މިއަހަރުގެ އޮކްޓޯބަރ މަހު އާޖެންޓީނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫތް އޮލިމްޕިކްސް ގޭމްސްގެ އޭޝިއާގެ ކޮލިފިކޭޝަން ރައުންޑުގައި ބައިވެރިވާ ރާއްޖޭގެ ޓީމުގައި އައްޑޫގެ ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން ހިމެނިއްޖެ އެވެ.
ޖުލައި މަހުގެ 4 ކުން 5 އަކަށް ބެންކޮކްގައި ކުރިއަށްދާ ކޮލިފިކޭޝަން ރައުންޑުގައި ހިމްނާ ދުވަން ހަމަޖެހިފައި ވަނީ 200މީޓަރ އަދި 400 މީޓަރ ދުވުމުގައެވެ.
އައްޑޫގެ އުއްމީދީ ޒުވާން ދުވުންތެރިޔާ ހިމްނާ ވަނީ މިމަހު ޖަޕާންގައި ކުރިއަށްދިޔަ އޭޝިއަން ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ދުވެ 400 މީޓަރު ދުވުމުގެ ގައުމީ އަންހެން ރެކޯޑް މުގުރާލައިފައެވެ. 2010 ވަނަ އަހަރު ނިއު ދިއްލީގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި 1 މިނެޓު 00.33 ސިކުންތުން ދުވެ މިރުފަތު އަހުމަދު ހެދި ރިކޯޑް ހިމްނާ މުގުރާލީ 59.76 ސިކުންތުން ދުވެގެންނެވެ.
މީގެ އިތުރުން ހިމްނާ ވަނީ ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި 27.32 ސިކުންތުން ދުވެގެން ހެދި 200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑްވެސް ޖަޕާނުގައި އާކޮށްފައެވެ. އަންހެނުންގެ 200 މީޓަރު ދުވުމުގެ ފުރަަތަމަ ބުރުގެ ދެ ވަނަ ހީޓުގައި ދުވެ އޭނާ ރެކޯޑް ހެދީ 26.73 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ރާއްޖެއިން ހޮވާލެވުނު ޓީމްގައި އިތުރަށް ދެ އެތްލީޓުން ބައިވެރިވެއެވެ. އެއީ 100މީޓަރ އަދި 200މީޓަރ ދުވުމުގައި ބައިވެރިވާ އިބާދުﷲ އާދަމް އަދި 200 މީޓަރ އަދި 400 މީޓަރ ދުވުމުގައި ބައިވެރިވާ މުޙައްމަދު މުނާޒް އަލީއެވެ.
އާޖެންޓިނާގައި އޮކްޓޯބަރު މަހު އޮންނަ ޔޫތް އޮލިމްޕިކްސް ގޭމްސްގައި ބައިވެރިވުމަށް ރާއްޖެއަށްވަނީ އެއް ޖާގަ ކަށަވަރުވެފައެވެ. މިޖާގަ ލިބިގެންދާނީ މިތިން ދުވުންތެރިންގެ ތެރެއިން ބެންކޮކުގައި އެންމެ ރަނގަޅު ޕާފޮމެންސެއް ދައްކާ ދުވުންތެރިއަކަށެވެ.