Last Updated: February 12, 21:09
Wednesday, February 12, 2025
ޚަބަރު

ދެ ފަނޑިޔާރުންނަށް އިއްވި ހުކުމް އިސްތިއުނާފަށް

އަބްދުﷲ ސައީދާއި އަލީ ހަމީދު - ފޮޓޯ: މިހާރު

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދު އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް މިމަހުގެ 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ، މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ހައްޔަރުކުރުމަށްފަހު މިބޭފުޅުންގެ ފޯނު ދޭން އެދުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ ދައުލަތުން މި ދެ ބޭފުޅުންގެ މައްޗަށް އުފުލި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

މި ބޭފުޅުން އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމުގެ އިތުރަށް މި ބޭފުޅުންނަށް ދީނީ ނަސޭހަތް ދިނުމަށް ދީފައިވާ ހުއްދަ އާއި ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް ބާތިލްކުރަން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އަބްދުﷲ ސައީދުގެ މައްޗަށް ތަފާތު ތިން ދައުވާއެއް ސާބިތުވެ އެމަނިކުފާނަށް ޖުމްލަ ތިން އަހަރާއި އެއް މަހުގެ ޖަލު ހުކުމް އިއްވާފައިވާއިރު އަލީ ހަމީދަށް ތަފާތު ދެ ދައުވާއެއް ސާބިތުވެ ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

ސަރުކާރުން ވައްޓާލުމަށް މަސައްކަތް ކުރެއްވުމުގެ ތުހުމަތުގައި އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފަ އެވެ. މިމައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފަ އެވެ.