އައްޑޫގައި ތިބި ޕީޕީއެމްގެ އެކްޓިވިސްޓުން ބުނާ ގޮތުގައި 2018 ގެ އިންތިޚާބުގައި "އައްޑޫގެ މެޖޯރިޓީ ރައީސް ޔާމީނަށް ޔަޤީން" ވެއްޖެއެވެ. ޒުވާނުންނާއި ދޮށީ އުމުރުގެ ރައްޔިތުން ވެސް ތިބީ ރައީސް ޔާމީނާއި އެކުގައެވެ. ރައީސް ޔާމީނު ނުވަތަ ސަރުކާރުގެ އިސްވެރިޔަކު އައްޑޫ އަށް ވަޑައިގަންނަވާ ފަހަރުތަކުގައި އެކި ގޮތްގޮތުން މީހުން ޖަމާކުރެއެވެ.
އައްޑޫއަށް ސަރުކާރުގެ އިސްވެރިން ވަޑައިގަންނަވާ ފަހަރުތަކުގައ ފައިސާ ބަހައިގެން މީހުން ގެންދާ ކަމާއި އަދި ޓެކްސީ ސެންޓަރުތަކުގެ ކާރުތައް ކުއްޔަށް ހިފާކަމުގެ އަޑު ގަދަވެއެވެ. އެހެން ނަމަވެސް ޕީޕީއެމްގެ އެކްޓިވިސްޓުން އެވާހަކަތައް ދޮގުކުރެއެވެ. އެމީހުން ބުނާ ގޮތުގައި އެފަދަ ވާހަކަތައް ދެކެވެނީ ޕީޕީއެމް އަށް ތާއީދު އިތުރުވާތީ އެކަން ހަޖަމު ނުވެގެންނެވެ.
ރައީސް ޔާމީނަށް ހުޝާމަދުކޮށް ޓްވީޓް ކުރުމުގައި މުޅި ދުވަސް ހޭދަކުރާ ފަރާތްތަކުން މިފަދަ ވާހަކަތަކެއް ދެއްކި ނަމަވެސް އައްޑޫގެ ރައްޔިތުން ފާއިތުވި އިންތިޚާބުތަކުގައި ވޯޓު އަޅާފައިވާ ގޮތަށް ބަލާއިރު އެކަން ޤަބޫލުކުރެވޭކަށް ނެތެވެ. ފެންނަނީ މެޖޯރިޓީ ރައްޔިތުން ސަރުކާރާއި ދެކޮޅަށް ބަސްބުނެފައިވާ ކަމެވެ. އައްޑޫގައި ޕީޕީއެމްގެ ހަރަކާތްތަކަށް ދާ މެންބަރުން ވޯޓާއި ހިސާބުން އެ ޕާޓީއަށް "ބޭވަފާތެރި" ވަނީ ހެއްޔެވެ؟
ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫގެ ހުރިހާ އަވަށަކުން ވެސް ހޮވީ އިދިކޮޅު ކެންޑިޑޭޓުންނެވެ. އެމްޑީޕީއަށް ނިސްބަތްވާ 7 ކައުންސިލަރުން އައްޑޫން އިންތިޚާބުވިއިރު، އެއިން ދިން ސާފު މެސެޖަކީ ސަރުކާރާއި މެދު އައްޑޫ ރައްޔިތުން ހިތްހަމަނުޖެހިފައި ތިބި ކަމެވެ.
އެހެން ނަމަވެސް އެކަން ބަލައިގަތުމުގެ ބަދަލުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ ފަރާތުން މާބޮޑު މަސައްކަތްތަކެއް ކުރި ތަނެއް ނުފެނެއެވެ. "ފިނިހަކަ ސްޕީޑް"ގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާއި އެކު އައްޑޫ ރައްޔިތުންގެ މެދުގައި ރައީސް ޔާމީންގެ ސަރުކާރަށް ތާއީދު އިތުރުވާ ތަނެއް ނުފެނެއެވެ.
އޭގެ އެންމެ ބޮޑު ސަބަބަކީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް އައްޑޫގައި ޤާއިމްކޮށްފައި ހުރި ސަރުކާރުގެ މުއައްސަސާތައް ރައްޔިތުންނާއި ބީރައްޓެހި ތަންތަނަށް ވުމެވެ.
އޭގެ އެންމެ ފުރިހަމަ މިސާލަކީ، އައްޑޫގައި ޤާއިމްކޮށްފައިވާ ހައުސިންގެ ޑިޕާޓްމަންޓެވެ. އެތަނުން ޚިދުމަތް ހޯދުމުގައި ހުރި ދަތިތަކާއި ވެރިންގެ ގޮތުގައި އައްޔަންކޮށްފައި ތިބި މީހުންގެ އަމަލުތަކުގެ ސަބަބުން ރައީސް ޔާމީންގެ ސަރުކާރާއި މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދުން ނޫން ކަމެއް ނުވެއެވެ.
