ރޮސްޓޮވް-އޮންޑޮން- ރަޝިޔާ: ފީފާ ވޯލްޑްކަޕް 2018ގައި އުރުގުއޭ އިން ކުޅުނު ދެވަނަ މެޗްގައި ސައުދީ އަރަބިއްޔާ އަތުން 0-1 އިން މޮޅުވެ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
އުރުގުއޭގެ ހަމައެކަނި ލަނޑު މެޗްގެ 23 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒެވެ.
ރޮސްޓޮވް އެރީނާގައި ކުޅުނު މިމެޗަށް ޖުމްލަ ގޮތެއްގައި ބަލާއިރު ސައުދީ އަރަބިއްޔާއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. އެހެން ނަމަވެސް ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ އުރުގުއޭ ޓީމުންނެވެ.
މިރޭގެ މެޗްގެ މި ނަތީޖާ އާއި އެކު ގްރޫޕް އޭ އިން ދެވަނަ ބުރަށް ދާނެ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. މި ގްރޫޕްގެ ޕޮއިންޓް ތާވަލް މިވަގުތު އޮތް ގޮތުން 1 ވަނަ ލިބެނީ ރަޝިޔާއަށް ލިބޭއިރު 2 ވަނަ ލިބެނީ އުރުގުއޭ އަށެވެ.
މުބާރާތުގައި ކުޅުނު ދެ މެޗް ވެސް ކާމިޔާބުކޮށްފައިވާ ރަޝިޔާ އަދި އުރުގުއޭ އަށް ވެސް ވަނީ 6 ޕޮއިންޓް ލިބިފައިވާއިރު ރަޝިޔާ އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ގްރޫޕްގެ ފަހު މެޗްގައި ރަޝިޔާ އާއި އުރުގުއޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްގެ 1 ވަނަ ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.
ސައުދީއަރަބިއްޔާ އަދި މިސްރަށް ޕޮއިންޓެއް ލިބިފައި ނުވާއިރު އެ ދެ ޓީމު ވެސް މިހާރު ވަނީ މުބާރާތުން ކަޓާފައެވެ.