ރިޔާސީ އިންތިހާބަށް 3 ވަރަކަށް މަސް ދުވަހަށް ވެފައިވާ އިރު ރައީސް ކަމަށް ކުރިމަތި ލައްވާނެ ކަމަށް މިހާތަނަށް ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާރޓީގެ ފަރާތުން ޤާސިމް އިބްރާހިމް އާއި އެމް.ޑީ.ޕީ ގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަމިއްލަގޮތުން އުމަރު ނަސީރު އަދި މިހާރުގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމެވެ.
މި 4 ބޭފުޅުންގެ ތެރެއިން ރަޢީސް ނަޝީދު މިދިޔަ މަހު މީޑިއާގައި ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ރަނިންގ މޭޓަކަށް ހަމަޖައްސަވާނީ ރާއްޖެތެރޭ ބޭފުޅެއް ކަމަށެވެ. ނަމަވެސް ދިގު މުއްދަތުގެ ޖަލު ހުކުމެއް ނަޝީދުގެ މައްޗަށް އިއްވިފައި ވުމުން މިހާރު ޤާނޫނު އޮތްގޮތުން ނަޝީދުގެ ކަންޑިޑެސީ ކަށަވަރު ވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
އެފަދަ ހާލަތެއްގައި އެމް.ޑީ.ޕީ ގެ ފަރާތުން އިންތިޙާބަށް ކުރިމަތި ލައްވަން އެންމެ އެކަށީގެންވާ ބޭފުޅަކީ އެޕާރޓިގެ ޕާރލިމެންޓަރީ ގްރޫޕުގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މަޙްލޫފް ވިދާޅުވުމުން އެމް.ޑީ.ޕީ މެމްބަރުންގެ މެދުގައި ވަނީ ޙިޔާލް ތަފާތުވުންތަކެއް އުފެދިފައެވެ. ނަމަވެސް މިކަމާ ގުޅިގެން އިބޫ ވެސް އަދި ނަޝީދުވެސް ވަކި އެއްޗެއް އަދި ވިދާޅެއް ނުވެއެވެ.
ނަޝީދު ފަދައިން ޖުމްހޫރީ ޕާރޓިގެ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ މައްޗަށްވެސް މިވަގުތު ޖަލު ހުކުމެއް އޮތުމުން ޤާސިމްއަށްވެސް މިހާރު އޮތްގޮތުން ކެންޑިޑެސީ ކަށަވަރު ނުކުރެވޭނެއެވެ. ޤާސިމަށް ކުރިމަތި ނުލެވޭ ނަމަ ޖުމްހޫރީ ޕާރޓީގެ ފަރާތުން ކުރިމަތި ލައްވަނީ އައްޑުއަތޮޅަށް ނިސްބަތްވާ މަޝްހޫރު ހިސާބު އިލްމުވެރިޔާ، ޕްރޮފެސަރ އުގައިލް ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ދެއެވެ.
ނަމަވެސް މިމައުލޫމާތުގެ ސައްޙަކަން ކަށަވަރެއް ނުވެއެވެ. ޕްރޮފެސަރ އުގައިލް އަކީ އިނގިރޭސި ވިލާތުގެ ބްރެޑްފޯރޑް ޔުނިވަރސިޓިގައި މަސައްކަތް ކުރައްވާ، އެޔުނިވަރސިޓީގެ ސެންޓަރ ފޯރ ވިޝުއަލް ކޮމްޕިއުޓިންގެ ޑިރެކްޓަރ އެވެ. ސީދާ ރިއާސީ ކެންޑިޑޭޓެއްގެ ގޮތުގަނއި ނުފެނުނަސް، މިފަހަރުގެ އިންތިހާބްގައި ކޮންމެވެސް ބޭފުޅެއްގެ ރަނިންގ މޭޓެއްގެ ގޮތުގައި ޕްރޮފެސަރ އުގައިލް ފެނިދާނެ ކަމަށްވެސް ގިނަބަޔަކު ޤަބޫލް ކުރެއެވެ. ފަހަކަށް އައިސް ޕްރޮފެސަރ އުގައިލްގެ ޓްވީޓް ތަކާއި ބަޔާން ތަކަށް ބަލާއިރު ސިޔާސީ ދާއިރާއަށް ތައްޔާރުވަން އަންނަކަމަށް ބެލެވެއެވެ.
ނަޝީދު އާއި ޤާސިމަށް ފަހު ދެންއޮތީ ޔާމިން އާއި އުމަރު ނަސީރުގެ ވާހަކަ އެވެ. މި ދެބޭފުޅުންވެސް ރަނިންގ މޭޓެއްގެ ވާހަކަ މިހާތަނަށް އަދި ނުދައްކަވަ އެވެ. ނަމަވެސް މިއިން ކޮންމެ ބޭފުޅަކުވެސް ރާއްޖެތެރޭގެ ވޯޓަށް އަމާޒު ކުރައްވައި، ރަނިންގ މޭޓަކަށް ރާއްޖެތެރޭ ބޭފުޅަކު ހަމަޖެއްސެވުމަކީ ވުން ވަރަށް ކައިރި ކަމެކެވެ.
