ސަރަންސްކް، ރަޝިޔާ: ވޯލްޑްކަޕް 2018ގެ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ޕޯޗުގަލް އިން ދެވަނަ ބުރުން ޖާގައެއް ހޯދައިފިއެވެ.
ޕޯޗުގަލް އާއި އިރާން ބައްދަލުކުރި މެޗް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ސަރަންސްކްގެ މޮރްޑޯވިިއާ އެރީނާ ގައި ކުޅުނު މި މެޗްގެ ފުރަތަމަ ހާފުގައި ޕޯޗުގަލް އިން ގިނަ ވަގުތު ބޯޅަ ގެންގުޅެފައިވާއިރު ގިނަ ހަމަލާތައް ވެސް އުފައްދާފައި ވަނީ އެޓީމުންނެވެ. އެހެން ނަމަވެސް ކައުންޓަރ އެޓޭކްގައި އިރާން ޓީމުން ވަނީ ޕޯޗުގަލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
މި މެޗްގައި ޕޯޗުގަލްގެ ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓްގައި ކާމިޔާބުކޮށްދިނީ ރިކަޑޯ ކަރެސްމާއެވެ. މިއީ ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ވަރަށް ރީތި ހަމަލައަކުން ކާމިޔާބުކުރި ގޯލެކެވެ.
މެޗްގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ޕޯޗުގަލް ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ވެސް ޕޯޗުގަލް އިން މޮޅަށް ކުޅެފައިވާއިރު ލީޑު ފުޅާކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް މެޗްގެ 52 ވަނަ މިނިޓްގައި ރޮނާލްޑޯއަށް ލިބި ވަނީ ބޭކާރުވެފައެވެ. އީރާންގެ ޑިފެންޑަރެއް ރޮނާލްޑޯ އަށް ކުރި ފައުލަކަށް ވީއޭއާރްގެ އެހީގައި ރެފްރީ ބެލުމަށްފަހު ޕެނަލްޓީއެއް ދޭން ނިންމިއެވެ. އެހެންނަމަވެސް ރޮނާލްޑޯ ފޮނުވާލި ބޯޅަ އީރާންގެ ކީޕަރު ވަނީ ހުށިޔާރުކަމާއި އެކު ދިފާޢުކޮށްފައެވެ.
އިރާނަށް އެއްވަރުކޮށްދިނީ މެޗްގެ 92 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ކަރީމް އަންސަރިފާދް އެވެ.
ޕޯޗުގަލް އަށް ގްރޫޕްގެ 2 ވަނަ ލިބިފައިވާއިރު އެޓީމު ދެވަނަ ބުރުގައި ބައްދަލުކުރާނީ، ގްރޫޕް އޭގެ އެއްވަނަ އުރުގުއޭ އާއެވެ.