ފީފާ ވޯލްޑްކަޕް 2018ގެ ގްރޫޕް އީގައި ސާބިޔާ އާއި ސްވިޒަލޭންޑް ކުޅުނު މެޗް ސްވިޒަލޭންޑުން ކާމިޔާބުކޮށްފިއެވެ. މިމެޗް ސްވިޒަލޭންޑުން ކާމިޔާބު ކުރީ 1-2 އިންނެވެ.
މިރޭގެ މެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސާބިޔާއިންނެވެ. މި ލަނޑު މެޗްގެ 5 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެލެކްސަންޑްރާ މިޓްރޮވިޗެވެ.
މެޗްގެ ފުރަތަމަ ހާފުގައި ސާބިޔާ އިން ރަނގަޅަށް ކުޅުނު އިރު އެ ހާފް ނިމުނީ 0-1 އިން ސާބިޔާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ސްވިޒަލޭންޑުން އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އޭގެ ނަތީޖާއެއް ގޮތުން ދެވަނަ ހާފުގެ 7 ވަނަ މނިޓްގައި ސްވިޒަލޭންޑްގެ ޒަޚާ ވަނީ އެ ޓީމަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މި ލަނޑަށް ފަހު ސްވިޒަލޭންޑް އަދި ސާބިޔާ އަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެހެން ނަމަވެސް ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
މިމެޗުން ސްވިޒަލޭންޑް މޮޅުވި ލަނޑު މެޗްގެ އެންމެ ފަހު މިނިޓްގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޝަޤީރީއެވެ.
މި މޮޅާއި އެކު ސްވިޒަލޭންޑަށް ވަނީ 4 ޕޮއިންޓާއި އެކު ގްރޫޕްގެ 2 ވަނަ ލިބިފައެވެ. ގްރޫޕް އީގެ 1 ވަނައިގައި އޮތް ބްރެޒިލް އަށް ވެސް 4 ޕޮއިންޓް ލިބިފައި ވާއިރު އެޓީމަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.
މިރޭގެ މެޗުން ބަލިވި ސާބިޔާ އަށް 3 ޕޮއިންޓް ލިބިފައިވާއިރު، މުބާރާތުން މިހާރު ކަޓާފައިވާ ކޮސްޓަރީކާ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.