ސ. ފޭދޫ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ (ހައްޖާ) ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ހިންގެވުމާ ހަވާލުކޮށް ފޭދޫ ސިއްހީ މަރުކަޒު އެ ރަށު ޕަބްލިކް ހެލްތު ޔުނިޓް ސެކްޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޖާދުﷲ ސައީދު އާ ހަވާލުކޮށްފި އެވެ.
ހައްޖާ ވަނީ އޭނާ އާ ހޮސްޕިޓަލް ހަވާލު ކުރި ކަން "އައްޑޫ ލައިވް" އަށް ވެސް ކަށަވަރުކޮށް ދެއްވާފަ އެވެ. އެހެން ނަމަވެސް އެ ބަދަލާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހެލްތު މިނިސްޓްރީން އޭނާ ހޮސްޕިޓަލަށް ބަދަލު ކުރެއްވީ މި މަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އެހެން ނަމަވެސް ރަސްމީކޮށް ހޮސްޕިޓަލަށް ނިކުންނަވަން ފެއްޓެވީ ބުރާސްފަތި ދުވަހު ކަމަށް ހައްޖަ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެޗްއާރްއެޗް ހިނެގްވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ސައީދު ދެވަނަ އިންޗާޖަކަށް ހެލްތު މިނިސްޓްރީން ހަމަޖައްސާފައި ވަނީ އޭނާއަކީ ސިވިލް ސާވިސް މުވައްޒަފަކަށް ނުވާތީ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ކަންތައްތަ ހަމަޖެއްސުމުގައި އޭނާ އަށް ދަތިތަކެއް ކުރިމަތިވާތީ އެވެ.
އަދި ސަދަން ހެލްތު ސާވިސް ކޯޕަރޭޝަން (އެސްއެޗްއެސްސީ) އާއި އޭނާ އާ ދެމެދު ހަދާފައިވާ އެގްރިމަންޓް ވެސް ވަނީ ހަމަވާން ކައިރިވެފަ އެވެ.
ސައީދަކީ އެޗްއާރްްއެޗް ހިންގެވުމުގައި ގިނަ ދުވަސްތަކެއްވެ އަދި މަގާމުން މުސްކުޅި ކުރައްވާފައި ވަނިކޮށް ސަރުކާރު ބަދަލުވުމުން އަލުން ހޮސްޕިޓަލް ހިންގެވުމާ ހަވާލު ކުރެއްވި ބޭފުޅެެކެވެ.
މިކަމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް ވެސް ސައީދަށް ވަނީ އަމާޒުވެފައެެވެ.