ސަރަންސްކީ-ރަޝިޔާ: ފީފާ ވޯލްޑްކަޕް 2018ގެ ގްރޫޕް ސީގައި ޑެންމާކާއި ޕެރޫ ބައްދަލުކުރި މެޗް ޑެންމާކުން ކާމިޔާބުކޮށްފިއެވެ.
ޑެންމާކުން މިމެޗް ކާމިޔާބު ކުރީ 0-1 އިންނެވެ.
މޯރްދޯވިއާ އެރީނާގައި ކުޅުނު މިމެޗްގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މި ހާފުގައި ޕެރޫ އަދި ޑެންމާކަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަުތައް ލިބިފައިވާއިރު ޑެންމާކުން ފޮނުވާލި ދެ ހަމަލައެއް ގޯލިގެ ދަނޑިއަށް އަމާޒުވިއެވެ.
ފުރަތަމަ ހާފްގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޕެރޫއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އެޓީމުގެ ކްރިސްޓިއަން ކުއޭވާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ދެވަނަ ހާފު ފަށައިގެން ޕެރޫ އިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ. އެގޮތުން މެޗްގެ 57 ވަނަ މިނިޓްގައި އަންދރޭ ކަރިއްލޯ އަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެއެވެ.
ޕެރޫ އަށް ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވީ މެޗްގެ 59 ވަނަ މިނިޓްގައި ޑެންމާކްގެ ޔޫސުފް ޕޯލްސަން އެޓީމަށް ލީޑު ނަގައި ދިނެވެ.
ޑެންމާކުގެ ލަނޑަށް ފަހު ޕެރޫ އިން ފުރުސަތުތައް ތަނަވަސް ކުރި އެވެ. އެގޮތުން އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗްގެ 79 ވަނަ މިނިޓްގައި ޕެރޫގެ ހޯޒޭ ޕައުލޯ އަށެވެ. ގޯލު އޭރިޔާގެ ރޮނގުމަތީގައި ކަހަލަ ގޮތަކަށް ހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 81 ވަނަ މިނިޓްގައި ޑެންމާކުގެ ޔޯގަންސަން އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިޔާ ތެރެއަށް ވަދެ ޔޯގެންސަން ފޮނުވާލި ބޯޅަ ޕެރޫގެ ކީޕަރު ވަނީ ހުށިޔާރު ކަމާއި އެކު ދިފާޢުކޮށްފައެވެ.
އަދި ހަމަ އޭގެ މިނިޓެއް ހާއިރު ފަހުން ޕެރޫގެ ފަރްފަން އަށް ވެސް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބުނެވެ. އޭރިޔާގެ ތެރޭގައި މުޅިން ހުސްކޮށް ހުރެ ފަރްފަން ފޮނުވާލު ބޯޅަ ޑެންމާކުގެ ކީޕަރު ޝުމައިކަލް ވަނީ ދިފާއުކޮށްފައެވެ.
މެޗްގެ 86 ވަނަ މިނިޓްގައި ޓޮޓެންހަމް އަށް ކުޅެމުން އަންނަ ޑެންމާކުގެ ޕްލޭމޭކަރ އެރިކްސަން އަށް ވެސް އެ ޓީމުގެ ލީޑު ފުޅާކުރާނެ ފުރުސަތެއް ލިބުނެވެ. އެރިކްސަން ފޮނުވާލު ބޯޅައިގެ ހުރަހަކަށްވީ ޕެރޫގެ ކީޕަރު ގަލޭސީއެވެ.
މިރޭގެ މޮޅާއި އެކު ގްރޫޕް ސީގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ޑެންމާކާއި ފްރާންސަށް ވެސް ވަނީ 3 ޕޮއިންޓް ލިބިފައެވެ.
ގްރޫޕް ސީގައި ދެން ހިމެނެނީ ފްރާންސް، ޑެންމާކް، ޕެރޫ އަދި އޮސްޓްރޭލިއާއެވެ.