މީގެ 59 އަހަރު ކުރިން، އިނގިރޭސީން އަޑީގައި ތިބެގެން އުފެއްދި ދެކުނުގެ ދައުލަތުގައި އިސްކޮށް ހުންނެވި، އަބްދުﷲ އަފީފް ދެއްވި އިންޓަވިއުއެއްގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ލިޔުއްވި ފޮތް މިރޭ ނެރެން ނިންމައިފި އެވެ.
ޒާހިރު ނެރުއްވި އާ ފޮތަށް ދެއްވި ނަމަކީ "އައްޑޫ "ރަދުން"" އެވެ.
ޒާހިރު ވިދާޅުވި ގޮތުގައި، ފޮތުގައި ހިމެނޭ ބައިތައް ބިނާކުރައްވާފައިވަނީ 1980ގެ ކުރީކޮޅު އޭނާ ނެންގެވި އަފީފްގެ އިންޓަވިއުއަކަށެވެ. އެ އިންޓަވިއުގެ ސިލްސިލާތައް ޒާހިރު އޭރު ނެރުއްވި ނޫސް "ހަފްތާ" ގައި ޝާއިއުކުރި އެވެ. މިރޭ ނެރެނީ އެ ހުރިހާ ރިޕޯޓެއް އެއް ފޮތެއްގެ ގޮތުގައި ކަމަށް މައުލޫމާތު ލިބެއެވެ.
އޭރުގެ ފޮޓޯތަކާ އެކު ޗާޕްކޮށްފައިވާ ފޮތުގައި 175 ސޮފްހާ ހިމެނެ އެވެ.
އެ ފޮތުގައި ޒާހިރުގެ އަމިއްލަ ކޮމެންޓެއް ނޯންނާނެ ކަމަށާއި އަފީފު ވިދާޅުވި ގޮތަށް، ކަން ހިނގި ގޮތް ލިޔެފައި ވާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ. އޭރުގެ ސަރުކާރުގެ މައްސަލަތައް ހުރިކަމާއި މަޝްވަރާކޮށްގެން ހައްލުކުރެވޭނެ ކަންކަން ހައްލުނުކުރެވިގެން ދިމާވި ކަމެއްކަން އެއީ މި ފޮތުން އެނގިގެންދާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.
އަފީފުގެ އިންޓަވިއު ޒާހިރު ނަންގަވާފައިވަނީ ޓޫރިޒަމް އެންޑް ފޮރިން އިންވެސްޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރަކަށް ހުންނެވިއިރު ސީޝެލްސް އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ. ޒާހިރު ހުންނެވި ހޮޓަލުގައި ދެއްވި އެ އިންޓަވިއު ހަ ގަޑިއިރަށް ދިގުދެމިގެން ދިޔަ އެވެ.
އައްޑޫ ބަޣާވާތަށް ފަހު އަފީފް އާއި މުޅި އާއިލާ އިނގިރޭސި ސަރުކާރުން ވަނީ ސީޝެލްސް އަށް ބަދަލުކޮށްފަ އެވެ. އޭނާގެ ބައެއް ބޭފުޅުން މިހާރު ގެންދަވަނީ އެ ގައުމުގެ އިސް ބައެއް މަގާމުތައް ވެސް ފުރުއްވަމުންނެވެ.
މީގެ 36 އަހަރު ކުރިން ހަފްތާ ނޫހުގައި އަފީފްގެ ރިޕޯޓްތައް ލިޔުއްވުމުން ޒާހިރަށް ކުރިމަތިވި ފާޑުކިޔުންތަކަށް "އައްޑޫ ރަދުން" ގައި އޭނާ ރައްދު ދެއްވާފައިވެ އެވެ. ވިދާޅުވެފައިވަނީ ޕްރޮމޯޓް ކުރަން އުޅެނީ ނޫން ކަމަށެވެ. ނުބައި މީހަކަށް ވިޔަސް ޝަހުސިއްޔަތު ވާނީ ޝަހުސިއްޔަތަކަށް ކަމަށް ޒާހިރު ވިދާޅުވި އެވެ.
ނެޝަނަލް އާޓް ގެލަރީގައި މިރޭ ބާއްވާ ހަފުލާގައި އެފޮތް ނެރޭ އިރު މާދަމާއިން ފެށިގެން އަޝްރަފީ ބުކްޝޮޕުން އެފޮތް ވިއްކަ އެވެ. ފޮތުގެ އަގަކީ 175 ރުފިޔާ އެވެ.
އަފީފު ވަނީ މީގެ 25 އަހަރު ކުރިން އަވަހާރަވެފައެވެ.