އައްޑޫ ސިޓީއަކީ އެ ފަސްގަނޑަކުން ދިވެހިރާއްޖެ ފަޚުރުވެރިވާ ފަދަ އެތައް ދަރިންނެއް އުފެދިފައިވާ ފަސްގަނޑެކެވެ. އެކި ރޮނގު ރޮނގުން ފުންނާބު އުސް އަލިގަދަ ތަރިންތަކެއް އައްޑޫގެ އުދަރެހުގައި ދަނީ ފިޔަ ޖަހަމުންނެވެ.
މިފަދަ ފަނޑުވުމެއް ނެތް އެ ތަރިއެއްގެ ވިދުވަރު މުޅި ދިވެހިރާއްޖެއަށް ފާއްދާލާފައިވާ އެއް ތަރި އަކީ ސ. މީދޫ، ހަސަންކާރިގޭ ޑރ. އަހުމަދު އަންވަރު އެވެ. ތަޢުލީމު ޙާޞިލް ކުރައްވަމުން ގެންދެވި އިރުވެސް ޑރ. އަންވަރުގެ ހިތްޕުޅުގައި ކިޔަވައިދެއްވުމަށް ޚާއްޞަ އަހައްމިއްޔަތެއް ދެވިފައިވިއެވެ.
އޭގެ ނަތީޖާއަކަށްވީ 1971 ވަނަ އަހަރު އަންވަރު ގްރޭޑް 9 ގައި ތަޢުލީމް ޙާޞިލް ކުރައްވަމުން ގެންދެވި އިރުވެސް މާލޭގެ ބައެއް އަމިއްލަ ސްކޫލްތަކުގައި ކިޔަވައިދެއްވަމުން ގެންދެވުމެވެ. ކިޔަވާ ވިދާޅުވަމުން ކިޔަވައިދެއްވަމުން ގެންދެވީ އެކަންތައް ނުހަނު ކުރައްވާ ހިތުންނެވެ.
ޑރ. އަންވަރު ޕްރައިމަރީ ޓީޗިންގ ޓްރެއިނިންގ ސެޓްފިކެޓް ޙާޞިލް ކުރެއްވީ އިންޑިއާގެ މައިސޫރުންނެވެ. އެއަށްފަހު އެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލް ކުރައްވަން ވަޑައިގެންނެވީ ސްކޮޓްލޭންޑް އަދި އިނގިރޭސި ވިލާތަށެވެ. ޑރ. އަންވަރު އެބޭފުޅާގެ މާސްޓާސް އޮފް އެޑިއުކޭޝަން ފުރިހަމަ ކުރެއްވީ 1991 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ބްރިސްޓަލް ޔުނިވާސިޓީ އިންނެވެ. އެއަށްފަހު ހަމަ އެޔުނިވާސިޓީއިން ޑރ. އަންވަރު ވަނީ 2008ވަނަ އަހަރު އެބޭފުޅާ ކިޔެވި ދާއިރާއިން ޕީއެޗްޑީ ޙާސިލް ކުރައްވާފައެވެ.
ޕީއެޗްޑީ ނަންގަވަން އިނގިރޭސި ވިލާތުގައި ހުންނެވި އިރު އެ ގައުމުގެ ޕްރައިވެޓް ސްކޫލްތައް ހިންގަމުންދާ ގޮތް ބައްލަވާ އެކަމަށް ރީސާޗު ހެއްދެވުމަށްފަހު އެބޭފުޅާގެ ދުރު ވިސްނުން ބޭނުން ކުރައްވާ ރާއްޖޭގައި އެގޮތަށް ޕްރައިވެޓް ސްކޫލްތަކާއި ކޮލެޖް ހިންގޭނެ ނިޒާމެއް ރާއްވަވާ ފަރުމާ ކުރައްވާފައިވެއެވެ. ކިޔަވާ ވިދާޅުވުމަށްފަހު ޤައުމަށް ވަޑައިގެން ޤައުމަށް ޚިދުމަތް ކުރެއްވުމަށް އޭރުއްސުރެ ޑރ. އަންވަރު ދިޔައީ ވިސްނަވަމުންނެވެ.
ކިޔަވާ ވިދާޅުވުމަށްފަހު އެނބުރި ޤައުމަށް ވަޑައިގެން އުނގެނިވަޑައިގެންނެވި ތަޢުލީމްގެ ބޭނުން ޑރ. އަންވަރު ވަނީ ވަރަށް ފުރިހަމައަށް ކުރައްވާފައެވެ. ތަޢުލީމީ ދާއިރާގައި ގިނަ މަޤާމްތަކެއް ޑރ. އަންވަރު ވަނީ އަދާކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ވަރަށް ގިނަ ސްކޫލްތަކުގައި ހެޑް މާސްޓަރ އަދި ޕްރިންސިޕަލްގެ މަޤާމް ފުރުއްވާފައިވެއެވެ.
އަތޮޅު ތަކުގައި ހެޑްމާސްޓަރ ކަމުގެ މަޤާމް ފުރުއްވި ދުވަސްވަރު ޑރ. އަންވަރު ވަނީ އުޖޫރައެއް ނެތި ހިލޭ ސާބަހަށް އެކި ދިމަދިމާލުން ތައުލީމް ފަތުރާފައެވެ. މުވައްޒަފުންނަށް އިނގިރޭސި ބަހާއި ހިސާބު ކިޔަވާދެއްވާފައި ވެއެވެ. އަސާސީ ތަޢުލީމް ބޭނުންވި ފަރާތްތަކަށް އަސާސީ ތަޢުލީމުގެ ކްލާސްތައް ހިންގާފައިވެއެވެ. ޖަމާޢަތުގެ ތަޢުލީމީ ކޯސްތައް ވެސް ހިންގެވިއެވެ. އުޖޫރައެއް ނެތި ކުރެއްވި އެ މަސައްކަތް ތަކުން އެނގިގެން ދަނީ ޑރ. އަންވަރުގެ ހިތުގައި ތަޢުލީމަށް ދެވިފައިވާ ލޯބި ކަން ކަށަވަރެވެ.
