(އެޕްރީލް 26، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
"މަލްގެ މަންމަ ހާދަ ރަނގަޅޭ. އަހަރެން ވަރަށް އުފާވެއްޖެ.. އަހަރެން ހަމަ މިއަދު ބަދަލުވާނަން." ވިއާމާ އުފަލުން ސާރާގެ ދެ އަތުގައި ހިފާލަމުން ބުނެލި އެވެ.
ވިއާމާ ނަސީބު ގެއަށް ބަދަލުވި އެވެ. މިހާރު ސާރާ އެކަނި ކުލާހަށް ދާކަށް ނުޖެހެ އެވެ. އޭނާ އާ އެކުގައި އަބަދުވެސް ވިއާމާ ހުރެ އެވެ.
"މަލް ބުނެބަލަ…އަބަދު ތިޔަ ގެއްލިފައި ހުންނަނީ ކޮން ހިޔާލަކަށް؟ އަހަރެން ވާހަކަ ދައްކާ ހަލާކުވާ އިރު ވެސް ތި ހުންނަނީ އެހެން ދުނިޔެއަކަށް ގެއްލިފައި. ތި ގޮތަށް އަހަރެމެން ގޭގައި އުޅޭ ސާހިލް ބޭބެ ވެސް ވަރަށް ގެއްލިފައި އިނދޭ." ވިއާމާ ވާހަކަ ދައްކަމުން ދިޔަ އެވެ.
ވިއާމާ އަކީ ކ. ގުރާދޫ ކުއްޖެކެވެ. އަބަދުވެސް ސާރާ ކައިރީ ރަށުގެ ވާހަކަ ދައްކަ އެވެ. އެތައް ފަހަރަކު އެ ރަށަށް ގެންދަން ވެސް އުޅެފި އެވެ. އެހެނަސް ހުސްނާ ސާރާ ނުފޮނުވީ އެވެ.
"ސާހިލް އަކީ ކާކު؟" ސާރާ ވިއާމާ ކައިރިން އަހާލި އެވެ.
"ސާހިލް ދޯ…އެއީ ލަވަ ކިޔުންތެރިއެއް. އެކަމަކު ލޯ އަނދިރި މީހެއް. މަ ގޭބައްޕަ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އިންޑިޔާ އަށް ދިޔަ ދަތުރު ދިމާވި ޔަތީމު ދިވެއްސެއް. އަޅާލާނެ އެހީތެރިޔަކު ނެތި އިންޑިޔާގަ އެކަނި އުޅެނިކޮށް ބައްޕަ އޭނާ ރަށަށް ގެންދިޔައީ. ވަރަށް މަޑުމައިތިރި ބަސްމަދު މީހެެއް. އަހަރެން ލައްވާ އޭނާގެ ލަވަތައް ލިޔުއްވާ. އަދި އަމިއްލަ އަށް އެލަވަތައް ކިޔާ. އަހަރެމެން އަތުގަ ވެސް އޭނާގެ އަތުގަވެ ސް ލާރި ނުހުންނާތީ އޭނާގެ ލަވައެއް ރެކޯޑްކޮށްފައި ބޭރުތެރެއަށް ނެރެވޭ ވަރެއް ނުވޭ އަދި." ވިއާމާ ވަރަށް ތަފްސީލުކޮށް ސާހިލްގެ ވާހަކަ ކިޔައި ދިނެވެ.
ސާރާ ފުން ނޭވާއެއް ލިއެ ވެ.
"ތީނަގެ ވަހަކަ އަޑު އަހާފަ އަހަރެން ވަރަށް ދެރަވެއްޖެ. މީގެ އަހަރު ތަކެއް ކުރިން އަހަރެންނަކީ ވެސް ލޯ އަނދިރި ކުއްޖެއް. އެހެނަސް ކޮންމެވެސް މީހެއްގެ އޯގާތެރިކަމުންނާ ﷲ ގެ ރަހްމަތްފުޅުން ލޮލުގެ ފެނުން ލިބުނީ. ވިއާމާ…އަހަރެން ސޫރަޖް މަތިން ވަރަށް ހަނދާންވޭ. މިހާރު އޭނާ ދުނިޔޭގައި ހުރި ނަމަ ވަރަށް އުފާކުރީސް. އަހަރެންގެ ލޯ ހަދިޔާ ކުރި މީހަކު އެނގޭނެ ނަމައޭ އަހަރެން ހިތަށް އަރާ." ސާރާ ކަރުނަ ފޮހެލަމުން ބުނެލި އެވެ.
