Last Updated: November 25, 11:31
Monday, November 25, 2024

(އެޕްރީލް 28، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

އޭނާ އަށް ކިޔަނީ ފާތުމަތު މަލްހާ." އެއްވެސް ހިޔާލެއް ނެތި ވިއާމާ ބުނެލި އެވެ. ސާހިލް އަނެއްކާ ވެސް ކުޑަ ދޮރާ ދިމާއަށް އެނބުރިލި އެވެ. އާހަކާ އެކުގަ އެވެ. ހީވީ މިއީ އޭނާ އަޑު އަހަން ބޭނުންވި ނަމެއް ނޫން ހެންނެވެ.

މަލްހާ އެއީ ކާކު ހެއްޔެވެ؟ އޭނާ ދަންނަ ނަމެއް ނޫނެވެ. އޭނާގެ ލަވަތަކާއި އެ ކުއްޖާ އެހާ ގަޔާވާންވީ ކީއްވެ ހެއްޔެވެ؟ ސާހިލް ވިސްނާލި އެވެ. ކުއްލިއަކަށް ސާހިލް ވިސްނުމެއްގެ ތެރެއަށް ގެބުނުތަން ވިއާމާ އަށް ފެނުނެވެ.

"ހަމަ ތި ގޮތަށް މަލް ވެސް އަބަދު ހުންނަނީ ފިކުރުތަކެއްގެ ތެރެއަށް ގެއްލިފަ. އަހަރެންނަށް ހީވަނީ ތީ ޝާއިރުންނަށް އޮތް ޝަރުތަކީހެން." ވިއާމާގެ މިވާ ހަކަ އިން ސާހިލްހޭން ފެށި އެވެ.

"ތައުބާ…އަހަރެން ހީކުރީ މަނިކުފާނަށް ހޭން ވެސް ނޭނގޭ ކަމަށް އެކަމަކު މިއަދު މަނިކުފާނުގެ ދަތްތައް ވެސް ރީތިކަން އަހަރެންނަށް އިހްސާސް ކުރެވިއްޖެ." ސާހިލް ވިއާމާގެ މި ވާހަކައިން ލަދުގަންނަ ގޮތްވި އެވެ. އެހެނަސް ހުޝިޔާރުވެލި އެވެ.

"އޭއި މާ ވާހަކަ ގިނަ ކުރާނެ ކަމެއް ނެތް. މީގެ ފަހުން އެއްވެސް މީހަކަށް ދެން މަގޭ ލަވަ ފޮތް ގެންގޮސް ނުވާނެ." ސާހިލް ރުޅި އައި ގޮތް ދައްކާލަމުން ބުނެލި އެވެ.

"އައްދެ މަނިކުފާނަށް ރުޅި ވެސް އަންނަން އެނގޭދޯ…ބުނަން ތި ލަވަ ފޮތުގައި މަގޭ ވެސް ހިއްސާއެއް ވާނެ." ގޮނޑި ދަމާލާފައި ގޮނޑީގައި ލެގިލަމުން ވިއާމާ ބުނެލި އެވެ.

ސާހިލް އެނބުރިލި އެވެ. އެ ވަގުތު ގޮނޑީގެ ފައިގައި އަޅައިގެންފައި ސާހިލް އަރިއަޅާލި އެވެ. ވިއާމާ ނުހަނު ހުޝިޔާރު ކަމާއެކު ސާހިލް ވެއްޓުނަ ނުދީ ހިފަހައްޓާލި އެވެ. އޭރު އޭނާ އަށް ހުރެވުނީ ސާހިލްގެ މޭގައި ބޯއަޅާލައިގެން ކަހަލަ ގޮތަކަށެވެ. އޭނާ ދުރަކަށް ވެސް ނުދިޔަ އެވެ. ސާހިލް މަޑުމަޑުން ވިއާމާ އޭނާ އާ ދުރަށް ލިއެވެ.

"ޝުކުރިއް…މީގެ ފަހުން މިތާ ހުންނަ ގޮނޑިތައް ދަމާހަދާ އިރު ލޯފަން މީހަކު ހުރިކަން ހަނދާން ބަހައްޓައްޗޭ." ސާހިލް ގެ މި ޖުމްލަ އިން ވިއާމާ އަށް އަސަރު ކުރި އެވެ.