މިފަހަރުގެ ރިއާސީ އިންތިހާބްގައި ކޮންމެވެސް އެއް ކެންޑިޑޭޓެއްގެ ރަނިންގ މޭޓެއްގެ ގޮތުގައި ފެނިދާނެ ކަމަށް ޤަބޫލު ކުރެވޭ، އައްޑު އަތޮޅަށް ނިސްބަތްވާ އަނެއް ބޭފުޅަކީ ޑރ. މަރިޔަމް ޝަކީލާ އެވެ. ޑރ.ޝަކީލާ އަކީ ރައީސް ވަހީދުގެ ރިއާސީ ދައުރުގައި ވަޒީރުކަން ކުރައްވާ ފައިވާ ތަޖުރިބާކާރު، އިލްމީ ބޭފުޅެކެވެ. އައްޑޫ ހުޅުދޫ އަށް ނިސްބަތްވާ މަޝްހޫރު ވިޔަފާރިވެރިއާ، އިބްރާހިމް މުހައްމަދު ދީދީގެ އަނބިކަނބަލުން ޑރ.ޝަކީލާ އަކީ ގިނަބަޔަކަށް އެނގިފައި ނުވިއަސް، އައްޑޫގެ ކެންގަރޫ ކިޑްސް ސްކޫލްގެ ހިއްސާދާރެކެވެ. އަދި އައްޑޫގެ އަމިއްލަ ހޮސްޕިޓަލެއް ކަމުގައިވާ އައި.އެމް.ޑީ.ސީ ހޮސްޕިޓަލުގެ ވެރިޔާ ވެސް މެއެވެ.
ރަނިންގ މޭޓަކަށް ޑރ.ޝަކީލާ ނަންގަވައިފިނަމަ، ރާއްޖެތެރޭ މީހުންގެ ޥޯޓުގެ އިތުރުން އަންހެނުންގެ ވޯޓުވެސް އެ ކެންޑިޑޭޓަކަށް ލިބުން ކައިރިކަމަށް ބެލެވެއެވެ. އެހެން ކަމުން ޕްރޮފެސަރ އުގައިލް ފަދައިން މިފަހަރުގެ އިންތިހާބްގައި ކޮންމެވެސް އެއް ކެންޑިޑޭޓެއްގެ ރަނިންގ މޭޓެއްގެ ގޮތުގައި ޑރ.ޝަކީލާ ފެނުމަކީ ދުރުކަމެއް ނޫނެވެ.
އެމް.ޑީ.ޕީގެ ރައީސްކަން ކުރިން ކުރައްވާފައިވާ، އައްޑު އަތޮޅު މީދޫ އަށް ނިސްބަތްވާ ޑރ. މުހައްމަދު މުނައްވަރުގެ ނަން ވެސް މިފަހަރުގެ އިންތިހާބާ ގުޅުވައިގެން ފާހަގަ ކުރެވެމުން ދެއެވެ. މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަސް ތަކަކަށް ދައުލަތުގެ އެޓާރނީ ޖެނެރަލްކަން ކުރައްވާފައިވާ ޑރ.މުނައްވަރު މިހާރު ދިރި އުޅުއްވަނީ އައިލާއާ އެކު ކޮޅުނބުގައެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދަކީ އައްޑު އަތޮޅު ކަމުގައިވާއިރު މިފަހަރުގެ ރިއާސީ އިންތިހާބުގައި އައްޑު އަތޮޅަށް ނިސްބަތްވާ ރަނިންގ މޭޓަކު ލުމަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބޭނެ ކުރިއެރުމަކަށް ވާނެކަން ކަށަވަރެވެ.
ޙާއްސަކޮށް ޕްރޮފެސަރ އުގައިލް، ޑރ.ޝަކީލާ، އަދި ޑރ.މުނައްވަރު ފަދަ އިލްމީ، ތަޖުރިބާކާރު ރާއްޖެތެރޭ ބޭފުޅުން ހުސްކޮށް ތިއްބެވި އިރު، މިކަމުގެ ފައިދާ ނަންގަވާނީ ރިއާސީ ކެންޑިޑޭޓުންގެ ތެރެއިން ކޮންބޭފުޅުންނެއްކަން ވަރަށް އަވަހަށް ސާފުވެގެން ދާނެއެވެ.
ރިއާސީ އިންތިހާބް ތާވަލް ކުރެވިފައި ވަނީ ސެޕްޓެމްބަރ 23 އަށެވެ، އަދި ޖުލައިމަހު ކެންޑިޑޭޓުންގެ އެޕްލިކޭޝަން ފޯރމް ހުށަހަޅުއްވަން ޖެހެއެވެ. އެހެންކަމުން އައްޑު އަތޮޅަށް ނިސްބަތްވާ މިދެންނެވި 3 ބޭފުޅުންގެ ދައުރެއް މިފަހަރުގެ އިންތިހާބުން ފެނިދާނެތޯ ސުވާލު ކުރައްވާ ފަރާތްތަކުގެ ސުވާލުގެ ޖަވާބު މާ ލަސްތަކެއްނުވެ ލިބިގެންދާނެއެވެ.
ފަހަރުގައި ޑރ.މުނައްވަރާއި، ޕްރޮފެސަރ އުގައިލް އަދި ޑރ.ޝަކީލާ ތިއްބެވީ ކެންޑިޑޭޓުންގެ ފޯނުކޯލްތަކުގެ އިންތިޒާރުގައި ކަމަށްވެސް ވަދާނެއެވެ!