Last Updated: November 25, 22:26
Monday, November 25, 2024
ރިޕޯޓް

މިއީ އެއް ކެންޑިޑޭޓު ނެރެން އެންމެ ރަނގަޅު ފޯމިއުލާ!؟

2018 ގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބުނެ ދެއްކި ވާހަކަތައް ކޮޅެއްގައި ނުޖެހި އެތައް ދުވަހެއް ފާއިތުވެގެން ހިނގައްޖެއެވެ. އެއް ކެންޑިޑޭޓަކު ކަނޑައަޅަން ޕާޓީތަކުން ކުރި މަޝްވަރާތަކުން މިހާތަނަށް އެދެވޭ ނަތީޖާއެއް ނުލިބެއެވެ.

އެއް ކެންޑިޑޭޓް ކަނޑައެޅުމުގެ ބަހުސް ކޮޅެއްގައި ނުޖެހި މިހާތަނަށް އައި އިރު އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހުޅުފަޅައިގެން ގޮސް ޕާޓީތަކަށް އެކުގައި މަސައްކަތް ނުކުރެވޭހާ ހިސާބަށް ކަންތައް ގޮސްފިއެވެ. އެ ހުޅުގަނޑު އިތުރަށް ގަދަވެ އިދިކޮޅު ފަރާތްތަކުގެ މެދުގައި މައްސަލަތައް ރައްޔިތުންނާޢި ހިސާބަށް މިވަނީ ފެންމަތިވާން ފަށާފައެވެ.

އެހެންވެ އެ ދެބަސްވުންތައް ނިމުމަކަށް ގެނައުމުގެ ވަގުތު މިއޮތީ ޖެހިފައެވެ. އެކަމަށް ނިމުމެއް ގެނެވޭނެ ކަމަށް ބެލެވެނީ ރައީސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންގެ ރުހުން ލިބޭ ފަރާތެއް ނުވަތަ ފަރާތްތަކެއް އިސް ސަފަށް ނެރެގެންނެވެ.

އެގޮތަށް ބަލާއިރު ނަޝީދުގެ ފަރާތުން އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ އަދި ރައީސް މައުމޫނުގެ ފަރާތްޕުޅުން ދަރިކަނބަލުން ޔުމްނާ މައުމޫން ކިހިނެތް ވާނެ ހެއްޔެވެ؟

ރައީސް ނަޝީދުގެ ސަޕޯޓަރުން އެމަނިކުފާނު ފިޔަވައި އެހެން ފަރާތެއް އިންތިޚާބުގައި ވާދަކުރަން ނޭދޭ އިރު، ފަހަރެއްގައި އެމަނިކުފާނުގެ އަނބިކަނބަލުން ވާދަކުރައްވާ ނަމަ އެކަމަށް ރުހުމުގެ ފުރުސަތު ބޮޑެވެ.

ދެން އޮތީ މައުމޫނުގެ ފަޅި އާއި ޤާސިމްގެ ސަޕޯޓަރުންގެ ރުހުން ހޯދުމުގެ ވާހަކައެވެ.

މައުމޫނުގެ ދަރިކަނބަލުން ޔުމްނާ ވަނީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޖޭޕީ ހިމެނޭ ގޮތަށް އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތް ކުރައްވާފައެވެ. އެހެންވެ އިދިކޮޅު ކެންޑިޑޭޓުގެ ގޮތުގައި ނުވަތަ ރަނިން މޭޓުގެ ގޮތުގައި ދުންޔާ ބަލައިގަތުން ޖޭޕީ އަދި އެމްޑީޕީ ސަޕޯޓަރުންނަށް ވެސް އުނދަގޫ ވާނެ ހެން ހިއެއް ނުވެއެވެ.

ދުންޔާ އާއި ލައިލާ އެކުގައި ނިކުމެވަޑައިގެންފި ނަމަ އެއީ ރައީސް ޔާމީނަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުކަމަށް ވާނެއެވެ. އެހެން ނަމަވެސް މީގެ ތެރެއިން ރައީސާ އަކަށް ވާދަކުރައްވާނީ ކޮން ބޭފުޅެއްތޯ ކަނޑައެޅުން އެއީ އިދިކޮޅު ފަރާތްތަކަށް އުނދަގޫ ކަމަކަށް ވެދާނެއެވެ.

ކޮންމެ އަކަސް ސިޔާސީ ގޮތުން މިބޭފުޅުން ޕްރޮމޯޓް ކުރުމަށް އަންހެނުން ބާރުވެރިކުރުވުމުގެ ވާހަކަ އާއި އެކު ރާއްޖޭގެ ތާރީޚުގެ އައުބާބެއް ފަށައި އައު ތަޖުރިބާއެއް ކުރުންފަދަ ވާހަކަތައް ދައްކާލަނިކޮށް ކާމިޔާބު ވުމަކީ އުނދަގޫ ކަމެއް ނޫނެވެ.

ދިވެހިރާއްޖޭގައި އަންހެނުން ވެރިކަންކުރުމަކީ އައުކަމެއް ނޫނެވެ. އިސްލާމީ ގައުމުތަކުގައިވެސް އަންހެނަކު ވެރިކަންކުރުމަކީ އައުކަމެއް ނޫނެވެ. އަދި އަމުދުން ރާއްޖޭގެ ޤާނޫނީ ނިޒާމު އޮތްގޮތުން އެކަމަށް ހުރަހެއް ވެސް ނެތެވެ.