ސޯޗީ-ރަޝިޔާ: ފީފާ ވޯލްޑްކަޕް 2018ގެ ގްރޫޕް އެފް ގައި ޖަރުމަނާއި ސްވިޑެން ބައްދަލުކުރި މެޗް 1-2 އިން ޖަރުމަނުން ކާމިޔާބުކޮށްފިއެވެ.
ސޯޗީގެ ފިޝްޓް އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގެ ފުރަތަމަ ހާފުގައި ގިނަ އިރު ބޯޅަ ގެންގުޅެފައިވަނީ ޖަރުމަނުގެ ޓީމުންނެވެ. އަދި ގިނަ ހަމަލާތައް އުފައްދާފައި ވަނީ ވެސް ޖަރުމަނުންނެވެ.
ޖަރުމަނަށް ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއެއްގެ ގޮތުން އޯލާ ޓޮއިވޮނެން ވަނީ މެޗްގެ 32 ވަނަ މިނިޓްގައި ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ.
މި ލަނޑަށް ފަހު ވެސް ސްވިޑަން އަށް ވަނީ އެ ޓީމުގެ ލީޑު ފުޅާކުރާނެ ހުސް ދެ ފުރުސަތެއް ލިބިފައެވެ.
މެޗްގެ ފުރަތަމަ ހާފް ނިމުނީ 0-1 އިން ސްވިޑެން ކުރީގައި އޮވެގެންނެވެ.
މެޗުން ބަލިވެއްޖެ ނަމަ މުބާރާތުން ކަޓާނެ ކަމުގެ ބިރު އޮތުމުން ޖަރުމަނުން ދެވަނަ ހާފުގެ ކުޅުން ފަށައިގެން ހުރިހާ ކުޅުންތެރިން ކުރިއަށް އަރައި އެޓޭކް ކުރަން ފެށިއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 3 ވަނަ މިނިޓްގައި މާކޯ ރޮއިސް ވަނީ ޖަރުމަނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ޖަރުމަނުގެ ލަނޑަށް ފަހު އެޓީމުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް އޭގެ ބޭނުން ނުހިފުމުގެ ނަތީޖާއެއްގެ ގޮތުން ޓީމު ޕްރެޝަރަށް ވެއްޓުނެވެ.
ޖަރުމަނަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗްގެ 82 ވަނަ މިނިޓްގައި އެޓީމުގެ ޑިފެންޑަރު ބޯޓެންގް އަށް ދެވަނަ ރީނދޫ ކާޑަކަށްފަހު ރަތްކާޑު ދެއްކުމުންނެވެ.
10 ކުޅުންތެރިންނާއި އެކު ޖަރުމަނުގެ ޓީމުން ހިތްވަރާއި އެކު ކުޅެމުން ގޮސް މެޗުން މޮޅުވި ލަނޑު އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޓޯނީ ކްރޫޒް އެވެ.
މިގުރޫޕްގައި ކުޅުނު އަނެއް މެޗުގައި ދެކުނު ކޮރެއާ އަތުން 1-2 އިން މެކްސިކޯ މޮޅުވިއިރު އެޓީމުގެ ލަނޑުތައް ޖަހައިދިނީ ކާލޯސް ވޭލާ އާއި ހަވިއާ ހެނާންޑޭޒް އެވެ. ކޮރެއާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ސަން ހެއުން- މިން އެވެ.
ގްރޫޕް އެފް ގެ ޕޮއިންޓް ޓޭބަލަށް ބަލާއިރު އެއްވަނައިގައި އޮތް މެކްސިކޯ އަށް ވަނީ 6 ޕޮއިންޓް ލިބިފައެވެ. ޖަރުމަނާއި ސްވިޑެން އަށް ވެސް 3 ޕޮއިންޓް ލިބިފައިވާއިރު ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ ދެކުނު ކޮރެއާ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
މި ގްރޫޕްގައި ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އެބައޮތެވެ. ގްރޫޕްގެ ފަހު މެޗްގައި ޖަރުމަނު ނިކުންނާނީ ދެކުނު ކޮރެއާ އާއި ދެކޮޅަށެވެ. ސްވިޑެން ނިކުންނާނީ މެކްސިކޯ އާއި ދެކޮޅަށެވެ.