Last Updated: November 25, 20:21
Monday, November 25, 2024
ކުޅިވަރު

މޮރޮކޯ މެޗް ފަސޭހައެއް ނުވާނެ: ޕެޕޭ

ފީފާ ވޯލްޑްކަޕް 2018ގެ ގްރޫޕް ބީގައި ޕޯޗުގަލް އިން ކުޅޭ ދެވަނަ މެޗްގައި މޮރޮކޯ އާއި ދެކޮޅަށް ނިކުންނައިރު އެއީ އެއްގޮތަކަށް ވެސް ފަސޭހަ މެޗެއް ނޫންކަމަށް ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ ބުނެފިއެވެ.

ޕެޕޭ ބުނެފައިވާ ގޮތުގައި، މުބާރާތުގައި ފެވަރިޓުންނެއް ނޯންނާނެ ކަމަށާއި އިދިކޮޅުން ނިކުންނަ ޓީމަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރާ ކަމަށެވެ.

"ފެވަރިޓުންނެއް ނުތިބޭނެ ،އަހަރުމެން އިދިކޮޅު ޓީމަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރަން. މެޗު ފަސޭހައެއް ނުވާނެ" ރެއާލް މެޑްރިޑާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޕެޕޭ ބުންޏެވެ.

މޮރޮކޯ އިން ވޯލްޑްކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި އިރާނު އަތުން އެޓީމު ވަނީ ބަލިވެފައެވެ. އެހެން ނަމަވެސް ދިފާޢު ވަރަގަދަ ކަމަށް ފާހަަގަކުރެވޭ މޮރޮކޯ ވޯލްޑްކަޕަށް ކޮލިފައިވެފައިވަނީ ބައިކޮޅަށް އެންމެ ގޯލެއް ވެސް ނުވަދެއެެވެ. އެހެންވެ މިއަދުގެ މެޗު ޕޯޗުގަލް އަށް ފަސޭހަ ނުވާނެ ކަމަށް ފުޓްބޯޅަ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ޕޯޗުގަލް އާއި މޮރޮކޯ ބައްދަލުކުރާ މެޗް ފަށާނީ މިއަދު ހަވީރު ރާއްޖޭގެ ގަޑިން 5 ޖަހާއިރުއެވެ.