ކްރެސްޓޯސްކީ އައިލޭންޑް- ރަޝިޔާ: ފީފާ ވޯލްޑްކަޕް 2018ގެ ގްރޫޕް ބީގައި މޮރޮކޯ އާއި އިރާން ބައްދަލުކުރި މެޗް އިރާނުން ކާމިޔާބުކޮށްފިއެވެ.
އިރާނުން މިމެޗް ކާމިޔާބު ކުރީ 0-1 އިންނެވެ. މި ލަނޑަކީ މެޗްގެ އެންމެ ފަހު ވަގުތު ކޮޅުގައި މޮރޮކޯގެ އަޒީޒް ބުހަޑޫޒް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
އިރާނާއި މޮރޮކޯގެ މެޗަށް ޖުމްލަގޮތެއްގައި ބަލާއިރު ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ.
ފުރަތަމަ ހާފްގައި އިރާނުން މެޗް ޑޮމިނޭޓްކޮށްގެން ކުޅުނު ނަމަވެސް ދެވަނަ ހާފްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ މޮރޮކޯ އިންނެވެ. ނަމަވެސް އިރާނުގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ.
ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިރޭގެ މެޗްގެ ހަމައެކަނި ގޯލު ފެނިގެން ދިޔައީ އިތުރު ވަގުތު އެންމެ ފަހު މިނެޓުގެ ތެރޭގައެވެ. މޮރޮކޯގެ އަޒީޒް ބުހަޑޫޒް އަތުން ބައިކޮޅަށް ވަތް ގޯލާއި އެކު އިރާނުން ވަނީ 20 އަހަރުގެ ތެރޭގައި އެޓީމުން ވޯލްޑް ކަޕްގައި ހޯދި ފުރަތަމަ ފަހަރަށް މޮޅުވެފައެވެ.