މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު މިނިވަން އަދި އިންސާފުވެރި އިންތިބާހަކަށް ވާނެ ކަމުގެ އިތުބާރެއް ނެތް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި ޑރ. ޖަމީލް "އައްޑޫ ލައިވް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު ކަންކަން ހިނގަމުންދާ ގޮތުން އިންތިހާބަކަށް ކުރެވޭ އުންމީދުތައް ކުޑަ ކަމަށެވެ.
އޭނާ ވިދާޅުވީ މި ހާލަތުގައި މެދުވެރިވާ ކަމަކުން ދުސްތޫރީ ގޮތުން ކަމެއް އުފެދިއްޖެ ނަމަ އެ މައްސަލައެއް ހައްލު ކުރާނެ ވެސް ގޮތެއް ނެތް ވެސް ކަމަށެވެ. އެގޮތުން މިހާރު އެންމެ މަތީ ކޯޓް ސްޕްރީމް ކޯޓް ވުޖޫދުގައި ނެތް ކަމަށް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގައި މި ވަގުތު ދިރިއުޅުއްވާ ޖަމީލް ވިދާޅުވި ގޮތުގައި އިންތިޚާބުގެ މެޝިނަރީ އޮތީ އިންސާފުވެރި ގޮތަކަށް ތަރުތީބު ކުރެވިފައި ނޫން ކަމަށެވެ.
"މިހެން މި ދެންނެވީ ޕީޕީއެމްގެ އިސް ފަރާތްތަކާއި ވަރަށް ހަރަކާތްތެރި ގޮތެއްގައި އުޅުއްވި ބޭފުޅުން ގޮސް [އިލެކްޝަން ކޮމިޝަންގައި] އެންމެ އިސް ފަރާތްތަކުގެ ތެރޭގައި އިށީނދެފައި މިތިބީ،" އޭނާ ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ އިންތިޚާބެއްގެ އެންމެ މުހިއްމު އެއް ކަމަކަށް ދެން އޮތީ އިންތިޚާބެއްގެ ސަލާމަތީ ކަންތަކާއި ރައްކާތެރިކަން ބަލަހައްޓާ ފަރާތް ކަމަށެވެ. ނަމަވެސް ފުލުހުންނާއި ސިފައިންގެ އިސްވެރިންނަށް އެއްވެސް އިތުބާރެއް ނެތް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ހަގީގަތުގައި މި ވަގުތު އިތުބާރެއް ނެތް ރާއްޖޭގެ ފުލުހުންނަށް އަދި ސިފައިންގެ އިސް ފަރާތްތަކަށް. މުޅި މުއައްސަސަސާތަކެއް ނޫން." ޖަމީލް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ބެލެވޭ ކުރީގެ ނައިބު ރައީސް ޖަމީލް ވިދާޅުވި ގޮތުގައި ސިފައިންނާއި ފުލުހުންގެ މުއައްސަސާގެ ތެރޭގައި ކަންތައް އިސްލާހު ކުރެއްވުމަށް ބޭނުންފުޅުވާ ބޭފުޅުން އެބަ ތިއްބެވިއެވެ.
އެހެން ނަމަވެސް އެ މުއައްސަސާތަކުން ޤާނޫނާއި ޚިލާފަށް އަމަލު ކުރަމުން ދަނީ އިސްވެރިން އަމަލު ކުރައްވާ ގޮތުގެ ސަބަބުން ކަމަށް ޖަމީލު ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުންނާއި ސިފައިންނަށް އިތުބާރު ނުކުރެވޭ ހާލަތަކަށް ދިއުމަކީ އިންތިހާބުގެ ސަލާމަތީ ކަންކަމާ ވެސް ސުވާލު އުފެއްދޭނެ ޖާގަ އޮތް ކަމެއް ކަން ވެސް ޖަމީލު ވަނީ ފާހަގަކުރައްވާފައެވެ.
އިންތިޚާބުގެ އިންސާފުވެރިކަމާޢި ބެހޭގޮތުން ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް ޖަމީލް ވިދާޅުވި ގޮތުގައި އިންތިހާބުގައި ބައިވެރިވުން ނޫން ގޮތެއް އިދިކޮޅު ފަރާތްތަކަށް މިވަގުތު ނެތެވެ.
"[ސިފައިންނާއި ފުލުހުންގެ] އިސްވެރިންނާއި މެދު އަޅުގަނޑުގެ ނެތް އިތުބާރެއް. އެހެންވީމަ މި ކަންތައް މިހެން އޮތުމާ އެކީގައި އިންސާފުވެރި އިންތިޚާބަކަށް އަޅުގަނޑަކަށް ހިއެއް ނުވޭ މަގުފަހި ވާނެ ހެނެއް،" ޖަމީލް ވިދާޅުވި އެވެ. "ދެން މިހުރިހާ ވާހަކައެއް މިހެން ދެއްކުމާއި އެކީގައި ވެސް އަޅުގަނޑު ހަމަ ސިޔާސީ ހަގީގަތެއް ޤަބޫލު ކުރާ ކަމުގައިވާ ނަމަ އަޅުގަނޑުމެންނަކަށް ނެތް މި އިންތިޚާބުގައި ބައިވެރިވުން ނޫން އެހެން ގޮތެއް."
"އިންތިޚާބުގައި ބައިވެރިވެގެން އޮތް ޗާންސެއް އަޅުގަނޑުމެންނަށް ހޯދަން ޖެހޭނެ ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެނީ. އެ ޗާންސް ނަގަން އަޅުގަނޑުމެންނަށް އެބަ ޖެހޭ. އެއީ ޗާންސެއް ކަމަށް ބަލައިގެން." ޑރ. ޖަމީލް ވިދާޅުވިއެވެ.