ބްރެޒިލްގެ ނޭމާ އަށް އެޓީމުގެ ކުރީގެ ތަރި ރޮނާލްޑޯ ލުއިސް ނަޒާރިއޯ ޑަލީމާ އެހީތެރިކަން ފޯރުކޮށް ދެމުން ގެންދާ ކަމަށް ނޫސް ރިޕޯޓްތައް ބުނެފި އެވެ.
ސްޕެއިންގެ އެންމެ ބޮޑު ކުޅިވަރު ނޫސް "މާސާ"ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޮންމެ ދުވަހަކު ވެސް ބްރެޒިލް ކުޅުންތެރިން ތިބޭ ހޮޓަލަށް ރޮނާލްޑޯ ޒިޔާރަތް ކުރެއެވެ.
އެގޮތުން ރޮނާލްޑޯ މުޅި ޓީމާއި އެކު ވަގުތު ހޭދަ ކުރާ ކަމަށާއި އަދި އެއަށްފަހު ނޭމާ އާއި ވަކިން ވާހަކަ ދައްކަން ކޮންމެ ދުވަހަކު ވެސް ހުންނަ ކަމަށް ވެއެވެ. މީގެ އިތުރުން ވެސް ރޮނާލްޑޯ ގެންދަނީ ނޭމާގެ ދިފާއުގައި އަބަދުވެސް ވާހަކަ ދައްކަމުންނެވެ.
އެގޮތުން ކޮސްޓަރީކާ އަތުން ބްރެޒިލް މޮޅުވި މެޗްގައި ކާމިޔާބު ކުރި ގޯލާއި އެކު ނޭމާ އޭނާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވާނެ ކަމަށާއި އަދި އޭގެ ސަބަބުން ކުރިއަށް ހުރި މެޗްތަކުގައި ނޭމާގެ ކުޅުން ރަނގަޅު ވާނެ ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.
ރޮނާލްޑޯ އަކީ ވެސް މިހާރު ނޭމާއަށް ކުރިމަތިވެފައިވާ ފަދަ ކަންތަކެއް ތަހައްމަލްކޮށްފައެވެ.
އެގޮތުން 1998 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ހިތްދަތިކަމާއި ކުރިމަތިވެ އެއަށް ފަހު ބޮޑު އަނިޔާ އަކާއި ކުރިމަތިވިއެވެ. އެހެން ނަމަވެސް އެ އަނިޔާއިން ސަލާމަތްވުމަށް ފަހު ޖެހިގެން އައި ވޯލްޑްކަޕް ރޮނާލްޑޯ ވަނީ ބްރެޒިލް އާއި އެކު ކާމިޔާބުކޮށްފައެވެ.
ފާއިތުވި އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕްގެ ކުއާޓާ ފައިނަލުގައި ނޭމާއަށް އަނިޔާވިއިރު، ބްރެޒިލް އަށް އެ މުބާރާތް ނިމުނީ ވަރަށް ހިތްދަތި ގޮތަކަށެވެ. އަދި މިފަހަރުގެ ވޯލްޑްކަޕްގައި ނޭމާ ފިޓްވެފައި ވަނީ ވެސް ހަމަ ކިރިޔާއެވެ.
ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯގެ އިތުރުން ނޭމާގެ ބައްޕަ ވެސް ކޮންމެ ދުވަހަކު ބްރެޒިލް ޓީމު ތިބޭ ހޮޓަލަށް ޒިޔާރަތްކޮށް ނޭމާ އާއި އެކު ވަގުތު ހޭދަކުރެއެވެ.