އެ ވަގުތު ވިއާމާ މަންމަ ގޮވާލި އަޑަށް ހުއްދަ ހޯދައިގެން އެކޮ ޓަރިން ނިކުތެވެ. އޭނާގެ ނޭފަތުގައި އަދިވެސް ސާހިލްގެ ސެންޓުގެ ވަސް ހަރުލާފައި ހުއްޓެވެ. ހުވަފެނީ ގޮތަކަށް ހިނގަމުން ގޮސް އޭނާ މަންމަ ގެ ކައިރިއަށް ހުއްޓުނެވެ. އަދި ކެއްކުމުގައި މަންމަ އަށް އަތް ގާތްކޮއްލަ ދޭން ފެއްޓިއެވެ.

ސާހިލް އޭނާގެ ލަވަ ފޮތް ނަގައި މޭގައި ޖައްސާލި އެވެ. ގެއްލިފައި އޮތް އެއްޗެއް ލިބުނީމާ ވާއުފާ އޭނާ ވި އެވެ. އެ ވަގުތު އެ ފޮތުން އޭނާގެ ވަރަށް ފަރިތަ ވަހެއް އޭނާ އަށް ދުވި އެވެ. އޭނާ ހިނިތުންވެލި އެވެ. އަދި އޭނާގެ ހިތަށް އައި ލަވަ ކިޔަން ފެށި އެވެ. ކޮންމެވެސް މީހެއްގެ ހަނދާނުގަ އެވެ.

"ކަލާ އާ ނުލާ އަހަރެން ގެ ހަޔާތުގެ މަންޒިލެއެއް ނެތެވެ.
މަންޒިލަ ކަށް އެދި އަހަރެން ވަރުބަލި ވެއްޖެ އެވެ.
ކަލާ އާ ނުލާ އަހަރެން ނަށް ހަޔާތުގެ ފޮނިކަމާ މީރު ކަމެއް ނެތެވެ.
ހަޔާތުގެ ފޮނިކަމާ މީރު ކަމަށް އެދި އަހަރެން ވަރުބަލި ވެއްޖެ އެވެ.
ކަލާގެ އުނގުގައި ބޯ އަޅާލައިގެން ހުވަފެންތަކުގައި އަހަރެން ނިދަމެވެ.
ކަލާގެ އަތުގައި ހިފައިގެން މަންޒިލާ ދިމާލަށް އަހަރެން ދަތުރު ކުރަމެވެ.
ދުރަށް އެހާ ދުރަށް ދެވޭ އިރު ވެސް އަހަރެން ވަރުބަލި ނުވެ އެވެ.
ދުރަށް ދާން ޖެހުނަސް ކަލާ ހުރިއްޔާ އަހަރެން ވަރުބަލި ނުވެ އެވެ.
ބައެއް ފަހަރު ކަލޭގެ ކާރީ ހުރެ ހިތް ފުރޭ ވަރަށް ރޯލަން އަހަރެން ބޭނުމެވެ.
އަހަރެންގެ ލޮލުން ކަރުނަ ހުސްވެދާކަށް އަހަރެން ބޭނުމެއް ނޫނެވެ.
ކަލާ އާ ނުލާ އަހަރެން ގެ ހަޔާތުގެ މަންޒިލެއެއް ނެތެވެ.
މަންޒިލަ ކަށް އެދި އަހަރެން ވަރުބަލި ވެއްޖެ އެވެ."

ވިއާމާ ދޮރު ކައިރީ މި ލަވަ އަޑު އަހަން ހުއްޓެވެ. އޭނާ ހީވީ ގޮތުން ސާހިލް ގެ ލަވަ އިޝާރާތް ކުރަނީ އޭނާއަށެވެ. އޭނާ މި އިހްސާސްގައި އުފަލުން މޮޔަވާ ވަރުވި އެވެ. ތުމުން ފުމެމުން ކޮރަމުން އޭނާ އޭނާގެ ކޮޓަރިއާ ދިމާއަށް ދިޔަ އެވެ.

