Last Updated: November 25, 17:58
Monday, November 25, 2024
ކުޅިވަރު

މޫސަގެ 2 ލަނޑުން ނައިޖީރިޔާ އަށް އުއްމީދު

ފީފާ ވޯލްޑްކަޕް 2018 ގެ ގްރޫޕް ޑީގައި އައިސްލޭންޑާއި ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް ނައިޖީރިޔާ އިން ދެވަނަ ބުރުގެ ޖާގައެއްގެ އުއްމީދު ގެނެސްދީފިއެވެ.

އައިސްލޭންޑްގެ މައްޗަށް ނައިޖީރިޔާ އިން ކުރި ހޯދީ 0-2 އިންނެވެ.

ގްރޫޕް ސެޓޭޖްގެ ފުރަތަމަ މެޗުގައި ކްރޮއޭޝިޔާ އަތުން ބަލިވެފައިވާ ނައިޖީރިޔާ އިން މިއަދު އައިސްލޭންޑާއި ދެކޮޅަށް ކުޅުނު މެޗްގައި ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ނައިޖީރިޔާގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ޖަހައި ދިނީ އެ ޓީމުގެ ފޯވާޑް އަހްމަދް މޫސާއެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު މެޗްގެ 75 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ވެސް މޫސާއެވެ.

ނައިޖީރިޔާ އިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނަތީޖާގެ ފަރަގު ކުޑަކުރުމަށް އައިސްލޭންޑަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެގޮތުން މެޗްގެ 84 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީ ސިގާސަން ފޮނުވާލުމުން ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

މިރޭގެ މެޗުން ނައިޖީރިޔާ މޮޅުވުމުން އެ ޓީމަށް ވަނީ 3 ޕޮއިންޓާއި އެކު ގްރޫޕްގެ 2 ވަނަ ލިބިފައެވެ. ކުޅުނު 2 މެޗް ވެސް ކާމިޔާބުކޮށްފައިވާ ކްރޮއޭޝިޔާ ގްރޫޕްގެ 1 ވަނައިގައި 6 ޕޮއިންޓާއި އެކު އޮތް އިރު އާޖެންޓީނާ އަދި އައިސްލޭންޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މި ގްރޫޕުން ދެވަނަ ބުރުގެ ޖާގައެއް ކްރޮއޭޝިޔާ އަށް ކަށަވަރު ވެފައިވާއިރު، ގްރޫޕް ސްޓޭޖްގެ ފަހު މެޗުތައް ކާމިޔާބުކޮށްގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އާޖެންޓީނާ، ނައިޖީރިޔާ އަދި އައިސްލޭންޑަށް ވެސް އެބައޮތެވެ.