ސޯޝީ- ރަޝިޔާ: ފީފާ ވޯލްޑްކަޕް 2018ގެ ގްރޫޕް ބީގެ ދެވަނަ މެޗްގައި ސްޕެއިން އާއި ޕޯޗުގަލް ބައްދަލުކުރި މެޗް 3-3 އިން އެއްވަރު ވެއްޖެއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިރޭގެ މެޗްގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޕޯޗުގަލް އިންނެވެ. އެގޮތުން މެޗްގެ 3 ވަނަ މިނިޓްގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ޕޯޗުގަލްގެ ގޯލަށް ފަހު ވެސް އެޓީމަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް އޭގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އޭގެ ނަތީޖާއެއް ގޮތުން މެޗްގެ 24 ވަނަ މިނިޓްގައި ސްޕެއިންގެ ޑިއޭގޯ ކޯސްޓާ ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ކޯސްޓާގެ ލަނޑަށް ފަހު ސްޕެއިން އިން ރަނގަޅަށް ކުޅެމުން ދަނިކޮށް 44 ވަނަ މިނިޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 1-2 އަށް ބަދަލުކޮށްފައެވެ.
މެޗްގެ ފުރަތަމަ ހާފް ނިމުނީ ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ސްޕެއިން އިން ރަނގަޅަށް ކުޅެ ޕޯޗުގަލްގެ ގޯލަށް ނުރައްކާ ކުރަން ފެށުމުގެ ނަތީޖާއަކަށްވީ ދެވަނަ ހާފުގެ 58 ވަނަ މިނިޓްގައި އެޓީމުން ލަނޑެއް ކާމިޔާބު ކުރުމެވެ.
މިލަނޑު ވެސް ކާމިޔާބުކޮށްދިނީ ޑިއޭގޯ ކޯސްޓާއެވެ.
ކޯސްޓާގެ ގޯލަށް ފަހު ސްޕެއިން އިން ފުލުފުލުގައި ޕޯޗުގަލްގެ ގޯލަށް ނުރައްކާ ކުރަން ފެށައި އޭގެ 3 މިނިޓް ފަހުން ވަނީ ލީޑް ނަގާފައެވެ. އޭރިޔާ ބޭރުގައި ހުރެ ސްޕެއިންގެ ޑިފެންޑަރު ނާޗޯ ފޮނުވާލި ބާރު ޝޮޓަކުން މި ގޯލް ކާމިޔާބު ކުރީ ނާޗޯއެވެ.
ނާޗޯގެ ގޯލުން ސްޕެއިން މޮޅުވާން ދަނިކޮށް ޕޯޗުގަލް އަށް އެއްވަރުކޮށް ދިނީ 86 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑަށް ފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ރޮނާލްޑޯއަށް ވަނީ ލިބިފައެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ދެޓީމް ކަމަށްވާ އިރާން އާއި މޮރޮކޯ ބައްދަލުކުރި މެޗް 0-1 އިން ކާމިޔާބުކުރީ އިރާނެވެ.