ޕީޕީއެމްގެ ފަރާތުން އައްޑޫގައި ހަރަކާތްތެރިވާ އިސް އެކްޓިވިސްޓުންނަށް ބަލާއިރު، އޭގެ ތެރެއިން ގިނައީ އާއްމު ރައްޔިތުންނާއި ބީރައްޓެހި ފަރާތްތަކެވެ. އެއީ ހަމައެކަނި ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ވެސް ވަކި ބަޔަކާއި ނޫނީ މަޝްވަރާކުރަން ބޭނުން ނުވާ މީހުންނެވެ.
އެކަން އެގޮތަށް ދިމާވަނީ ކިރިޔާވެސް ހުރިހާ ފިކުރުގެ ރައްޔިތުންނާއި ގުޅުން އޮންނަ ޕީޕީއެމްގެ އެކްޓިވިސްޓެއް ނަމަ އިދިކޮޅު މީހެއްގެ ގޮތުގައި ލޭބަލް ކުރާތީ ކަމަށް ވެސް ވެދާނެއެވެ. އެފަދަ ކަންތައް ހިނގާކަމަށް ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުންގެ ވާހަކަތަކުން އެނގެއެވެ.
" ޕީޕީއެމް އައްޑޫގައި ކުރިނާރާ ސަބަބަކީ، އެތެރޭގައި އުޅޭ ވާދަވެރިކަން. އެކަކަށް ވުރެ އަނެކަކު މޮޅުވުމުގެ ރޫޙު ވަރަށް ބޮޑު ވާނެ. އަބަދުވެސް އަނެކާގެ ޝަކުވާކުރުން އޮންނަނީ" ފޭދޫގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ބޭފުޅަކު ބުންޏެވެ.
ޕީޕީއެމްގެ ކައުންސިލް މެންބަރަކު ވިދާޅުވި ގޮތުގައި، އައްޑޫގެ އަވަށްތަކަށް ބަލާއިރު ކޮންމެ ރަށެއްގައި ވެސް ޕީޕީއެމްގެ ހަތަރު ފަސް ފެކްޝަނެއް އޮންނަ ކަމަށެވެ. އެ ފެކްޝަންތަކުގެ ގުޅުން ކުޑަވުމުގެ ފައިދާ އިންތިޚާބުތަކުގައި ނަގަނީ އިދިކޮޅު ފަރާތްތަކުން ކަމަށް އޭނާ ޤަބޫލުކުރައްވައެވެ.
"މެންބަރު ފެކްޝަން، މެންބަރު ކަމަށް އަންނަން ބޭނުންވާ މީހާގެ ފެކްޝަން. ވިޔަފާރިވެރިއެއްގެ ފެކްޝަން. މިހެން ނެތް އެންމެ ރަށެއް ވެސް އައްޑޫއަކު ނެތް. ދެން 2018 އަށް ކެމްޕެއިން ވެސް މިކުރަނީ ކޮންމެ ފެކްޝަނެއް ވަކިން" ޕީޕީއެމްގެ ކައުންސިލް މެންބަރު ވިދާޅުވިއެވެ.
ސަރުކާރުގެ ވިސްނުން ހުރީ، ޕީޕީއެމްގެ އިވެންޓްތަކަށް އައްޑޫން މީހުން އެއްކޮށްގެން ތާއީދު އިތުރުކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް މީހުން އެއްކުރެވުނު ނަމަވެސް އެ ޕާޓީއަށް އައްޑޫގައި ތާއީދު އިތުރުވާތަނެއް ނުފެނެއެވެ. ވޯޓުތަކުގައި ބަލިވަނީ ބޮޑު ތަފާތަކުންނެވެ.
އޭގެ މައްސަލައަކީ އައްޑޫގައި ތިބި ޕީޕީއެމްގެ އާއްމު މެންބަރުން ބުނާ ގޮތުން ނަމަ "އިޚްލާސްތެރިކަމެއް ނެތް ޕީޕީއެމްގެ ހައެއްކަ ބޮޑުންނަށް ވަޒީފާ އާއި އާރާއި ބާރު ދީގެން" ތިބުމެވެ. ރައްޔިތުންނާއި ގާތުން މަސައްކަތް ނުކުރެވޭ ބަޔަކު މަޤާމުތަކަށް އިސްކޮށްގެން އުޅުމެވެ.