ފާއިތުވި މެއި މަހުގެ 30 ވަނަ ދުވަހު އެމްޑީޕީން ބޭއްވި އެޕާޓީގެގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވި 26 ކައުންސިލަރަކު ސަސްޕެންޑުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 21 ރަށު ކައުންސިލަރަކާއި ފަސް އަތޮޅު ކައުންސިލަރުން ސަސްޕެންޑްކޮށްފައި ވަނީ މިއަދުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަކަށެވެ. ސަސްޕެންޝަނުގެ މުއްދަތުގައި ކައުންސިލަރުންނަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭނެއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ) އިން ކައުންސިލަރުން ސަސްޕެންޑް ކުރިކަން އަންގާފައި ވަނީ އެ ކައުންސިލަރުން ނިސްބަތްވާ ކައުންސިލްތަކަށް ވަކިވަކިން ފޮނުވި ސިޓީތަކެއްގައެވެ.
އެ ސިޓީތަކުގައި ބުނެފައިވާ ގޮތުން އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވަން ސިވިލް ކޯޓުން އަމުރު ނެރެފައި ވަނިކޮށް، ކައުންސިލަރުން ޕްރައިމަރީގައި ބައިވެރިވެފައިވާ ކަމުގެ ހެކި އެލްޖީއޭ އަށް ވަނީ ލިބިފައެވެ.
އަދި އެލްޖީއޭގެ ސިޓީގައި ބުނެފައިވާ ގޮތުން ކައުންސިލަރުން ސަސްޕެންޑް ކުރީ އެޓާނީ ޖެނެރަލް ދެއްވާފައިވާ ލަފަޔަށް ރިއާޔަތްކުރުމަށްފަހު ގައެވެ.
އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވެގެން ސަސްޕެންޑުކޮށްފައިވާ ކައުންސިލަރުން:
ސަސްޕެންޑުކޮށްފައިވާ ކައުންސިލަރުންނަކީ:
1. ގދ. ހޯޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޔާޒު
2. ގދ. ހޯޑެއްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަޝްރަފް
3. ށ. ބިލެއްފެހި ކައުންސިލް މެމްބަރު އަހުމަދު ނާފިޒް
4. ނ. މަގޫދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ނަސީރު
5. ނ. މަގޫދޫ ކައުންސިލްގެ ނައިބް ރައީސް އަބްދުލް ހަލީލް އަހްމަދު
6. ރ. ހުޅުދުއްފާރު ކައުންސިލްގެ ނައިބު ރައީސް އަލީ ޖާވިދު
7. ރ. މަޑުއްވަރީ ކައުންސިލްގެ ނައިބް ރައީސް ސޮބީހާ މުހައްމަދު
8. ބ. ކެންދޫ ކައުންސިލް މެމްބަރު އިބްރާހީމް އަބްދުއް ރަހްމާން
9. ބ. ދޮންފަނު ކައުންސިލްގެ ނައިބު ރައީސް ހަސަން ހަފީޒު
10. ޅ. އޮޅުވެލިފުށީ ކައުންސިލްގެ ނައިބު ރައީސް އަބްދުލް އަޒީޒް މުހައްމަދު
11. ޅ. ނައިފަރު ކައުންސިލް މެމްބަރު ވިދާދު އަބްދުﷲ
12. އއ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސަފީގު
13. އއ. އަތޮޅު ކައުންސިލް މެމްބަރު މުހައްމަދު ނާހިދު
14. އއ. އުކުޅަސް ކައުންސިލްގެ ރައީސް ސައުކަތު އިބްރާހީމް
15. ވ. ރަކީދޫ ކައުންސިލްގެ ރައީސް އާދަމް ސާމީ
16. ވ. ރަކީދޫ ކައުންސިލް މެމްބަރު އާދަމް ހުސައިން
17. ވ. ފުލިދޫ ކައުންސިލްގެ ރައީސް ސަނާ އަލީ ވާފިރު
18. ފ. އަތޮޅު ކައުންސިލްގެ ރައީސް އުމަރު ޒާހިރު
19. ފ. މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު
20. ދ. މީދޫ ކައުންސިލްގެ ރައީސް އިޔާސް އިސްމާއިލް ލަތީފް
21. ދ. މީދޫ ކައުންސިލްގެ ނައިބު ރައީސް ޝުރައިފް އިބްރާހިމް ރަޝީދު
22. ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު
23. ގއ. މާމެންދޫ ކައުންސިލްގެ ނައިބު ރައީސް ޚަދީޖާ ޝިއުނާ
24. ގދ. އަތޮޅު ކައުންސިލްގެ މެމްބަރު ތަމްދީހު މުހައްމަދު
25. ހއ. ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާން
26. ހދ. ކުރިނބީ ކައުންސިލް މެމްބަރު މުހައްމަދު ޝާފީ
އެލްޖީއޭ އިން ބުނެފައިވާ ގޮތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ޚިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ސަސްޕެންޑްކޮށްފައިވާ ކައުންސިލަރުން ކައުންސިލް އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުންކުރުމަކީ މަނާކަމެކެވެ.