މޯލްޑިވްސް ލޯ އިންސްޓިޓިއުޓާއި ވިލާ ކޮލެޖް ގުޅިގެން ހުޅުމީދޫގައި ގާއިމްކޮށްފައިވާ ލޯ ފެކަލްޓީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ރޭ ސ. އަތޮޅު މަރަދުސާގައި ބައްދަލުވުމެއް ބޭއްވުމަށް ފަހު އައްޑޫގެ ގުޅިފައިވާ ރަށްރަށުގައި ވެސް އިތުރު ބައްދަލުވުންތަކެއް ބާއްވަން ނިންމައފި އެވެ.
އެގޮތުން މިއަދު ހަވީރު 4:00 ގައި ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބައްދަލުވުމެއް ބޭއްވުމަށް ފަހު މިރޭ 8:00 ގައި ފޭދޫ ސްކޫލްގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރަށް މާދަމާ ހެދުނު 8.30 ގައި މަރަދޫ އިރުޝާދިއްޔާ ސްކޫލްގައި ވެސް ކޯސްތަކާ ބެހޭ މައުލޫމާތު ދެއްވުމަށް ބާއްވާ ބައްދަލުވުމެއް އޮންނާނެ އެވެ.
އަންނަ މަހުގެ 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯސްތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ކޯސްތަކާ މައުލޫމާތު ދެއްވީ ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަޙްމަދު އަންވަރާއި މޯލްޑިވްސް ލޯ އިންސްޓިއުޓްގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބް ހުސްނުއްސުއޫދެވެ.
ސުއޫދު ވިދާޅުވީ ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ އިތުރު ބައްދަލުވުންތަކެއް އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި މިއަދާއި މިރޭ އަދި މާދަމާ ވެސް ބާއްވާނެ ކަމަށެވެ.
ކޯސްތަކާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކަށް ވީހާ ވެސް ގިނަ ފަރާތްތަކަކުން ވަަޑައިގެން ދެއްވުމަށް މޯލްޑިވްސް ލޯ އިންސްޓިޓިއުޓާއި ވިލާ ކޮލެޖުން ވަނީ އެދިިފަ އެވެެ.