ސަމާރާ-ރަޝިޔާ: ފީފާ ވޯލްޑްކަޕް 2018ގެ ގްރޫޕް އޭގައި އުރުގުއޭ އަދި ރަޝިޔާ ބައްދަލުކުރި މެޗް އުރުގުއޭ އިން ކާމިޔާބުކޮށްފިއެވެ. އުރުގުއޭ އިން މިމެޗް ކާމިޔާބު ކުރީ 0-3 އިންނެވެ.
ސަމާރާ އެރީނާގައި ސާޅީސް ފަސް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އުރުގުއޭ އިންނެވެ. މިލަނޑު މެޗްގެ 10 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ.
އުރުގުއޭގެ ފަރާތުން ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވާއިރު އެ ޓީމުގެ ދެވަނަ ލަނޑަކީ ރަޝިޔާގެ ޗެރިޝޭވްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.
ރަޝިޔާގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ދިޔަ މިމެޗްގައި އެޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗްގެ 36 ވަނަ މިނިޓްގައި އެޓީމުގެ އީގޯ ސޮމޮނިކޯވް އަށް ރަތް ކާޑު ދެއްކުމުންނެވެ.
މެޗްގެ ފުރަތަމަ ހާފު ނިމުނީ 0-2 އިން އުރުގުއޭ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން 10 ކުޅުންތެރިންނާއި އެކު ކުޅުނު ރަޝިޔާއިން ކުޅެފައިވަނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ.
އުރުގުއޭ އިން މިމެޗްގައި ޖެހި 3 ވަނަ ލަނޑު ދެވަނަ ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ކަވާނީއެވެ.
މި މެޗުން މޮޅުވުމުން އުރުގުއޭ އަށް 9 ޕޮއިންޓާއި އެކު ގްރޫޕްގެ 1 ވަނަ ލިބިފައިވާއިރު ރަޝިޔާ އޮތީ 6 ޕޮއިންޓާއި އެކު ގްރޫޕްގެ ދެވަނައިގައެވެ.
ދެވަނަ ބުރުގައި ރަޝިޔާ އާއި އުރުގުއޭ ދެވަނަ ބުރުގައި ނިކުންނާނީ ގްރޫޕް ބީ އިން ދެވަނަ ބުރަށް ދާ ޓީމުތަކާއި ދެކޮޅަށެވެ.
ގްރޫޕް ބީގެ ފަހު މެޗްތައް މިރޭ ރާއްޖޭ ގަޑިން 11 ޖަހާއިރު ފަށާނެއެވެ. ސްޕެއިން އާއި މޮރޮކޯ ބައްދަލު ކުރާއިރު ޕޯޗުގަލް ނިކުންނާނީ އިރާނާއި ދެކޮޅަށެވެ.