ޔެކްތަރިން ބަރގް- ރަޝިޔާ: ފީފާ ވޯލްޑްކަޕް 2018ގެ ގްރޫޕް އޭގެ ދެވަނަ މެޗްގައި އުރުގުއޭ އާއި މިސްރު ކުޅުނު މެޗް އުރުގުއޭ އިން ކާމިޔާބުކޮށްފިއެވެ.
އުރުގުއޭ އިން މި މެޗް ކާމިޔާބު ކުރީ 0-1 އިންނެވެ.
މިމެޗްގައި އުރުގުއޭ އިން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ، މެޗްގެ 84 ވަނަ މިނިޓްގައި ހޯޒޭ ގިމިނޭޒްއެވެ.
ފުރަތަމަ ހާފުގައި އުރުގުއޭ އަށް ރަގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު މިސްރުން ވަނީ މުޅި މެޗްގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މިސްރަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
އުރުގުއޭ އިން މެޗްގެ ކޮންޓްރޯލް އަތުލާފައި ވަނީ މެޗުގެ ފަހު 20 ވަރަކަށް މިނިޓްގެ ތެރޭގައެވެ. އެގޮތުން މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި އުރުގުއޭ ވަނީ މިސްރުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.
1990 ވަނަ އަހަރުގެ ފަހުން މިސްރު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗަށް ނިކުތީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ މުހައްމަދު ސަލާހް އާއި ނުލައެވެ.