Last Updated: November 25, 22:26
Tuesday, November 26, 2024
ކުޅިވަރު

"ލޮނަށްވީތީ ތަފާތު ވާނެ"

މިއީ ސ.ފޭދޫ ލޮނަ އެފްސީގެ ފަރާތުން މިޓުސުބުޝީ ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ވާދަކުރާ ދެވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތަށް ވެސް ނިކުތީ "ލޮނަށް ވީތީ ތަފާތު ވާނެ" ކަމަށް ބުނަމުންނެވެ.
މުބާރާތުގެ ފައިނަލް މެޗާއި ބެހޭގޮތުން ސުވާލުކުރުމުން ވެސް އެ ޓީމުގެ ފަރާތުން ދިން ޖަވާބަކީ އެއީއެވެ. "ލޮނަށް ވީތީ ތަފާތު ވާނެ" ކަމަށެވެ.

ލޮނަ އެފްސީން އެ ބުނާ ތަފާތު ގޯދިއްޔާ މުބާރާތުގައި ލޮނަ އެފްސީން އަންނަނީ ދައްކަމުންނެވެ. 2017 ވަނަ އަހަރު ގޯދިއްޔާ މުބާރާތުގައި އަލަށް ވާދަކޮށް ކުއާޓާ ފައިނަލާއި ހިސާބަށް އެ ޓީމު ދަތުރުކުރިއެވެ.

އެންމެ ފުރަތަމަ ވާދަކުރި މުބާރާތުގައި ދެއްކި މޮޅު ކުޅުމާއި އެކު މިފަހަރުގެ މުބާރާތުގެ ފެވަރިޓުންގެ ލިސްޓުން އެޓީމަށް އޮތީ ޖާގަ ލިބިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ލޮނަ އެފްސީ ކެޓީ ކުއާޓާ ފައިނަލުގައި ކްލަބް ވީއެޗު އަތުން ބަލިވުމުންނެވެ.

އެހެން ނަމަވެސް އެކަން ހަނދާން ނައްތާލުމަށް ފަހު މިއަހަރުގެ މުބާރާތާއި ކުރިމަތިލައި ފައިނަލާއި ހަމައަށް ލޮނަ އެފްސީން އައީ ސެމީގައި ކްލަބް ވީއެޗް ކަޓުވާލުމަށް ފަހުއެވެ. ލޮނަ އެފްސީއަށް ވީއެޗް އަތުން ސެމީގައި ލިބުނު މޮޅަކީ ޓީމުގެ މެނޭޖްމަންޓުން ބުނާ ގޮތުގައި ހަމަ ހަގީގަތުގައި ވެސް "ސްވީޓް ރިވެންޖް" އެކެވެ.

ލޮނަ އެފްސީ ޓީމުގެ ސަޕޯޓަރުން. އެ ޓީމުން ބުނާ ގޮތުގައި "ލޮނަށް ވީތީ ސަޕޯޓަރުން ވެސް ތަފާތު ވާނެ"

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ލޮނަ އެފްސީގެ އޮފިޝަލް ބުނިގޮތުގައި، މިރޭގެ ފައިނަލަށް އެޓީމުން ވަނީ ހުރިހާ ގޮތަކުން ވެސް ތައްޔާރުވެފައި ވާއިރު ޓީމުގައި އަނިޔާގެ މައްސަލައެއް ވެސް ނެތެވެ.

ލޮނަ އެފްސީން ބުނާ ގޮތުގައި އެ އެޓީމުގެ ސަޕޯޓަރުން ވެސް ދަނީ މިރޭގެ މެޗަށް ފޯރީގައި ތައްޔާރުވަމުންނެވެ. ސަޕޯޓަރުންގެ ތަރުޙީބު ވެސް "ލޮނަށް ވީތީ ތަފާތު ވާނެ" ކަމަށެވެ.