ފީފާ ވޯލްޑްކަޕް 2018ގެ ގްރޫޕް އެފްގައި މިއަދު ސްވިޑެން އާއި ދެކޮޅަށް ނިކުތުމުގެ ކުރިން ސްވިޑެންގެ "ޖާސޫސުންނަށް" އަށް އޮޅުވާލުމަށް ސައުތް ކޮރެއާ ޓީމުން ވަރުގަދަ އުކުޅެއް ބޭނުންކޮށްފިއެވެ.
ކޮރެއާގެ އޮފިޝަލަކާއި ހަވާލާދީ ގޯލް ޑޮޓް ކޮމްގައި ބުނެފައިވާ ގޮތުގައި ތަމްރީންތަކުގައި އެޓީމުގެ ކުޅުންތެރިން ބޭނުންކޮށްފައިވަނީ "ފޭކް" ޖާޒީ ނަންބަރު ކަމަށެވެ. އަދި މިގޮތަށް ހެދީ ސްވިޑެންގެ "ޖާސޫސުންނަށް" ކޮރެއާ ޓީމުގެ ކުޅުންތެރިން މާކް ކުރުމަށް ފަސޭހަ ވެދާނެތީ އޮޅުވާލުމަށް ކަމަށް ވެސް ސައުތް ކޮރެއާގެ އޮފިޝަލް ބުނެފައިވެއެވެ.
"އަހަރުމެން ޖޯޒީ ނަންބަރު ބަދަލުކޮށްގެން މިގޮތަށް އަމަލު މިކުރީ ހުޅަނގުގެ މީހުންނަށް އަހަރުމެން އޭޝިޔާ މީހުން ވަކިކުރަން އުނދަގޫ ވާނެކަން އެނގޭތީ." ސައުތް ކޮރެއާގެ އޮފިޝަލް ބުންޏެވެ.
ސައުތް ކޮރެއާ އިން ތުހުމަތު ކުރާ ގޮތުގައި އެ ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދާ ގޮތް ބެލުމަށް ސްވިޑެންގެ ފަރާތުން ވަނީ ސައުތް ކޮރެއާގެ ކޭމްޕަށް މީހުން ފޮނުވާފައެވެ.
މީގެ އިތުރުން ސައުތް ކޮރެއާގެ ކޯޗު ބުނެފައިވާ ގޮތުގައި މެޗަކަށް ނިކުންނަ އިރު އިދިކޮޅު ޓީމުން ޖާސޫސް ކުރާނެ ކަމުގެ އިހްސާސް ހުރިހާ ކޯޗުންނަށް ވެސް ކުރެވޭނެ ކަމަށާއި އެއީ ވަރަށް އާއްމު ކަމެއް ކަމަށެވެ.