Last Updated: November 30, 11:04
Saturday, November 30, 2024
ސިއްހަތު

ހިތަދޫން ފޮނުވާލި އަންހެނުންގެ ޑޮކްޓަރު ގއ.ވިލިގިލީގައި!

ގއ. ވިލިނގިލީ ހޮސްޕިޓަލް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބޭރުކުރި އަންހެނުންގެ ޑޮކްތަރު މިހާރުވަނީ މި ހޮސްޕިޓަލަށް ބަދަލުކޮށްފައި

އާއްމުންގެ ޝަކުވާ ބޮޑުވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފޮނުވާލި އަންހެނުންގެ ޑޮކްޓަރު ގއ.ވިލިގިލީ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

އިތުބާރު ހުރިގޮތަކަށް "އައްޑޫލައިވް"އަށް އެގިފައިވާ ގޮތުގައި އަންހެނުންގެ ޑޮކްޓަރު ވަނީ މިހާރު ޑިއުޓީއަށް ނިކުންނަންވެސް ފައްޓަވާފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ހުރި ދުވަސްވަރު ފަރުވާ ދިން ގިނަ މީހުންނަށް ސިއްޙީ ބޮޑެތި މައްސަލަތަކެއް ދިމާވެ، އާއްމުންގެ ޝަކުވާ އާއި ހެދި ފޮނުވާލި ޑޮކްޓަރަކީ ހިތަދޫގެ ގޭންގުތަކާއި ގުޅުން އޮންނަ މީހެއްކަމަށް ރަށުތެރޭގައި ވާހަކަ ދެކެވެއެވެ. އަދި ޑިއުޓީއަށް ފަރުވާ ކުޑަ ވުމާއި ނުތާހިރު ކަމާއި ހެދި އެތަކެއް ޝަކުވާ ހޮސްޕިޓަލަށް ލިބެމުން ދިޔަ އިރު އޭގެ ތެރެއިން ބައެއް ޝަކުވާ ވަނީ ހެލްތު މިނިސްޓްރީއަށްވެސް ހުށަހެޅިފައެވެ.

ހެލްތު މިނިސްޓްރީގެ ޑޮކްޓަރުންނާއި ބެހޭ އިސްބޭފުޅެއް ކަމަށް އަހުމަދު ކަރަމް "އައްޑޫލައިވް" މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ޑޮކްޓަރު ރާއްޖޭގެ އެއްވެސް ތަނަކަށް ބަދަލު ނުކުރާނެ ކަމަށާއި، އޭނާ ވަގުތުން ޑީޕޯޓްކޮށްލާނެކަމަށެވެ.

ކަރަމް އެދުވަހު ވިދާޅުވީ އޭނާ އާއި ގުޅޭ ގޮތުން ލިބިފައި ހުރި ޝަކުވާ ތަކަށް ބަލާ އިރު ރާއްޖޭގެ އެހެންތަނަކަށް އޭނަ ފޮނުވައިގެން ވެސް ރަނގަޅެއް ނުވާނެއެވެ.