އެވަގުތު އައިސް އައިސް ހުރި މަންމަ ގައިގައި ވެސް އޭނާ ލައިގަތެވެ. އެހެނަސް މީގެ އިހްސާސެއް ވެސް އޭނާގެ ނެތެވެ.
ސަމީރާ އަށް އޭނާގެ ދަރިފުޅު ވިއާމާ އަށް ވަމުން ދާގޮތް ފެންނަމުން ދިޔަ އެވެ.
އަދި ސާހިލް އަކީ ހަޤީޤަތުގައި ވެސް ވިއާމާގެ ވާން އުޅޭ ފިރިމީހާ ކަމުގައި އޭނާ އަށް އިހްސާސް ވި އެވެ. މިއީ އޭނާ ވެސް އެދޭ ގޮތަށް ވާތީ އެވެ. ލޯފަނެއް ކަމަކު ބަލާލަން ސާހިލް ނުލާހިކު ރީތި ވިއްޔާ އެވެ. ސަމީރާ ހިނިތުން ވެލި އެވެ.

ސާރާ ވިއާމާ ރަށަށް ދިޔަ ފަހުން ހުންނަނީ މާ އެކަނިވެފަ އެވެ. ގިނަ ފަހަރަކު ބޭރުން ވެސް ނުފެނެ އެވެ. ނާހިދާ ތަފާތު ގޮތްގޮތުން ސާރާގެ އެކަނިވެރިކަން ފިލުވޭތޯ މަސައްކަތް ކުރި އެވެ. އެހެނަސް ހުރިހާ ކަމެއްވީ ބޭކާރެވެ.

މުރާދު އޭނާގެ އޮފީސް ކުދިންނާ އެކު ހުކުރު ދުވަހު ބަނޑޮހަށް ދަތުރު ރޭވި އެވެ. ސާރާ އާއި ނާހިދާ ވެސް ބައިވެރި ކޮށްގެންނެވެ. މުޅި ދަތުރު މަތީ ސާރާ އިނީ ހިމޭނުންނެވެ. އެހެން އެންމެން ލަވަ ބާޒީ ކުޅެ ހެދި އެވެ. ސާރާ ބައެއް ފަހަރު ހީލަ އެވެ.

ތަންކޮޅެއް ދުރުގައި މީހަކު ސާރާ އާ ދިމާއަށް ނަޒަރު ހުއްޓާލައިގެން އިންކަމެއް ސާރާ ނުދެނެ ހުއްޓެވެ.
ބަނޑޮހަށް ދެވުމާ އެކު އެންމެން ޖެޓީ މައްޗަށް ފުންމާލި އެވެ. ބިރުން ތިބި އަންހެން ކުދިންނަށް ފިރިހެން ކުދިންގެ އަތުގެ އެހީ ޖެޓީ މައްޗަށް ފޭބުމަށްޓަކައި ލިބުނެވެ.

ސާރާ އާ ޖެހުނު ވަގުތު އަދީލް އަތް ދިއްކޮށްލި އެވެ. ސާރާ ފުރަތަމަ އަދީލުގެ މޫނަށް ބަލާލި އެވެ. އަދީލު ބޮލުގެ އިޝާރާތުން އަތުގައި ހިފާށޭ ބުނެލި އެވެ. ސާރާ އޭނާގެ ފިނިވެފައިވާ މަޑު އަތްތިލަ އަދީލުގެ އަތުގައި ބާއްވާ އެވެ. ސާރާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔަ އެވެ. ޖެޓީ އަށް ފޭބުމުން ވެސް އަދީލު ސާރާގެ އަތުން ދުލެއް ނުކުރެ އެވެ. މިކަމާ ސާރާ ވަރަށް ލަދުގަތެވެ. އަދި އަތް އަދީލުގެ އަތުން ނައްޓުވާލި އެވެ.

"އަހަރެންގެ ނަމަކީ އަދީލް. ތީ ހާދަ މަޑު އަތެކޭ. އެހެންވެ ދޫކޮށް ނުލަން ހުރީ." ސާރާގެ ކަންފަތް ދޮށަށް ގުދުވެލަމުން އަދީލް ބުނެލި އެވެ.

