ކަޒަން-ރަޝިޔާ: ފީފާ ވޯލްޑްކަޕް 2018ގެ ގްރޫޕް ސީގައި ފްރާންސާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗް ފްރާންސުން ކާމިޔާބުކޮށްފިއެވެ.
ފްރާންސުން މިމެޗް ކާމިޔާބު ކުރީ 1-2 އިންނެވެ.
މިމެޗް ފަށައިގެން ފްރާންސްގެ ކިލިއަން އެމްބާޕޭ އާއި ގްރީޒްމަން ވަނީ އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
އެހެން ނަމަވެސް ފްރާންސުން މިހާފުގައި އޮސްޓްރޭލިއާގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާތަށް އެޓީމުގެ ކީޕަރު މެޓް ރަޔަން ވަނީ ހުޝިޔާރު ކަމާއި އެކު ދިފާޢުކޮށްފައެވެ.
ދެ ޓީމުގެ ފަރާތުން ވެސް ގިނަ ފައުލްތަކެއް ފެނިގެން ދިޔަ މިހާފުގައި ފްރާންސްގެ ފޯވާޑުން ހުއްޓުވުމުގައި އޮސްޓްރޭލިއާގެ ޑިފެންޑަރުން މޮޅު ކުޅުމެއް ދައްކާފައިވާ ކަން ފާހަގަކޮށްލެވެއެވެ.
މެޗްގެ ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ހާފް ފަށައިގެން، ވެސް މެޗް ކޮންޓްރޯލް ކޮށްގެން ކުޅެފައި ވަނީ ފްރާންސުންނެވެ.
ފްރާންސްގެ ފުރަތަމަ ލަނޑު ޖެހީ އެޓީމަށް ލިބުނު ޕެނަލްޓީ އަކުން އެންޓޯނިއޯ ގްރީޒްމަންއެވެ. މި ޕެނަލްޓީ ދިނުމަށް ރެފްރީ ނިންމާފައި ވަނީ ވީޑިއޯ ރީޕްލޭ ބެލުމަށް ފަހުގައެވެ.
ފްރާންސުން ލީޑު ނެގިތާ ތިން މިނިޓް ފަހުން އޮސްޓްރޭލިއާ އަށް އެއްވަރުކޮށްދިނީ ކެޕްޓަން މިލީ ޔެޑިނާކް އެވެ. އޮސްޓްރޭލިއާ އަށް ޕެނަލްޓީއެއް ލިބުނީ އޭރިޔާ ތެރެއަށް ހުރަސް ކުރި ބޯޅައެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ފްރާންސްގެ ޑިފެންޑަރު އުމްތީތީގެ އަތުން ބޯޅައިގައި ޖެހުމުންނެވެ.
އޮސްޓްރޭލިއާ އިން ނަތީޖާ އެއްވަރުކުރުމުން ފްރާންސުން ވަނީ އެޓީމުގެ ފޯވާޑް ލައިނަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ގްރީޒްމަންގެ ބަދަލުގައި ޖިރޫޑް އަދި ޑެމްބަލޭގެ ބަދަލުގައި ނެބީލް ފެކީރް ކުޅެން ނެރުނެވެ.
މި ބަދަލުތަކާއި އެކު ފްރާންސުން އިތުރަށް ކުރިއަށް ޖެހި އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ޓީމުގެ ޕޯލް ޕޮގްބާ ވަނީ 80 ވަނަ މިނިޓްގައި ލަނޑެއް ޖަހައި މެޗްގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލާފައެވެ.
ފްރާންސުން ލަނޑު ޖެހުމުން އޮސްޓްރޭލިއާގެ ކުޅުންތެރިން ކުރިއަށް ޖެހި ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތް ފްރާންސްގެ ޑިފެންޑަރުން ވަނީ ހުއްޓުވާފައެވެ.