ޔުނައިޓަޑް ނޭޝަންސްގެ ސީނިއަ އެކްސްޕާޓްސް އޮން ސެކިއުރިޓީ ސެކްޓަރ ރިފޯމް (އެސްއެސްއާރް) ރޮސްޓަގައި އެމްއެންޑީއެފްގެ ބްރިގޭޑިއަ ޖެނެރަލް އަބްދުﷲ ޝަމާލް ހިމެނިވަޑައިގެންފި އެވެ.
ޔުނައިޓެޑް ނޭޝަންސްގެ ޑިޕާރޓްމަންޓް އޮފް ޕީސްކީޕިން އޮޕަރޭޝަންސްގެ ސެކިއުރިޓީ ސެކްޓަ ރިފޯމް ޔުނިޓް އިން ބަލަހައްޓަމުން ގެންދާ މި ރޮސްޓަގައި ރަސްމީގޮތުން ބްރިގޭޑިއަ ޖެނެރަލް އަބްދުﷲ ޝަމާލް ހިމެނިވަޑައިގެންފައި ވަނީ، މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު ސްވިޒްލެންޑްގެ ޖެނީވަރގައި ހުންނަ ޔޫއެން އޮފީހުގައި އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.
ދުނިޔޭގެ އެކި ސަރަޙައްދުތަކުން ހޮވާލެވޭ 40 މީހުންގެ މައްޗަށް އެކުލެވޭ މިރޮސްޓަގައި މިއީ ދިވެއްސަކު ހިމެނުނު ފުރަތަމަ ފަހަރެވެ.
ސެކިއުރިޓީ ސެކްޓަރ ރިފޯމްގެ މަސައްކަތަކީ އެކި ޤައުމުތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ޔޫއެން އިން ކުރަމުން އަންނަ މަސައްކަތެކެވެ.
މިގޮތުން، ޔޫއެންގެ އެސް.އެސް.އާރގެ މައިގަނޑު އަމާޒްތަކަކީ އެކި ޤައުމު ތަކުގައި ޤައުމީ އެސް.އެސް.އާރ ޑައިލޮގްތައް ކުރިއަށް ގެންދިއުމާއި، ޤައުމީ ސަލާމަތީ އޮނިގަނޑުތައް ބިނާކުރުމަށް އެހީތެރިކަށް ފޯރުކޮށް ދިނުމާއި، ސެކިއުރިޓީ ސެކްޓަ ލެޖިސްލޭޝަން ނުވަތަ ޤާނޫނު ހެދުމާއި، ވަޞީލަތްތަކުގެ އެހީތެރިކަން ފޯރުކޮށް ދިނުމާއި އަދި އެކި އެކި ސަލާމަތީ ދާއިރާތަކުގެ ޕްރޮޖެކްޓްތައް ހިންގުމެވެ. އަދި ޔޫއެންގެ މި އެކްސްޕާޓުން މަސައްކަތް ކުރައްވަމުން ގެންދަވާނީ މި ދާއިރާތަކުގެ ކޮންސަލްޓަންޓުންގެ ގޮތުގަ އެވެ.
އަދި މީގެ އިތުރުން، މިރޮސްޓަގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، އެބޭފުޅެއްގެ ޚިދުމަތް ޔޫއެން އިން ބޭނުންވެއްޖެ ހިނދެއްގައި އެޤައުމެއްގައި އެދުމުން، އެއެހީ ބޭނުންވާ ދިމާލަކަށް ޑިޕްލޯއީ ކުރެވޭނެ ބައެކެވެ.
މި ރޮސްޓަގައި މިފަހަރު ބްރިގޭޑިއަ ޖެނެރަލް އަބްދުﷲ ޝަމާލާ އެކު ހިމެނިވަޑައިގެންފައިވަނީ ޖަރުމަންވިލާތާއި، ޓީމޯ ލެސްޓޭ އާއި ބްރެޒިލްގެ ތަޖުރިބާކާރުންނާއި ބެނިންގ އަދި ބަންގްލަދޭޝްގެ ރިޓަޔާޑް ލެފްޓިނަންޓް ޖެނެރަލުންނެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބްރިގޭޑިއަ ޖެނެރަލް ޢަބްދުﷲ ޝަމާލް މި ލިސްޓްގައި ހިމެނިވަޑައިގަތުން މިއީ ދިވެހި ރާއްޖެއަށާއި ދިވެހި ސިފައިންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.