ސާރާ މިކަމާ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުނެވެ. މުރާދު ނާހިދާ އާ އެކު ދިޔައީ މޫދަށެވެ. ސާރާ މަގޫ ގަހެއްގެ ކައިރީ އިށީނދެލައިގެން ފަތަން ތިބި މީހުންނާ ދިމާއަށް ނަޒަރު ހުއްޓާލައިގެން އިނެވެ.
ތަފާތު ހިޔާލުތަކުން އޭނާގެ ސިކުނޑި ނުތަނަވަސް ވެފައިވެ އެވެ. އަދި އެހެން ނޫނަސް އަދީލު އަކީ ހަމަ ދެންމެ އޭނާ އަށް ފެނުނު މީހެކެވެ. އަސްލު ކޮން ރަށެއްގެ ކާކު ކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. ވީއިރު އަދީލުއަށްޓަކައުިއޭނާގެ ހިތް ތެޅެން ޖެހޭ ސަބަބެއް ނޯންނާނެ އެވެ.

"ކަމަނާ ތި ކުރައްވަނީ އަޅުގަނޑުގެ ހިޔާލުތޯ؟" ކައިރީގައި އިށީނދެލަމުން އަދީލް ސާރާ އާ ސަމާސަކޮށްލި އެވެ.
އަދީލުގެ މިސަމާސައިން ސާރާ ބިރުގަތެވެ.

"އަޅުނގަޑަކަށް ތިޔަ ގާތް ކަމަކާ ނުރުހެވޭ." ތެދުވަން މަސައްކަތް ކުރަމުން ސާރާ ޖަވާބު ދިނެވެ.

"ސާރާ…ނުތެދުވޭ…އަހަރެން ދައްކާ ވާހަކަ ވެސް އަޑު އަހާބަލާ…އެހެން ނޫނީ ހުރިހާ މީހުންގެ ކުރިމަތީ ލަދު ގަންނަވާލާނަން."
އަދީލް ސާރާ އަށް ގޮތަކަށް މަޖްބޫރު ކުރި އެވެ.

"މިއީ ކޮން ކަހަލަ މަޖުބޫރު ކަމެއް…އަހަރެން ނުދަންނަ މީހުނާ ވާހަކަ ދައްކަން ފޫހިވޭ." ސާރާ މޫނު އަނެއް ފަރާތަށް އަނބުރާލަމުން ރުޅިވެރި ގޮތަކަށް ބުނެލި އެވެ.

"ސާރާ…އެކަކު އަނެކަކަށް ދަސްވާނީ ވެސް ވާހަކަ ދެއްކީމަ ނޫން؟ އަހަރެން ސާރާ ދަންނަން. މުރާދު އާ އެކު ސްކޫލަށް ދާން ވަރަށް ގިނަ ފަހަރު އަހަރެން ތި ގެ އަށް ދިޔައިން. އެހެނަސް އޭރު ސާރާ އަކީ ފެނުމުގެ ނަސީބުން މަހްރޫމް ވެފައިވާ ކުއްޖެއް. ވީމާ ބުނަން ނުކެރުނީ. އަހަރެން ސާރާ ދެކެ ލޯބިވޭ." ސާރާ މި އަޑުތައް އިވިފައި ފުންމައިގެން ތެދުވި އެވެ.

އަދި ބާރުބާރަށް ހިނގާފައި އެއްގަމަށް އެރި އެވެ. ހިނދުކޮޅެ އްވަންދެން އޭނާގެ ނޭވާ ހަމައަކަށް ނޭޅެ އެވެ. އެވަގުތު ނާހިދާ އޭނާގެ ފުރަގަހުން އައިސް ކޮނޑުގައި ހިފާލި އެވެ. ސާރާ އަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

"ސާރާ ކިހިނެއްވީ…ހާދަ ބިރުގެންފަ ތިހިރީ؟" ނާހިދާ ހާސްވެފައިވާ ސާރާގެ ގައިގައި ބައްދާލި އެވެ. މަޑުމަޑުން ސާރާ ހަމައަކަށް އެޅުނެވެ.

"ދެން ބުނެބަލަ…ކިހިނެއްވީ؟" ނާހިދާ އަނެއްކާވެސް ސުވާލު ކުރި އެވެ.

(ނުނިމޭ)