Last Updated: November 25, 17:58
Monday, November 25, 2024
ކުޅިވަރު

މިސްރު ޓީމުން ރެފްރީގެ މައްސަލަ ފީފާ އަށް

ފީފާ ވޯލްޑްކަޕްގައި މިދިޔަ އަންގާރަ ދުވަހު މިސްރު އާއި ރަޝިޔާ ބައްދަލުކުރި މެޗުގެ ރެފްރީ ޕެރަގުއޭގެ އެންރީކޭ ކަސެރެސްގެ ނިންމުންތަކާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްއޭނާގެ މައްސަލަ ފީފާ އަށް ހުށަހަޅަން މިސްރު ޓީމުން ނިންމައިފިއެވެ.

މިސްރު ޓީމުގެ ފަރާތުން ވާހަކަދެއްކި އޮފިޝަލެއް ފާހަގަ ކުރިގޮތުގައި ޕެރަގުއޭގެ ރެފްރީ ވަނީ މިމެޗުގެ ފުރިހަމަ ނަތީޖާއަށް ބަދަލު އަންނާނެފަދަ ގޯސްތަކެއް ހަދާފައެވެ.

"އަހަރެމެން ބޭނުންވަނީ އެމެޗުގައި ރެފްރީންގެ ޓީމުން ހަދާފައިވާ ގޯސްތަކާއި ގުޅިގެން އެމައްސަލަ ބެލުމަށް" މިސްރުގެ ފުޓުބޯޅަ ފެޑަރޭޝަނުގެ ރައީސް ހަނީ އަބޯ ރީޑާ، މިއަދު ރޮއިޓާސް އަށް ދިން އިންޓަވިއުގައި ބުންޏެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ރަނގަޅު ކުޅުމެއް ދައްކައި 1990 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގައި ކުޅޭ މިސްރުގެ ފަރާތުން ގުރޫޕް ސްޓޭޖުގައި ފެނިފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ.

މިސްރު އެންމެ ފަހުން ރަޝިޔާ އާއި ދެކޮޅަށް ކުޅުނު މެޗުން 3-1 އިން ބަލިވެ މުބާރާތުން ކަޓާފައިވާއިރު އެޓީމު މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.

ފީފާގެ ކައުންސިލް މެމްބަރެއްގެ މަޤާމް ފުރުއްވަމުންދާ އަބޯ ރީޑާ ބުނިގޮތުގައި މިސްރު އެންމެފަހުން ކުޅުނު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އެޓީމުގެ ކެޕްޓަން އަދި ފުލްބެކް އަހުމަދު ފަތުހީ ރަޝިޔާގެ އެޓޭކެއް ހުއްޓަވަންވެގެން ކުރި މަސައްކަތަށް ރަޝިޔާގެ ކުޅުންތެރިއަކު ހުރަސްއަޅައި ފައުލްކޮށްފައިވެއެވެ.

އެބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ފަތުހީ އަތުން ބައިކޮޅަށް ލަނޑުޖެހިފައިވަނީ އެކަމުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ

އޭނާ ބުނިގޮތުގައި އެމެޗުގެ 78 ވަނަ މިނެޓުގައި މިސްރު ޓީމުގެ ފޯވާޑް މަރްވާން މުހްސެން އަށް ރަޝިޔާގެ ޕެނަލްޓީ އޭރިޔާތެރޭގައި އެޓީމުގެ ޑިފެންޑަރު އިލްޔާ ކުޓެޕޯވް ކުރި ފައުލަކަށް ދޭން ޖެހޭ ޕެނަލްޓީއެއް ދީފައެއްނުވެއެވެ.

"އެއީ ޕެނަލްޓީއެއްތޯ ޔަޤީންކުރުމަށް އެމެޗުގެ ރެފްރީ، ވީއޭއާރް (ވީޑީއޯ އެސިސްޓެންޓް ރެފްރީ) ބޭނުންކުރަންޖެހޭނެ. މީގެއިތުރުން ރަޝިޔާއިން ކާމިޔާބުކުރި ފުރަތަމަލަނޑުޖެހުމުގެކުރީން ފަތުހީ އަށް ކުރި ފައުލް އެމީހުންނަށް ފެންނަންޖެހޭނެ."

"ރެފްރީން ހަދާފައިވާ ގޯސްތައް އިތުރަށް ބަލައިދިނުމަށް އެދި ހުށަހެޅުމަކީ އަހަރެމެންނަށް ލިބިފައިވާ ޙައްޤެއް." އޭނާ ބުންޏެވެ.

ގްރޫޕް އޭ ގައި ވާދަކުރާ މިސްރު ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު އެޓީމު ނިކުންނާނީ ސައުދީ އަރަބިޔާ އާއި ދެކޮޅަށެވެ.