ރޮސްޓޮވް-އޮންޑޮން- ރަޝިޔާ: ފީފާ ވޯލްޑްކަޕް 2018ގެ ގްރޫޕް އީގައި ބްރެޒިލް އާއި ސްވިޒަލޭންޑް ކުޅުނު މެޗް 1-1 އިން އެއްވަރު ވެއްޖެއެވެ.
ވޯލްޑްކަޕްގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމް ކަމުގައިވާ ބްރެޒިލް އާއި ސްވިޒަލޭންޑް ކުޅުނު މިމެޗްގެ ފުރަތަމަ ހާފުގައި ގިނަ އިރު ބޯޅަ ގެންގުޅުނީ ބްރެޒިލް އިންނެވެ.
އެގޮތުން މިހާފުގައި ބްރެޒިލްގެ ގެބްރިއަލް ޖީސަސް އާއި ޕައުލީނިއޯ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިފައިވެއެވެ.
ބްރެޒިލްގެ ލަނޑު މެޗްގެ 20 ވަނަ މިނިޓްގައި ޖެހީ ފިލިޕް ކޯޓީނިއޯއެވެ.
ކޯޓީނިއޯގެ ލަނޑަށް ފަހު ވެސް ބްރެޒިލް އިން އިތުރު ލަނޑެއް ޖެހުމަށް މަސައްކަތް ކުރި ނަމަވެސް މިހާފުގައި ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. ފުރަތަމަ ހާފު ނިމުނީ 0-1 އިން ބްރެޒިލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ބްރެޒިލްގެ ކުޅުންތެރިންނަށް ހެދުނު މިސްޓޭކުތަކުގެ ފައިދާ ނަގައި ސްވިޒަލޭންޑުން ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކުރީ ސްޓީވެން ޒޫބާ އެވެ.
ސްވިޒަލޭންޑްގެ ލަނޑަށް ފަހު އެޓީމުން ވަނީ ކައުންޓަރ އެޓޭކްގައި ބްރެޒިލްގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި ބްރެޒިލް އިން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެހެން ނަމަވެސް ދެ ޓީމަށް ވެސް ލިބުނު ފުރުސަތެއްގެ ބޭނުން ނުހިފި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
މި ނަތީޖާ އާއި އެކު ބްރެޒިލް އާއި ސްވިޒަލޭންޑް އަށް ވެސް 1 ޕޮއިންޓް ލިބިފައިވާއިރު ގްރޫޕްގެ 1 ވަނައިގައި މިހާރު އޮތީ މިއަދު ކޮސްޓަރީކާ އާއި ވާދަކޮށް މޮޅުވި ސާބިޔާއެވެ.