ކެނެޑާގެ މެކްގިލް ކޮލެޖުގައި ކިޔަވަމުން ދިޔަ އެރިކް އަބްރަމޮވިޓްޒްގެ ހުވަފެނަށް އަބަދުވެސް ވެފައި އޮތީ މިއުޒިކް ސްކޫލަކަށް ވަދެ، މިއުޒިކްގެ ދުނިޔޭގައި ކުރިއަރައި ދިއުމަށެވެ. ސެގާސް ސާދަ ވަނަ އަހަރު އޭނާ ވަނީ ހުވަފެން ހަގީގަތަކަށް ހެދުމަށް އެމެރިކާގެ ކޮލްބާން ކޮންސަވޭޓަރީ އޮފް މިއުސިކް ސްކޫލަށް ވަނުމަށް ސްކޮލަޝިޕަކަށް އެދިފައެވެ.
ކްލެރިނެޓް ކުޅޭ އެރިކް ވަނީ މިއުސިކް ސްކޫލުގެ އޮޑިޝަނުން ފާސްވުމަށް ރޭގަނޑު ނުނިދާ ހޭލާ ހުރެ ކްލެރިނެޓް ޕްރެކްޓިސްކޮށްފައެވެ. ފަންސާސްހާސް ޑޮލަރުގެ ސްކޮލަޝިޕަކަށް އެޕްލައިކޮށް އޭނާ ވަނީ އެ ސްކޮލަޝިޕް ހޯދުމަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. ކޮލްބާންގައި ކިޔަވައިދެމުން އައި މަޝްހޫރު ކްލެރިނެޓް ޓީޗަރު ޔެހުޑާ ގިލާޑުގެ އިރުޝާދުގެ ދަށުން ކިޔެވުމަށް އެރިކް ހުރީ ފެން ބޮވައިގެންފައެވެ.
ނަމަވެސް ސްކޫލުން ފޮނުވި މެއިލް ބަލާލިއިރު އޭނާއަށް ލިބުނީ ބޮޑު ހިތްދަތިކަމެކެވެ. ސްކޮލަޝިޕުން ފުރުސަތެއް ނެތްކަން އަންގައި ލިބުނު މެއިލުން އޭނާގެ ހުވަފެންތައް ވަނީ ފެނަށް ވެގެން ގޮސްފައެވެ. ނަމަވެސް އެ މެއިލަކީ ސްކޫލުން ފޮނުވި މެއިލް ނޫންކަން އަބްރަމޮވިޓްޒްއަށް އެނގުނީ މާ ފަހުންނެވެ.
ސީއެންއެން އިން މިހާދިސާ ހިނގިގޮތް ރިޕޯޓުކޮށް ހާމަކޮށްފައިވާ ގޮތުގައި އަބްރަމޮވިޓްޒް އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޖެނިފާ ލީ ވަނީ ކޮލްބާން ސްކޫލުން އަބްރަމޮވިޓްޒްއަށް ސްކޮލަޝިޕް ލިބުނު ކަމަށް ބުނެ ފޮނުވި އީމެއިލް އޭނާއަށް ފެނުމުގެ ކުރިން ފޮހެލާފައެވެ. އަދި އޭނާ ވަނީ އަބްރަމޮވިޓްޒްގެ އީމެއިލުން ސްކޫލަށް މެއިލްއެއް ވެސް ކޮށްފައެވެ. އެ މެއިލްގައި އޭނާގެ ޚިޔާލު ބަދަލުވެއްޖެ ކަމަށާއި އެހެން ސުކޫލެއްގައި ކިޔެވުމަށް ގަސްދުކޮށްފައިވާ ކަމަށް ބުންޏެވެ. ލީ ވަނީ އެ މެއިލް ވެސް ފޮނުވާލުމަށް ފަހު ފޮހެލާފައެވެ.
އަދި އޭނާ ދެން ވަނީ ކޮލްބާންގެ ކްލެރިނެޓް ޓީޗަރު ގިލާޑުގެ ނަމުގައި ފޭކު އީމެއިލް އެޑްރެސްއެއް ތައްޔާރުކޮށް، އެ މެއިލުން އަބްރަމޮވިޓްޒްއަށް މެއިލް އެއް ފޮނުވައި، އޭނާގެ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ކަމަށް ބުނެފައެވެ. ދެމީހުން ވަނީ އޭގެ ދުވަސްކޮޅެއް ފަހުން ވަކިވެފައެވެ.
އަބްރަމޮވިޓްޒްއަށް އޭނާގެ ކުރީގެ ލޯބިވެރިޔާގެ ބޭވަފާތެރިކަން އެނގުނީ އޭގެ ދެ އަހަރު ފަހުން، 2016 ވަނަ އަހަރު ޔުނިވާސިޓީ އޮފް ސަދަން ކެލިފޯނިއާ ގެ އޮޑިޝަނަކަށް ގޮސްފައިވަނިކޮށެވެ. މި ސްކޫލަކީވެސް ކްލެރިނެޓް ޓީޗަރު ގިލާޑު ކިޔަވައި ދޭ ސްކޫލެކެވެ. އަބްރަމޮވިޓްޒް ފެނުމުން ގިލާޑް ވަނީ ހައިރާން ކަމާއެކު އޭނާ މި އޮޑިޝަނުގައި ކުރަނީ ކީއްތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި އަބްރަމޮވިޓްޒް ބުނީ ކޮލްބާން އިން އޭނާ ބަލައިނުގަތުމުން ކަމަށެވެ.
