ކަޒަން- ރަޝިޔާ: ފީފާ ވޯލްޑްކަޕް 2018ގެ ގްރޫޕް ބީގައި ސްޕެއިން އާއި އިރާން ބައްދަލުކުރި މެޗް ސްޕެއިނުން ކާމިޔާބުކޮށްފިއެވެ.
ސްޕެއިން އިން މިމެޗް ކާމިޔާބު ކުރީ 0-1 އިންނެވެ.
އިރާނުގެ ފަރާތުން ވަރުގަދަ ޑިފެންސިވް ކުޅުމެއް ފެނިގެން ދިޔަ މިމެޗްގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ސްޕެއިންގެ ހަމައެކަނި ލަނޑު މެޗްގެ 54 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޑިއޭގޯ ކޯސްޓާއެވެ.
ކޯސްޓާގެ ލަނޑަށް ފަހު މާ ގިނައިރުތަކެއް ނުވެ އިރާނުން ލަނޑެއް ކާމިޔާބު ކުރިއެވެ. އެހެން ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ އިތުރަށް ބެލުމަށް ފަހު ނިންމާފައިވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ.
މިރޭގެ މެޗުން މޮޅުވުމުން ސްޕެއިން އަށް ވަނީ 4 ޕޮއިންޓް ލިބިފައެވެ. ޕޯޗުގަލް އަށް ވެސް 4 ޕޮއިންޓް ލިބިފައިވާއިރު އިރާނަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. އެހެން ކަމުން މި ގްރޫޕުން ދެވަނަ ބުރަށް ދާނެ ޓީމުތައް ކަށަވަރު ވާނީ ގްރޫޕްގެ ފަހު މެޗްތަކުގެ ނަތީޖާތަކަށް ފަހުގައެވެ.
ސްޕެއިން އިން ގްރޫޕްގެ ފަހު މެޗްގައި ނިކުންނާނީ މިހާރު ވެސް މުބާރާތުން ކަޓާފައިވާ މޮރޮކޯ އާއި ދެކޮޅަށެވެ. އަދި އިރާނު ނިކުންނާނީ ޕޯޗުގަލް އާއި ދެކޮޅަށެވެ.