ފީފާ ވޯލްޑްކަޕް 2018ގެ ގްރޫޕް އޭ ގައި މިއަދު ރަޝިޔާ އާއި ދެކޮޅަށް ނިކުންނަ މެޗަށް މިސްރުގެ މުހައްމަދު ސަލާޙް ހުރީ ތައްޔާރަށް ކަމަށް އެޓީމުން ބުނެފިއެވެ.
މިސްރު ޓީމުގެ އޮފިޝަލަކާއި ހަވާލާދީ ސްޕެއިންގެ އެންމެ ބޮޑު ފުޓްބޯޅަ ނޫސް ކަމުގައިވާ "މާސާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލާހު މިރޭގެ މެޗްގައި ކުޅޭނެއެވެ.
އޮފިޝަލް ބުނެފައިވާ ގޮތުގައި ސަލާޙު ވަނީ އެންމެ ފަހުން މިސްރު ޓީމުން ބޭއްވި ދެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެފައެވެ.
ސަލާހުގެ ކޮނޑުހުޅަށް އަނިޔާވީ މިދިޔަ މަހު ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގަ އެވެ.
މިސްރު ޓީމުން ވޯލްޑްކަޕްގެ ފުރަތަމަ މެޗްގައި އުރުގުއޭ އަތުން 0-1 އިން ބަލިވި މެޗްގައި ސަލާހު ނުކުޅެއެވެ. މިސްރުގެ ކޯޗު ހެކްޓަ ކޫޕާ ބުނެފައި ވަނީ އެ މެޗްގައި ސަލާހު ބޭނުން ނުކުރީ އޭނާގެ އަނިޔާގެ ހާލަތު އިތުރަށް ގޯސްވެދާނެތީ އިތުރަށް ރިސްކެއް ނުނެގުމަށް ކަމަށެވެ.
2017 ވަނަ އަހަރު އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ސަލާޙު ވަނީ ލިވަޕޫލްގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މި ސީޒަނުގައި ލިވަޕޫލްއަށް ކުޅުނު 51 މެޗުގައި ސަލާހް ވަނީ 44 ގޯލް ކާމިޔާބުކޮށްފައެވެ.
ހިތްތިރި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވާ ސަލާގެ މަގުބޫލުކަން ދަނޑު ބޭރުގައި ވެސް ބޮޑެވެ. ހާއްސަކޮށް އޭނާ އަކީ މުސްލިމް ކުޅުންތެރިޔަކަށް ވުމުން، އެހެން ޓީމުތަކުގެ މުސްލިމް ސަޕޯޓަރުންގެ ލޯބި އޭނާ އަށް ވަނީ ލިބިފަ އެވެ.