ބްރޮންނިޓްސީ، ރަޝިޔާ – 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ރަނަރއަޕް އާޖެންޓީނާގެ ފުރަތަމަ މެޗުގައި އައިސްލޭންޑާއި ދެކޮޅަށް ނިކުންނައިރު އެޓީމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ދެޓީމުގެ އިސްކޮޅުގައި ހުރި ފަރަގެވެ.
ފީފާ ވޯލްޑްކަޕްގެ މުބާރާތް ދެފަހަރު ކާމިޔާބުކޮށްފައިވާ އާޖެންޓީނާގެ ޓީމުން ހަޤީޤަތުގައި ވޯލްޑްކަޕްގައި އަލަށް ކުޅޭ އައިސްލޭންޑްގެ ޓީމާއި ދެކޮޅަށް ނިކުންނައިރު ހުނަރުގެ ގޮތުން މޮޅު ކުޅުންތެރިން ތިބީ އާޖެންޓީނާގައެވެ.
އެހެންނަމަވެސް، މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އާޖެންޓީނާގެ ޓީމް ކޭމްޕްގައި ދެ ޓީމުގެ އިސްކޮޅުގެ ހުރި ތަފާތު ތަކާއި ބެހޭގޮތުން ސީރިއަސްކޮށް ވާހަކަ ދެކެވިފައި ވެއެވެ.
އެގޮތުން ދެ ޓީމުގެ އިސްކޮޅުގެ ފަރަގު 2 އިންޗި ނުވަތަ 6 ސެންޓިމީޓަރު ހުރުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ވިސްނަންޖެހޭކަމެއް ކަމަށް އާޖެންޓީނާގެ ކުޅުންތެރިން ދެކެއެވެ.
މިފަހަރުގެ ވޯލްޑްކަޕްގައި ކުޅޭ އައިސްލޭންޑްގެ ޓީމަކީ ނިސްބަތުން އެންމެ އިސްކޮޅުން ދިގު ކުޅުންތެރިން ހިމެނޭ ޓީމަށް ވެފައިވާއިރު އެމީހުންގެ އެވްރެޖް އިސްކޮޅަކީ ގާތްގަނޑަކަށް 1.85 މީޓަރެވެ.
އިސްކޮޅުގެ ސަބަބުން ލިބިފައިވާ އެޑްވާންޓޭޖްގެ އެހީގައި ޕެނަލްޓީ އޭރިޔާތެރެއަށް ފޮނުވާލެވޭ ގިނަ ބޯޅަތައް ދިފާއުކުރުމުގައި ޑިފެންސް އަދި އެޓޭކްގައި ކުޅޭ ކުޅުންތެރިންނަށް ވަރަށް ފަސޭހަވާނެކަމަށް ބެލެވޭއިރު އާޖެންޓީނާގެ ޓީމަކީ ވޯލްޑްކަޕްގައި ކުޅޭ ޓީމުތަކުގެ ތެރެއިން އިސްކޮޅުން އެންމެ ކުރު ކުޅުންތެރިން ހިމެނޭ ޓީމެވެ.
އާޖެންޓީނާ ޓީމުގެ އެވްރެޖް އިސްކޮޅަކީ ގާތްގަނޑަކަށް 1.79 މީޓަރެވެ. އެއީ 5 ފޫޓް 10 އިންޗިއެވެ.
އާޖެންޓީނާގެ ކޯޗް ސަމްޕައޮލީ ބުނިގޮތުގައި އައިސްލޭންޑް ޓީމަށް އިސްކޮޅު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވޭނެކަމަށެވެ.
އަދި ލިއޮނަލް މެސީ ކަހަލަ ހުނަރުވެރި ކުޅުންތެރިން ހިމެނޭ ޓީމަކާއި ދެކޮޅަށް ނިކުންނައިރު އައިސްލޭންޑްގެ ޓީމުގެ ދިގު އިސްކޮޅު ބޭނުންކޮށްގެން ތަފާތު ދައްކާނެކަމަށް ބެލެވޭ ކަމަށް ސަމްޕޯލީ ވަނީ ބުނެފައެވެ.
އެހެންވެ އެކަމަށް ހާއްސަ ސަމާލުކަމެއްދީގެން އާޖެންޓީނާގެ ކޯޗް ދަނީ ޓީމުގެ ފަރިތަކުރުންތަކުގައި ޓެކްޓިކަލީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އާޖެންޓީނާގެ ޓީމުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓީމުގެ ގޯލްކީޕަރު ވިލީ ކަބަޔޭރޯ ބުނިގޮތުގައި އައިސްލޭންޑް އާއި ދެކޮޅަށް ކުޅޭ މެޗު ފަސޭހަ އެއް ނުވާނެއެވެ.
"ޓީމެއްގެ ގޮތުގައި އެމީހުން ގުޅިގެން ވަރަށް ރަނގަޅަށް ޑިފެންސްކުރޭ. ވަރަށް އުނދަގޫވާނެ މެދުތެރެއިން ބޯޅަހިފައިގެން ކުޅުމަށް. އަހަރެމެންގެ އެޓޭކްތައް ކުރަން ޖެހޭނީ ވިންގުން ކަމަށް ޤަބޫލުކުރެވޭ." ކަބަޔޭރޯ ބުންޏެވެ.
މިފަހަރުގެ ވޯލްޑްކަޕްގައި އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗުގައި އައިސްލޭންޑާއި ދެކޮޅަށް ނިކުންނާނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.