ވޮލްގޯގްރާޑް، ރަޝިޔާ: ވޯލްޑްކަޕް ގެ ގްރޫޕް އޭ ގައި މިރޭ މިސްރު އާއި ސައުދީ އަރަބިޔާ ބައްދަލުކުރިމެޗު ސައުދީ އަރަބިއްޔާއިން ކާމިޔާބުކޮށްފިއެވެ.
ވޮލްގޯގްރާޑް އެރީނާގައި ތިރީސްހަހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ލީޑް ނެގީ މިސްރުންނެވެ.
މިލަނޑު މެޗްގެ 22 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މުޙައްމަދު ސަލާހުއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ސައުދީ އަރަބިއާގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށްފަހު ގޯލްކީޕަރު ކުރިއަށްއެރި ވަގުތުގައި ބޯމަތިން ގޯލަށް ފޮނުވާލައިގެންނެވެ. މިއީ މިފަހަރުގެ ވޯލްޑްކަޕްގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.
އޭގެ ދެމިނެޓުފަހުން ސަލާހަށް ވަނީ މިސްރު ލީޑް ފުޅާ ކުރުމަށްޓަކައި ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ސައުދީ އަރަބިއާގެ ކުޅުންތެރިން އޮފްސައިޑް ވާނެކަމަށް ނިންމައިގެން ހުއްޓާ ލިބުނު ބޯޅަ ކީޕަރު ބޯމަތިން ފޮނުވާލުމުން ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
މިމެޗުގެ 41 ވަނަ މިނެޓުގައި ސައުދީ އަރަބިއާ އަށް ލިބުނު ޕެނަލްޓީ ފޮނުވާލުމުން މިސްރުގެ ގޯލްކީޕަރު އެސާމް އެލް ހަދާރީ ވަނީ މަތަކޮށްފައެވެ. އެހެންނަމަވެސް ފުރަތަމަހާފުގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ސައުދީ އަރަބިއާ ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ސަލްމާން އަލް ފަރާޖެވެ.
މެޗްގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމް އެއްވަރު ވެގެންނެވެ.
ދެވަނަހާފުގެ ބޮޑުބައި ސައުދީ އަރަބިއާ އިން ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް އެޓީމުން ފޮނުވާލީ ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ މުޅި މެޗުގައިވެސް މޮޅުކުޅުމެއް ދެއްކި މިސްރުގެ ގޯލްކީޕަރު އެސާމް އެލް ހަދާރީ އެވެ.
އުމުރުން 45 އަހަރުގެ ހަދާރީ އަކީ މިފަހަރުގެ ވޯލްޑްކަޕްގައި ކުޅުނު އުމުރުން ދޮށީ ކުޅުންތެރިޔާއެވެ. މީގެއިތުރުން އޭނާ ވެފައިވަނީ މިހާތަނަށް ވޯލްޑްކަޕްގެ ތާރީޚުގައިވެސް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.
ހަދާރީގެ މޮޅު ކުޅުމާއި އެކު މިސްރު ޓީމުން ސައުދީއަރަބިއްޔާ ހުއްޓުވޭ ގޮތެއް ނުވިއެވެ.
މެޗްގެ އިތުރު ވަގުތުގެ ފަހު މިނިޓްގައި ސަލީމް އަލް ދައުސާރީ ވަނީ ލަނޑެއް ޖަހައި ސައުދީއަށް ތިން ޕޮއިންޓް ހޯދައި ދީފައެވެ.
މި ނަތީޖާ އާއި އެކު ސައުދީ އަށް ވަނީ 3 ޕޮއިންޓް ލިބިފައެވެ. އަދި މިސްރުން މުބާރާތް ނިންމާލީ ގްރޫޕްގެ އެންމެ ފުލުގައި އޮވެގެން އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.