ވިއާމާ ހިނގުން މަޑުކޮށްލި އެވެ. އަދި ސާރާގެ ލޮލުން އައިސްފައި ހުރި ކަރުނަ ފޮހެލަ ދިނެވެ.
"މަލް ތީ ތިހާ ޖަޒުބާތީ މީހެއް ކަމެއް އަހަރެން ކުރިއަކުން ނުދަންނަަން. މަލް…އަނދިރިކަމުގައި އުޅުމަކީ ކިހާވޭން ހުރި ކަމެއްކަން ލޯ ރަނގަޅު މީހުންނަށް އިހުސާސްވުން ކުޑަ ވާނެ. ސާހިލްގެ ވާހަކަ އަޑު އަހާފަ މަލްގެ ލޯ ތިޔަ ތެމުނީ މަލް ވެސް އެ ހާލުގަ އުޅެފަ އެކަންތައް އިހްސާސް ކުރެވިފަ ހުރީމަ. އަނެއްކާ ސޫރަޖް ދެކެ މަލް ލޯބި ވަނީބާ؟" ސާރާ ވިއާމާގެ ގައިގައި އޮޅުލައިގަތެވެ.
އެ ދެ އެކުވެރިންގެ ލޯބި ކައިރިން ދިޔަ މީހުންނަށް ވެސް އިހްސާސް ކުރެވުނެވެ. އެކި މީހުން ބަލާލި ގޮތުން ސާރާ އާއި ވިއާމާ ދުރަށް ޖެހިލާފައި ހީލި އެވެ.
އެ ވަގުތު ކޮންމެވެސް ގޮތަކުން ސޫރަޖް މަލްހާ ކައިރިއަށް ގެނެސް ދޭން އޭނާ ހިތާ ހިތާ ވަޢުދުވިއެވެ. އެކަމަކު އެ މީހަކު ވާނީ އިންޑިޔާގަ އެވެ. ވިއާމާ އިތުރަށް ސޫރަޖް އާ ބެހޭ މައުލޫމާތު ހޯދާނެ އެވެ. އެގޮތުން އޭނާ ހޯދަން ފަސޭހަ ވާނެ އެވެ.
ކުލާހުން ގެއަށް އައި ގޮތަށް މިއާމާ ވަނީ ބަދިގެ އަށް ހުސްނާ ކައިރިއަށެވެ. ވިއާމާ ގަބޫލު ކުރާ ގޮތުގައި ހުސްނާއަކީ މާ މޮޅު ކެއްކުން ތެރިއެކެވެ. ނާހިދާ ވެސް މި ކައްކާ ކުލާހުގައި ބައިވެރި ވެ އެވެ. މުރާދު ދޭތެރެ ދޭތެރެ އިން އައިސް އުނދަގޫ ކޮށްލާފައި ދުރަށް ދެ އެވެ. މިކަމާ ހުސްނާ އާއި ވިއާމާ ނާހިދާ އާ އެހާ ދިމާ ކުރެ އެވެ.
ސާރާ ގެއަށް އައި ގޮތަށް ފޮތެއް ހިފައިގެން ދިޔައީ ބަގީޗާގައި ހުންނަ އުދޯންޔަށެވެ. މިއަދު ވިއާމާ އޭނާއަށް ސާހިލްގެ ލަވަ ފޮތް ގެނެސް ދިނެވެ. ސާރާ ފަހަރަކު ގަނޑެއް ހުޅުވަމުން ލަވަތައް ބަލަމުން ދިޔަ އެވެ.
"އުދާސް… ނަޔާ ވަގުތު، ހިތުގެ ހާލު…" ސާރާ މަޑުމަޑުން އެ ލަވަތަކުގެ ނަން ކިޔަމުން ދިޔަ އެވެ.
"އަހަރެން ކިޔާނީ މި ލަވަ އެވެ." ހިތާހިތުން ސާރާ ލަވައިގެ ވާހަކަ ދައްކަމުން ދިޔަ އެވެ. އަދި ކުއްލިޔަކަށް ލަވަ ކިޔަން ފެށި އެވެ.
