެއް ކަމަށް ސިފަކުރައްވައި، އެ ދަރުސްގައި އިލްޔާސް ވިދާޅުވީ އެއީ މުސްލިމުންނޭ ކިޔާފައި އިސްލާމްދީން ފުހެލުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށެވެ.
ހަމްޒާ ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަތަކާ ގުޅިގެން އޭނާ ވިދާޅުވެފައި ވަނީ ގާނޫނު އުގޫބާތުން އިސްލާމްދީން ފުހެވިގެން ނުދާނެ ކަމަށާއި އިސްލާމީ ޝަރީއަތުގެ ހުކުމެއް ވެސް ފުހެވިގެން ނުދާނެ ކަމަށެވެ.
ގާނޫނު އުގޫބާތުގެ ބިލަށް އިލްޔާސް ފާޑުވިދާޅުވެފައި ވަނީ އެ ބިލު ރަނގަޅަށް ނުބައްލަވައި ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.