ބިދޭސީ ޑޮކްޓަރުންނާއި ދިވެހި ޑޮކްޓަރުންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ބުނެ އެ މައްސަލާގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ ބިދޭސީ ޑޮކްޓަރުން އަންނަ މަހު ހަޅުތާލަކަށް ތައްޔާރުވަމުންދާ ކަމަށް ވަރަށް އިތުބާރު ހުރި ގޮތަކަށް އެނގިއްޖެ އެވެ.
މިކަން ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ވެސް ވަނީ "އައްޑޫ ލައިވް" އަށް ކަށަވަރުކޮށް ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ބިދޭސީ ޑޮކްޓަރުން ހަޅުތާލަަކަށް ނިކުންނަނީ ބިދޭސީ ޑޮކްޓަރުންނާއި ދިވެހި ޑޮކްޓަރުންގެ އެގްރިމަންޓްގައި ބޮޑެތި ތަފާތު ކުރުންތަކެއް ހުރިކަން ފާހަގަކޮށް އެކަން ސަރުކާރުގެ ސަމާލު ކަމަަށް ގެނައުމުގެ ބޭނުމުގައި ކަމަށް ޑޮކްޓަރުންގެ ފަރާތުން އެނގިފައިވާ ކަމަށެވެ.
އެހެން ނަަމަވެސް ހަޅުތާލާ ބެހޭ މާ ބޮޑު ތަފުސީލެއް ލިބިފައި ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ޑޮކްޓަރުންނަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ހެލްތު މިނިސްޓްރީ އާ ވާހަކަ ދައްކައިގެން ހައްލު ކުރެވޭތޯ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިނިސްޓްރީން ލިބެން ޖެހޭ ވަރަށް އެއްބާރުލުން ލިބެމުން ނުދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެނގިފައިވާ ގޮތުގައި އައްޑޫގައި މަސައްކަތް ކުރާ ބިދޭސީ ޑޮކްޓަރުންގެ ތެރެއިން ފޭދޫ ސިއްހީ މަރުކަޒުގައި މަަސައްކަތް ކުރާ ދެ ޑޮކްޓަރުން ފިޔަވައި އެހެން ބިދޭސީ ޑޮކްޓަރުން މިހާތަނަށް އެގްރިމަންޓްގައި ސޮއިކޮށްފައެއް ނުވެ އެވެ.
އަދި އެގްރިމަންޓްގައި ދިވެހި ޑޮކްޓަރުންނާއި ބިދޭސީ ޑޮކްޓަރުންނާ ދެމެދު އޮތް ތަފާތު ކުރުންތަކުގެ ތެރޭގައި ސާވިސް އެލަވަންސްގެ ތަފާތާއި ލިވިން އެލަވަންސްގެ ތަފާތާއި އަހަރީ ޗުއްޓީގައި ތަފާތު ކުރުންތަކެއް ހިމެެނެ އެވެ. އަދި ހަމަ މިއާ އާ އެކު އިންޑިއާ ޑޮކްޓަރުންނާއި ޕާކިސްތާން ޑޮކްޓަރުން ރަށަށް އެނބުރި ދިއުމަށް ޓިކެޓް ދޭ އުސޫލުގައި ވެސް ވަނީ ޑޮކްޓަރުން ހިތްހަމަނުޖެހޭ ކަހަލަ ކަންތައްތަކެއް ހިމަނާފައި ކަމަށް ބައެއް ޑޮކްޓަރުންގެ ފަރާތުން އެނގިފައިވެ އެވެ.