ގޯދިއްޔާ ފުޓްސަލް ކަޕް 2017 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހިތަދޫއަށް ނިސްބަތްވާ އެފްސީ ބޭރުމަތިން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އެހިސާބުން ފެށިގެން 2018 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް އައިއިރު ވެސް އަދި އެޓީމު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ މުބާރާތަށް ވުރެ މިއަހަރުގެ ގްރޫޕް ސްޓޭޖްގައި އެފްސީ ބޭރުމަތި ފެންނަނީ ވަރުގަދަކޮށެވެ. ކުޅުނު ހުރިހާ މެޗަކުން ވެސް ތަފާތު ބޮޑުކޮށް މޮޅުވެފައި ވާއިރު ބައިކޮޅަށް ވަދެފައި ވަނީ އެންމެ 4 ގޯލެވެ.
ފްރެންޑްސް ކްލަބަށް ބަލާއިރު، އެ ޓީމުން ކުއާޓާގެ ޖާގައެއް ހޯދީ ގްރޫޕްގެ 2 ވަނަ ޓީމުގެ ގޮތުގައެވެ. ދެވަނަ ފްރެންޑްސް އަށް ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ގޯދިއްޔާ މުބާރާތުގެ ތާރީޚަށް ބަލާއިރު ފާއިތުވި އަހަރުގެ މުބާރާތުގެ ސެމީގައި ވެސް އެފްސީ ބޭރުމަތި އާއި ފްރެންޑްސް ކްލަބް ވާދަކުރިއެވެ. އެ މެޗް 0-3 އިން ކާމިޔާބު ކުރީ އެފްސީ ބޭރުމަތިންނެވެ.
ހަތް އެކުވެރިޔަކު ގުޅިގެން 2010 ވަނަ އަހަރު އުފެއްދި ފްރެންޑްސް ކްލަބަކީ، އައްޑޫގެ ފުޓްބޯޅައިގައި އާ ނަމެއް ނޫނެވެ. އެ ޓީމުން ހޯދާފައިވާ ކާމިޔާބީ ތަކުގެ ލިސްޓާއި އެއްވަރަށް ހުނަރުވެރި ކުޅުންތެރިން ވެސް ފުޓްބޯޅަ ދަނޑަށް ވަނީ ނެރެ ދީފަ އެވެ. ގޯޯދިއްޔާ މުބާރާތުގައި ވެސް ފްރެންޑް ކްލަބުން ވަނީ ރަގަޅު ނަތީޖާތަކެއް ހޯދާފައެވެ.
އެހެންވެ މިރޭގެ މެޗުން މޮޅުވުމަކީ ފްރެންޑްސް ކްލަބަށް ނުކުރެވޭ ވަރުގެ ކަމެއް ކަމުގައި ބުނެވޭކަށް ނެތެވެ. އެ ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު އެއީ ކުރެވިދާނެ ކަމެކެވެ.
ގޯދިއްޔާ މުބާރާތުގައި އެފްސީ ބޭރުމަތިިން މިހާތަނަށް ހޯދާފައިވާ ނަތީޖާ ތަކަކީ އެ ޓީމުގެ އިތުބާރު ބޮޑުވާނެ ކަމެެކެވެ. ނަމަވެސް، ފްރެންޑްސް ކްލަބުން މުބާރާތުގައި މިހާތަނަށް ދައްކާފައިވާ ކުޅުމަށް ބަލާއިރު މިރޭގެ މެޗް އެފްސީ ބޭރުމަތި އަށް ވެސް ފަސޭހަ ވާނެ ކަމަކަށް ނުބެލެވެއެވެ.
ބޭރުމަތި އަދި ފްރެންޑްސް ކްލަބު މިރޭ އަނެއްކާވެސް ކުޅޭއިރު ތާރީހު ބޮޑަށް ބުރަވަނީ ބޭރުމަތި ކޮޅަށެވެ. އެއީ މިދިޔަ އަހަރު އެޓީމް ބަލިކޮށްފައި އޮތުމާއި، ޓީމު ދައްކަމުން އަންނަ މޮޅު ކުޅުމެވެ. ކޮންމެއަކަސް މިރޭގެ މެޗަކީ ވަރަށް ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ. އެއީ ހިތަދޫ އާއި ފޭދޫގެ ކުރިމަތިލުމެކެވެ. އެއީ ފޯރިގަދަ ސަޕޯޓަރުން ގިނަ ދެ ޓީމެވެ.