ސްޕާޓަކް ސްޓޭޑިއަމް- ރަޝިޔާ: ފީފާ ވޯލްޑްކަޕް 2018ގެ ގްރޫޕް ޑީގެ ފުރަތަމަ މެޗްގައި އާޖެންޓީނާ އާއި އައިސްލޭންޑް ބައްދަލުކުރި މެޗް 1-1 އިން އެއްވަރު ވެއްޖެއެވެ.
މިރޭގެ މެޗްގެ ކުރިން ތަޖުރިބާކާރުން ލަފާކުރި ގޮތަށް އާޖެންޓީނާއަށް އައިސްލޭންޑްގެ ކުޅުންތެރިންގެ އިސްކޮޅު ދިގު ވުމުގެ ސަބަބުން އުނދަގޫތަކާއި ކުރިމަތިލާން ޖެހުނެވެ.
އެހެން ނަމަވެސް އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެމުން ގެންދިޔަ އާޖެންޓީނާއިން ވަނީ މެޗްގެ ކުރީކޮޅު ފުލުފުލުގައި އައިސްލޭންޑްގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.
އޭގެ ތެރޭގައި ލިއޮނަލް މެސީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ޝޮޓް ފާހަގަކޮށްލެވެއެވެ.
އާޖެންޓީނާގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ކުން އަގުއޭރޯއެވެ.
އަގުއޭރޯގެ ލަނޑަށް ފަހު އައިސްލޭންޑް އިން ވަރަށް ބޮޑަށް ކުރިއަށް ޖެހި އާޖެންޓީނާއަށް ޕްރެޝަރު ކުރަން ފެށިއެވެ. ނަތީޖާއަކަށް ވީ އެޓީމުގެ ފިންބޮގާސަން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރުމެވެ.
އައިސްލޭންޑްގެ ގޯލަށް ފަހު ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެހެން ނަމަވެސް، އެއިން ފުރުސަތެއްގެ ބޭނުން ހިފިފައެއް ނުވެއެވެ.
މެޗްގެ ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ހާފު ފަށައިގެން، އާޖެންޓީނާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެ ޓީމަށް އައިސްލޭންޑްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މިހާފުގައި ވެސް އާޖެންޓީނާގެ މެސީ އާއި އަގުއޭރޯ ހިފެހެއްޓުމުގައި އައިސްލޭންޑްގެ ޑިފެންޑަރުން ވަނީ ކާމިޔާބު ހޯދާފައެވެ.
އާޖެންޓީނާއަށް މެޗުގެ ނަތީޖާ އަނބުރާލަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެ ޓީމުގެ މެސީއަށެވެ. މެޗްގެ 62 ވަނަ މިނިޓްގައި އާޖެންޓީނާއަށް ލިބުނު ޕެނަލްޓީ މެސީ ފޮނުވާލުމުން އައިސްލޭންޑްގެ ކީޕަރު ވަނީ ހުށިޔާރު ކަމާއި އެކު ދިފާޢުކޮށްފައެވެ.
ޕެނަލްޓީގެ ދިފާއުކުރުމުގެ އިތުރަށް ވެސް އައިސްލޭންޑްގެ ކީޕަރު ވަނީ އާޖެންޓީނާގެ ގިނަ ހަމަލާތަކެއް ހުށިޔާރު ކަމާއި އެކު ދިފާޢުކޮށްފައެވެ. އަދި މެޗްގެ ފަހު ވަގުތުކޮޅުގެ ތެރޭގައި މެސީ ވެސް ވަނީ އައިސްލޭންޑްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.
މިރޭގެ މެޗްގެ ނަތީޖާ އަކީ 3 ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ އައިސްލޭންޑަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. މިއީ އެ ޓީމުން ވޯލްޑްކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރު ވެސް މެއެވެ.