"އޭ ކަނޑުގެ ބިޔަރާޅުތަކާ އެވެ. ނަސީބު ކަލޭ ގެންދަނީ ކޮންތާކަށް ހެއްޔެވެ؟
ކަލޭ ބީހިލަންދާ ގޮނޑުދޮށް ކަލެޔާ ކިހާ ރައްޓެހިކަން ކަލެ އަށް އެނގޭ ހެއްޔެވެ؟
އެނބުރިދާ އިރު ހިތާމަ އާ ވޭން އެކުލެވިގެން ނުވޭ ހެއްޔެވެ؟
ލޯބީގެ ހޫނުން ވިރިގެން ނެތިގެން ބާކީ ވަނީ ކިތައް ހިތް ހެއްޔެވެ؟
ހިތް ގިނަ ފަހަރު ކިހާ މޮޔަ ހެއްޔެވެ؟ ނުވެސް ދަންނަ ދިމާލެއްގަ ފައި ހަރުކޮށްފާނެ އެވެ.
މިއީ ކޮން ކަހަލަ މަންޒިލެއް ނެތް ދަތުރެއް ހެއްޔެވެ؟
އޭ ކަނޑުގެ ބިޔަރާޅުތަކާ އެވެ. ނަސީބު ކަލޭ ގެންދަނީ ކޮންތާކަށް ހެއްޔެވެ؟
ކަލޭ ބީހިލަންދާ ގޮޑުދޮށް ކަލެޔާ ކިހާ ރައްޓެހި ކަލެޔަށް އެނގޭ ހެއްޔެވެ؟
ކަލޭގެ ހިތާމަ އާ އެއްވަރަށް މަގޭ ހިތާމަ ވެސް މިއަދު ބޮޑެވެ.
ހީލުމަކީ ފަސޭހަ ކަމެއް ހެއްޔެވެ؟ ހީލަނީ ތެދުވެރިކޮއް ކަން ޔަގީންނުވާނެއެވެ"
ސާރާގެ ލަވައިގެ ޖާދޫގައި ނާހިދާޔާ ހުސްނާ ޔާ ވިއާމާ ޖެހިފައި ތިއްބެވެ.
"މާތް ކަލާކޯ. މަލް…ތި އަޑުގައި ޖާދޫއެއްވޭ. އަސަރު ވޭ. ތިހާ ރީތިކޮށް ލަވަ ކިޔާ ކަމެއް ކުރިއަކުން މަ ނުދެނަހުރިން." ވިއާމާ އަތްތިލަ ބަޑިޖަހަމުން ސާރާ ކައިރިއަށް އައިސް ބުނެލި އެވެ.
ސާރާ ލަދުން ދުވެފައި ގޭތެރެއަށް ވަނެވެ.
ޖެހިގެން އައީ ބުރާސްފަތި، ދުވަސް ކަމުން ވިއާމާ އެނާގެ ރަށަށް ދިޔަ އެވެ. ގެއަށް ވަދެވުމާ އެކު އޭނާ ދިޔައީ ސާހިލް ކައިރިޔަށެވެ. އޭރު ސާހިލް ކުޑަދޮރު ކައިރީ ބޭރަށް ނަޒަރު ހުއްޓާލައިގެން އިނެވެ.
"ސާހިލް…ސާހިލް އެތެރެއަށް ވަންނަންތަ؟" ވިއާމާ ދޮރު ކައިރީ ހުއްޓިލާފައި ދޮރު ކުޑަކޮށް ހުޅުވާލަމުން އަހާލި އެވެ.
"ވަދޭ…އެކަމަކު އެއްވެސް އެއްޗެއްގަ އަތްލައިގެން ނުވާނެ. ހަނދާން ކުރާތި…އަހަރެންގެ ލަވަފޮތް ހިފައިގެން ދިޔައީތީ އަދަބު ދޭން ވެސް ބޭނުން." ސާހިލް މަޑުމަޑުން ތެދުވަމުން ބުނެލި އެވެ. ވިއާމާ ލަދުން މޯޅިވެލާފައި ހުއްޓެވެ.
"ސާހިލް…އަހަރެން އެ ފޮތް ގެންދިޔައީ އަހަރެން މި އުޅޭ ގޭގަ އުޅޭ ލަވަޔާ ހެދި މޮޔަވެފަ ހުންނަ އަންހެން ކުއްޖަކަށް ދައްކާލަން. އަދި އިހަށް ދުވަހު އެ ކުއްޖާ ތިތަނުން ލަވައެއް ކިޔާލަ ދިން ވެސްމެ." ލަވަ ފޮތް ސާހިލް އަތަށް ދެމުން ވިއާމާ ބުނެލި އެވެ.
"އެ ކުއްޖާ އަށް ކިޔަނީ ކޮން ނަމެއް؟" ސާހިލް ހާސްވެފައޮ ވިއާމާ ކުރެން އަހާލި އެވެ.
(ނުނިމޭ)