ޑރ. އަންވަރުގެ ޚިދުމަތުގެ ލިސްޓް ދިޔައީ ކުރިޔަށެވެ. ދަރިވަރުންނަށް ކިޔަވާ ދެއްވުމަށް އިނގިރޭސި ބަހުން ހުންނަ ފޮތްތައް އަމިއްލައަށް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވެއެވެ. މީގެ އިތުރުން ކިޔަވައިދޭ މާއްދާގެ ޓެކްސްޓް ފޮތްތައް ވެސް އެއްވެސް އުޖޫރައަކާއި ނުލާ އެކުލަވާލައްވާފައިވެއެވެ. މީގެ ކޮންމެ މަސައްކަތަކީ އޭގެ ފޮނިމީރުކަން އެތަކެއް ޖީލަކަށް ލިބިގެންދާނެ މަސައްކަތްތަކެކެވެ. އަގު ނުކުރެވޭނެ މަސައްކަތްތަކެވެ.
ޑރ. އަންވަރު ވަނީ އިނގިރޭސި ބަސް ކިޔަވަން ބޭނުން ވެގެން އެދުނު ސަރުކާރުގެ ބައެއް މުވައްޒަފުންނަށް އަމިއްލައަށް ގޭގައި ކިޔަވައިދެއްވާފައެވެ. ސަރުކާރު މުވައްޒަފުންނަށް ލެޓިން އަކުރުން ލިޔަން ކިޔަން ދަސްކޮށްދެއްވިއެވެ. މީގެ އެއްވެސް ކަމަކުން ހިތްޕުޅުގެ ހަމަޖެހުން ފިޔަވާ އިތުރު މަންފާއެއް ހޯއްދަވާފައެއް ނުވެއެވެ.
ޑރ. އަންވަރު މުޅިއެކު 35 އަހަރު ސަރުކާރުގައި ހޭދަ ކުރައްވާފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަވާ އަތޮޅުތަކުގެ ސްކޫލްތަކާބެހޭ ބައިގެ އިސް މަޤާމް އަދާ ކުރައްވާފައިވެއެވެ. މީގެ އިތުރުން މޯލްޑިވްސް އެކްރިޑިޓޭޝަން ބޯޑުގެ ޑިރެކްޓާރ ޖެނެރަލް ކަން ވެސް އަދާ ކޮށްފައިވެއެވެ.
ދިގު މުއްދަތެއްގެ ޚިދުމަތަކަށް ފަހު ސަރުކާރުން ވަކިވެވަޑައިގެން ވިލާ ކޮލެޖްގެ ރެކްޓަރ ގެ މަޤާމް ޑރ. އަންވަރު ދަނީ މިހާރު ފުރުއްވަމުންނެވެ. ވިލާ ކޮލެޖް އުފެއްދެވުމުގައި އެންމެ މުހިއްމު އެއް ހިއްސާއެއް އަދާ ކުރެއްވީ ޑރ. އަންވަރު އެވެ.
2007 ވަނަ އަހަރު ވިލާ ކޮލެޖް ރަޖިސްޓްރީ ކޮށްގެން 16 ދަރިވަރުންނާއި އެކު ސެޓްފިކެޓް ފެންވަރަށް ކިޔަވައިދެއްވަން ފެއްޓެވިއެވެ. މިވީ ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގައި ޕްރޮފެޝަނަލް ކޯސްތަކާއި އަންޑަ ގްރެޖުއޭޓް ޑިގްރީ އާއި ފަސްޓް ގްރެޖުއޭޓް ޑިގްރީއަށް 1500 އަށްވުރެ ގިނ ކުދިން ކިޔަވާ ކޮލެޖްއަކަށް އެކޮލެޖް ވީ ކަމީ ރާއްޖޭގެ ތައުލީމީ ދާއިރާ ތަރައްޤީ ކުރުމުގައި އަހުމަދު އަންވަރު ހޯއްދެވި ބޮޑު ކާމިޔާބީ ދައްކުވައިދޭ އަލިގަދަ ހެއްކެއްކަން ކަށަވަރެވެ.
ޑރ. އަންވަރު ތައުލީމީ ދާއިރާއަށް ކުރައްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރައްވާ 2011 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާ ވަނީ ހިތްވަރު ދިނުމުގެ ޤައުމީ އިނާމް އެބޭފުޅާއަށް ދެއްވާފައެވެ. ރާއްޖޭގެ އިތުރުން އޯޕަން ޔުނިވާސިޓީ އޮފް މެލޭޝިއާ(އޯޔޫއެމް) އިން ވެސް ވަނީ ޑރ. އަންވަރު ތައުލީމީ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން 2016 ވަނަ އަހަރު އޮނަރަރީ ޑޮކްޓްރޭޓް ޑިގްރީއެއް އަރުވާފައެވެ.
ޑރ. އަންވަރު ދިއްލާފައިވާ ޢިލްމީ ވޮށްތައް ދަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް އޭގެ ދޯދި ފަތުރަމުންނެވެ. މާތް ﷲ ޑރ. އަންވަރު ކުރައްވާ އަގުހުރި މަސައްކަތުގައި ބަރަކާތް ލައްވާށިއެވެ.