ރާއްޖޭގެ އެންމެ ނުޒޫފް ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ނިއުމާ މުހައްމަދު ފިލްމް ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް އޭނާ ބުނެފި އެވެ.
ޓީވީއެމްގެ "ފިލްމީ އުދަރެސް" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެފައިވާ ނިއުމާ ބުނީ މި އަހަރުގެ ފަހުން ފިލްމީ ދާއިރާގެ އެއްވެސް މަސައްކަތަކުން އޭނާ ނުފެންނާނެ ކަމަށެވެ. އަދި އެ ނިންމުމަކީ އޭނާ އާއި އޭނާގެ ދަރިފުޅުގެ ކުރިމަގަށްޓަކައި ނިންމި ނިންމުމެއް ކަމަށް ފިލްމާ ދާއިރާގައި 19 އަހަރު ހޭދަކޮށްފައިވާ ބަތަލާ ބުންޏެވެ.
ނިއުމާ ބުނީ އޭނާ މިހާރު މަސައްކަތް ފަށާފައި ހުރި ފިލްމްތަކެއްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމާލައި، ޑިސެމްބަރު 31، 2013 ގެ ފަހުން ފިލްމީ ދާއިރާގެ އެއްވެސް މަސަައްކަތަކުން އޭނާ ނުފެންނާނެ ކަމަށެވެ.
އަދި އަމިއްލަ ވިޔަފާރިއެއް ފެށުމަށްޓަކައި ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނިއުމާ ބުންޏެވެ.
ފިލްމް ކުުޅުން ހުއްޓާލާކަން ރަސްމީކޮށް އިއުލާން ކުރަމުން 34 އަހަރުގެ ނިއުމާ ބުނީ އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ އޭނާ ކުޅޭނެ އެންމެ ފަހު ފިލްމަށް ކަމަށެވެ. އެގޮތުން "އިންސާނެކޭ މީ" އަށް ވަރަށް ބޮޑަށް ހިކެމުން އަންނަ ކަމަށް ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކާއި ޑްރާމާ އަދި ފީޗާ ފިލްމް ކުޅެފައިވާ ކުޅަދާނަ އަދި އެތައް އެވޯޑެއް ވެސް ހޯދާފައިވާ ބަތަލާ ބުންޏެވެ.
ނިއުމާ ފިލްމް ކުޅުން ހުއްޓާލާކަން އިއުލާން ކުރި އިރު، މި އަހަރު ރިލީޒްވާން ހުރި އޭނާގެ އުންމީދީ ފިލްްތަކެއް ވެސް އެބަ ހުއްޓެެވެ. އޭގެ ތެރެއިން އެންމެ އަވަހަށް ރިލީޒް ވާނީ އަންނަ މަހުގެ 27 ގައި ސިނަމާއަށް އަންނަ "ދިލަކަނި" އެވެ.
މީގެ އިތުރުން އަބްދުލް ފައްތާހުގެ "އާދޭސް"، އަހުމަދު ނިމާލްގެ "އަނިޔާ" ފަދަ ފިލްމްތައް ހިމެނެ އެވެ. ފިލްމް ކުޅުމުގެ އިތުރުން ނިއުމާ ވަނީ އޭނާގެ ނަމަށް ނިސްބަތްވާ ފިލްމް "ނިއުމާ" ވެސް ޑައިރެކްޓްކޮށްގެން ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ.
ނިއުމާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމްތަކުގެ ތެރޭގައި "ފަތިސްހަނދުވަރު"، "ޔޫސުފް"، "ދަރިންނަަަށްޓަކައި،" "ނަމޫނާ"، "ޒަލްޒަލާ"، "ހިތް ހަލާކު"، "މާފެއް ނެތް". "ސަނދުރަވިރޭ 2"، "ކަލާޔާ ނުލާ"، "ކަރުނަވީ ބޭވަފާ"، "ޒަހަރު"، "ދިން ވޭނުގެ ހިތާމައިގާ" "ހެޕީ ބާތުޑޭ"، "ހިތް ޔާރާ ދީފާ"، "ހިތް ރޮއްވާ ނުލާ" "ސަޒާ" އަދި "މިހަށިން ފުރާނަ ދަންދެން" ފަދަ ފިލްްމްތައް ހިމެނެ އެވެ.
ނިއުމާއަކީ މީގެ ކުރިން ރާއްޖޭގެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެެނުނު އައިޝަތު ޝިރާނީ، މަރިޔަމް ނިޝާ، ޖަމްޝީދާ މުހައްމަދު އަދި މަރިޔަމް ނާޒިމާ ފަދަ ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ބަތަލާއިންގެ ތެރެއިން މިހާތަނަށް ފިލްމީ ދާއިރާގައި މެދުކެނޑުމެއް ނެތި އެއް ވަނަ ބަތަލާގެ ދަރަޖައިގައި ވިދަމުން ދާ ހަމައެކަނި ބަތަލާ ވެސް މެ އެވެ.