ގިލާޑުގެ މޫނަށް އިތުރު ހައިރާންކަމެއް ލިބި، އަބްރަމޮވިޓްޒް ފޮނުވި އީމެއިލްގެ ވާހަކަ ކިޔާދިނެވެ. އަދިވެސް ދެ ފަރާތަށް ވެގެން އުޅޭ ގޮތެއް ނޭނގެއެވެ. މައްސަލައެއް ދިމާވެފައިވާކަން އިހުސާސް ކުރެވި އަބްރަމޮވިޓްޒް އޭނާގެ މެއިލް ހިސްޓްރީ ބަލާލައި، ގިލާޑް ފޮނުވި ކަމަށް ބުނާ އީމެއިލް ދެއްކުމުން އޭނާ ވަނީ އެއީ އޭނާގެ މެއިލް އެޑްރެހެއް ނޫން ކަމަށާއި އޭނާ ލިޔުނު މެއިލް އެއް ނޫން ކަމަށް ބުނެފައެވެ.
އަބްރަމޮވިޓްޒްއަށް މިފަދަ ބޮޑު ލަނޑެއް ދިނީ ކާކުކަން އޭނާއަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. ނަމަވެސް އޭނާގެ ބައެއް ގާތް އެކުވެރިން ވަނީ އޭރުވެސް އޭނާގެ ކުރީގެ ލޯބިވެރިޔާ، ޖެނިފާގެ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ. ގިލާޑްގެ ނަމުގައި ހަދާފައިވާ އީމެއިލް އެޑްރެސްއަށް ޖެނިފާގެ ބައެއް ޕާސްވޯޑުތައް ޖަހައިގެން ވަންނަން ކުރި މަސައްކަތުގައި އަބްރަމޮވިޓްޒްއަށް ވަނީ އެއީ އޭނާ ކުރިކަމެއް ކަން ފަޅާ އަރާފައެވެ.
ސަބަބަކީ މެއިލް ރިކަވަރީ އެޑްރެސްތަކުގައި ދީފައިވަނީ ޖެނިފާގެ މެއިލް އެޑްރެހާއި ފޯން ނަމްބަރު ކަމަށް ވާތީއެވެ. އަބްރަމޮވިޓްޒްއަށް އޭނާއަށް ޖެނިފާ ދިން ކެހި ގަބޫލުވެސް ނުކުރެވުނެވެ. ނަމަވެސް އޭނާ ނިންމީ މިމައްސަލަ ކޯޓަށް ވެއްދުމަށެވެ. މައްސަލަ ބެއްލެވި ގާޒީ ވަނީ ލީގެ އަމަލުތަކުގެ ސަބަބުން އަބްރަމޮވިޓްޒްގެ އަބުރަށް ހުތުރު ލިބިފައިވާ ކަމަށާއި އޭނާގެ ކިޔެވުމުގެ ހަޔާތުން ގެއްލުނު ދުވަސްތަކާއި ލިބުނު ގެއްލުންތަކުގެ ބަދަލާއި އޭނާގެ ހަޔާތް ބަރުބާދު ކޮށްލުމަށް ކުރި މަސައްކަތުގެ ބަދަލުގައި 265،000 އެމެރިކާ ޑޮލަރު އަބްރަމޮވިޓްޒްއަށް ދިނުމަށް ޖެނިފާ ލީގެ މައްޗަށް ހުކުމްކޮށްފައެވެ.
އަބްރަމޮވިޓްޒް ވަނީ މި ތަޖުރިބާގެ ސަބަބުން އެހެން މީހުންނަށް އިތުބާރުކުރަން އޭނާ ފަސް ނުޖެހޭނެ ކަމަށެވެ. ނަމަވެސް މީހުންނަށް އިތުބާރު ކުރުމުގެ ކުރިން މީހުންގެ ސިފަތައް ދެނެގަންނާނެ ކަމަށް އޭނާ ބުންޏެވެ. އާ ލޯބިވެރިޔަކާއެކު އަބްރަމޮވިޓްޒް އޭނާގެ ދުވަސްތައް ހޭދަކުރަމުން އަންނައިރު އޭނާ ވަނީ ނޭޝްވިލް ސިމްފޮނީ އޯކެސްޓްރާއަށް ވެސް ވަދެވިފައެވެ.
ނަމަވެސް އޭނާގެ ކުރީގެ ލޯބިވެރިޔާ ޖެނިފާއާ މެދު ރުޅިވެރިކަމެއް ނުގެންގުޅޭ ކަމަށާއި އޭނާ ދިން ކެއްސަކީ ދިރިއުޅުމުގައި ލިބުނު ރަނގަޅު ފިލާވަޅެއް ކަމަށް އަބްރަމޮވިޓްޒް ބުނެފައިވެއެވެ.