Last Updated: April 22, 21:04
Tuesday, April 22, 2025
ކުޅިވަރު

އައިސްލެންޑް މެޗްގައި ކުޅުންތެރިންނަށް އަރާމު ކުރެވޭނެ

ފީފާ ވޯލްޑްކަޕް 2018ގެ ގްރޫޕް ޑީގެ ފަހު މެޗްގައި އައިސްލޭންޑާ ދެކޮޅަށް ނިކުންނަ އިރު ކްރޮއޭޝިޔާ ކުޅުންތެރިންނަށް އަރާމު ކުރުމުގެ ފުރުސަތު ދޭނެ ކަމަށް އެ ޓީމުގެ ކޯޗް ޒްލަޓްކޯ ޑަލިޗް ވައުދުވެއްޖެ އެވެ.

ރޭ އާޖެންޓީނާ އާއި ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް ކްރޮއޭޝިޔާ އިން ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި އާޖެންޓީނާއަށް މުބާރާތުން ކެޓުމުގެ ބިރު ބޮޑުވެފައިވާއިރު އެޓީމަށް ފުރުސަތު އޮތީ ކްރޮއޭޝިޔާ އަތުން ގްރޫޕްގެ ފަހު މެޗުގައި އައިސްލޭންޑް ބަލިވެގެންނެވެ.

އައިސްލޭންޑުން މިރޭ ނައިޖީރިއާ އަތުން މޮޅުވެ އަދި ކްރޮއޭޝިޔާ އަތުން އެއްވަރުވި ނަމަވެސް އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭނެއެވެ.

އާޖެންޓީނާއަށް ދެވަނަ ބުރުގެ ޖާގައެއް ލިބެން އޮތީ ގްރޫޕްގެ ފަހު މެޗްގައި ނައިޖީރިޔާ އަތުން މޮޅުވެ، އައިސްލޭންޑަށް ބާކީ އޮތް ދެ މެޗުން ހަތަރު ޕޮއިންޓް ނުލިބިއްޖެ ނަމަައެވެ.