ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މަައްޗަށް އިއްވި ހުކުމަކީ އަނިޔާވެރި ޖަރީމާއެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.
އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭއިންސާފުން ރައީސް މައުމޫނުގެ މައްޗަށް އިއްވި ހުކުމަކ އަނިޔާވެރިކަމާއި ބޭއިންސާފުގައި ހައްދުފަހަނައަޅާފައިވާ ޙުކުމެއްކަމެއް ކަމަށެވެ.
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ބަޔާނުގައި ބުނެެެފައިވާ ގޮތުގައި މައުމޫނުގެ މައްޗަށް އިއްވި ހުކުމްގައި ޕްރޮސިކިއުޓަރުން އެދިފައި ނުވާކަންތައް ހިމަނާފައިވާތީ އެކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ކްރިމިނަލް ކޯޓުގެ ހުކުމްގައި ރައީސް މައުމޫނުގެ ދީނީ ނަސޭހަތްދިނުމުގެ ހުއްދަ ބާޠިލުކޮށްފައިވުމަކީ ރާއްޖެ މިއަދު ދެކެމުންމިދާ ކުރިއެރުންތަކަށްވެސް ކުރި ފުރައްސާރައެއް ކަމަށެވެ.
ރައީސް މައުމޫނުގެ ޝަރީޢަތުގައި އެމަނިކުފާނަށް ދިފާޢީ ހެކި ހުށަހެޅުމުގެ ފުރުސަތު ދީފައި ނުވާތީ އިދިކޮޅު ޕާޓީތަކުން ބުނެފައިވަނީ، "އިންސާފުވެރި ޝަރީޢަތެއްގެ އެންމެ އަސާސީ ރުކުންތަކުން ރައީސް މައުމޫން މަހުރޫމްކޮށްފައިވާކަން" ކަމަށެވެ.
މީގެ އިތުރުން އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ ރައީސް މައުމޫނު ހިމެނޭ ގޮތަށް ގިނަ ބަޔަކު ބަންދުކޮށްގެން ގެންގުޅުމަކީ ރިޔާސީ އިންތިޚާބުގައި ޢަބްދުﷲ ޔާމީނަށް ކުރިއެރުން ލިބިދާނެ ސަބަބެއް ނޫން ކަމަށެވެ.
"ކްރިމިނަލް ކޯޓުގެ މުޅި އިޖުރާއާތައް ނަޒަރުހިންގާލުމުން ފެނިގެންދަނީ ފަނޑިޔާރުންގެ އަމިއްލަ ޟަމީރާއި، އަބުރާއި، ޢިއްޒަތާއި އަދި ނަޒާހާތްތެރިކަން ޤުރުބާންކުރުމަށްފަހު އަނިޔާވެރި، ޣައިރުޤާނޫނީ ވެރިކަން ދެމެހެއްޓުމަށްޓަކައި ކޮންމެފަދަ ހުތުރު ޢަމަލެއް ހިންގަންވެސް ފަސްނުޖެހޭ ބަޔަކު ދިވެހިރާއްޖޭގެ ފަނޑިޔާރުގެތަކަށް އަތްގަދަކޮށްފައިވާކަން" -އިދިކޮޅު ޕާޓީތައް-
ރައީސް މައުމޫނުގެ މައްޗަށް ޖޫން 13 ވަނަ ދުވަހު ހުކުމްކޮށްފައި ވަނީ އެދުވަހު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި ޚުލާސާ ބަޔާން އިއްވިތާ އެންމެ 5 މިނިޓްގެ ތެރޭގައެވެ. އާއްމު ގޮތެއްގައި ޚުލާސާ ބަޔާނުގައި ދައުލަތުގެ ފަރާތުންނާއި ދައުވާ ލިބޭ ފަރާތް ލައްވައި ސޮއިކުރުވައެވެ. އެހެން ނަމަވެސް އެދުވަހު އެގޮތަށް އަމަލުކުރި ކަމެއް ނޭނގެއެވެ.