ދެހާސް އެގާރަ ވަނަ އަހަރުގެ ސާކް ސަމިޓަށް އައްޑޫގައި އެޅި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ތަރައްޤީ ކުރާ 100 އެނދުގެ ހޮސްޕިޓަލްގެ ކޮންސްޓަރަކްޝަން މަސައްކަތް އޮކްޓޫބަރ އަށް ނިމޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓްރީގެ ނައިބު މުހައްމަދު ރަފީގު ހުސެއިން 'ވަގުތު' އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއަހަރުގެ އޮކްޓޫބަރު އަށް ހޮސްފިޓަލް، ބިލްޑިންގެ މަސައްކަތް ނިމޭނެ ކަމަށެވެ. އަދި ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ގެނައުމަށް "ޑޮކިއުމެންޓްރީ މަސައްކަތްކޮށް ނިންމާފައިވާ" ކަމަށެވެ.
ރަފީޤު މިހެން ވިދާޅުވިއިރު މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހައުސިން މިނިސްޓަރު މުއިއްޒު ވަނީ އީސީސީގެ ކޮންސްޓްރަކްޝަން މަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ.
Addu Tertiary Hospital update: Structural works in hospital main building and admin building are complete and M&E and internal finishing works have commenced. Procurement of medical and non medical equipments commenced. Hospital scheduled to be opened before end of July 2018 IA. pic.twitter.com/DlZHFSvwYf
— Dr.Mohamed Muizzu (@MMuizzu) February 23, 2018
ރަފީޤު ވިދާޅުވި ގޮތުގައި، ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ވެސް އޮކްޓޯބަރުގެ ކުރިން ލިބޭނެއެވެ.
މީގެ އިތުރުން ރަފީޤު ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުގައި ފުރަތަމަ ފަށާނީ ބައެއް ޚިދުމަތްތަކެވެ. އަދި އޭގެ ފަހުން އެހެން ޚިދުމަތްތައް ތަޢާރަފް ކުރާނެ ކަމަށެވެ.
އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް ޤާއިމްކުރުމުގެ ވާހަކަ ސަރުކާރުތަކުން ދައްކަމުން ގެންދަނީ މީޣެ 15 ވަރަކަށް އަހަރު ކުރިންނެވެ. ރައީސް ޔާމީންގެ ސަރުކާރުން ވެސް އައްޑޫގައި އާ ހޮސްޕިޓަލެއް އަޅަން ކުރެހުންތައް ވެސް ފައިނަލް ކުރިއެވެ. އެހެން ނަމަވެސް އެންމެ ފަހުވަގުތު ނިންމީ އީސީސީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށެވެ.
ހެލްތް މިނިސްޓަރ ނާޒިމް މީގެ ކުރިން ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް 2018 ވަނަ އަހަރުގެ މެއި މަހު ނިމިގެންދާނެ ކަމަށެވެ. ނާޒިމް މިފަދައިން ވިދާޅުވެފައިވަނިކޮށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ހޮސްޕިޓަލްގެ މަސައްކަތް ނިމޭނީ 2018ގެ ޖުލައި މަހަށް ކަމަށް ވިދާޅުވެފައެވެ.